ޓެކްސީ ޑްރައިވަރެއް ކަމަށްވާ ގާސިމް ހަސަންގެ ކަރަށް ހަމަލާދީ، މަރާލި މައްސަލާގައި ދައުވާލިބުނު އަދުހަމް މުހައްމަދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ މަރުގެ ހުކުމް ހައި ކޯޓުން މިއަދު ދަމަހައްޓައިފި އެވެ. 

ހުޅުމާލޭގައި ގާސިމް ޓެކްސީ ދުއްވަމުން ދަނިކޮށް ޑިސެމްބަރު، 2019 ގައި ގާސިމްގެ ކަރަށް އަދުހަމް ވަޅިއަކުން ހަމަލާދީ މަރާލީ އެ ޓެކްސީގެ ފަހަތު ސީޓުގައި އިނދެފައި، ގާސިމްގެ އަތުން ފޭރެން އުޅުމުގެ ތެރޭގަ އެވެ. އެ މައްސަލާގައި އަދުހަމް މަރަން ކްރިމިނަލް ކޯޓުން ހުކުމްކުރީ 2023 ވަނަ އަހަރު އެވެ.

އެ ހުކުމުގެ ސައްހަކަން ކަށަވަރުކުރަން ދައުލަތުން ހައި ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް ހިންގުމަށް ފަހު މިއަދު އިއްވި ހުކުމްގައި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅާފައިވަނީ ދަށު ކޯޓުގެ ހުކުމް ރަނގަޅު ކަމަށެވެ.

އެ މައްސަލާގައި ގާސިމް މަރާލި ކަމަށް އަދުހަމް ތަހުގީގު މަރުހަލާގައި އިއުތިރާފުވެ، ދައުލަތާ އެކު އެއްބަސްވުމެއް ވެސް ހެދި ނަމަވެސް، ދަށު ކޯޓުގައި ފަހުން އެ ދައުވާއަށް އިންކާރުކުރި އެވެ. އަދި އޭނާ އޭރު ބުނެފައިވާ ގޮތުން އޭނާ ކުށަށް އިއުތިރާފުވެފައިވަނީ މަސްތުގެ ހާލަތުގައި ކަމަށާއި އަދި ފުލުހުން އޭނާއަށް މަސްތުވާތަކެތި ދިން ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ. ނަމަވެސް، އެކަން ސާފުކުރަން ޝަރީއަތުން ކުރި މަސައްކަތުން އެއީ ހަގީގަތް ނޫން ކަން އެނގޭ ކަން ހުކުމްގައިވެ އެވެ. 

އަދުހަމް ބުނެފައިވާ ގޮތުން ފޭރެން އުޅުމުގެ ތެރޭގައި ގާސިމްގެ ކަރުގައި ވަޅި ޖެއްސުމާ އެކު އޭނާ ތެޅިގަތުމުން ވަޅި ކަރަށް ހެރުނީ އެވެ. ނަމަވެސް ހައި ކޯޓުގެ ފަނޑިޔާރު ދީބާނާޒް ފަހުމީ ހުކުމް އިއްވަވަމުން ވިދާޅުވީ ގާސިމްގެ ކަރަށް ވަޅި ހެރިފައިހުރި ފުންމިނާއި ލިބިފައިވާ ޒަހަމުން އެއީ ގަސްތުގައި ކަރަށް ވަޅި ހެރުމުން ލިބިފައިވާ ޒަހަމް ކަމަށް ބެލެވޭ ކަމަށެވެ.

އެކަމަށް ދުރާލާ ތައްޔާރުވުމުގެ ގޮތުން، އަނިޔާއެއް ދެވޭ ވަރުގެ ވަޅިއެއް ހޯދައި، ދުވަސްވީ މީހަކު އަތުން ފޭރެން ފަސޭހަވާނެތީ އެފަދަ މީހަކަށް ހަމަލާދޭން އަދުހަމް ތައްޔާރުވި ކަމަށް ހުކުމްގައިވެ އެވެ. އެހެންކަމުން އެ ކުށް ކުރުމަށް އަދުހަމްގެ ނިޔަތާއި ވިސްނުމާއި ރޭވުންތެރިކަން އޮތް ކަމަށް ވެސް ހުކުމްގައިވެ އެވެ. 

ގާސިމަށް ހަމަލާދިން ވަޅި އާއި އަދުހަމް އެ ވަގުތު ލައިގެން ހުރި ގަމީސް ފޮރުވި ނަމަވެސް، ފަހުން ފުލުހުން އެ ތަކެތި ހޯދާފައިވާއިރު އެ ވަޅިން އަދުހަމާއި ގާސިމްގެ ޑީއެންއޭ ފެނިފައިވެ އެވެ. އެހެންވެ، ގާސިމަށް އެ ވަޅިން ހަމަލާދިނުމުން ނޫން ގޮތަކަށް އެ ވަޅީގައި އޭނާގެ ޑީއެންއޭ ހުންނަން ޖެހޭ ސަބަބެއް ނެތް ކަމަށް ވެސް  ހުކުމްގައިވެ އެވެ. 

ގާސިމަށް ހަމަލާދިނީ މަސްތުގެ ހާލަތުގައި ހުރެގެން ކަމަށް އަދުހަމް ބުނެފައި ވިޔަސް، އޭނާ މަސްތުވެފައިވަނީ މަޖުބޫރު ކަމެއް ނެތި އަމިއްލަ އިހުތިޔާރުގައި ކަމަށް ވާތީ އެ ކުށުގެ ޒިންމާ އޭނާ ނަގަން ޖެހޭނެކަން ހުކުމްގައި ފާހަގަކޮށްފައިވެ އެވެ. 

ގާސިމްގެ ފަސް ދަރިން ތިބިއިރު، އެ ފަސް ދަރިން ވެސް އެދިފައިވަނީ އަދުހަމްގެ ކިބައިން މަރަށް މަރު ހިފުމަށެވެ. އަދި އެމީހުންގެ ކިބައިން އަދުހަމް މައާފަށް އެދިފައިވީ ނަމަވެސް، ހުކުމް ކުރުމާ ހަމައަށް މާފު ދީފައިނުވާ ކަމަށް ހުކުމުގައިވެ އެވެ.

އެހެންކަމުން، އަދުހަމް ގާސިމް މަރާލާފައިވަނީ އެކަމުގެ ގަސްތު އޮވެގެން ކަމަށްވާތީ އަދުހަމްގެ މައްޗަށް މަރުގެ އަދަބު ނުދެވެންވީ އެއްވެސް ހާލަތެއް ނެތް ކަމަށް އިސް ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާ އަދި ފަނޑިޔާރު ހުސައިން މަޒީދު ވެސް ތާއިދު ކުރެއްވި ހުކުމްގައިވެ އެވެ.

އަދުހަމްގެ މަރުގެ ހުކުމަށް ހައި ކޯޓުން ތާއީދުކުރި ނަމަވެސް އެ ހުކުމް ތަންފީޒު ކުރެވޭނީ ސުޕްރީމް ކޯޓުން އެ ހުކުމް ދަމަހައްޓައިފިނަމަ އެވެ.