ގާސިމް މަރާލި މީހާ ކުށަށް އިއުތިރާފުވެއްޖެ: ސީޕީ

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާ ކުށަށް އިއުތިރާފުވެފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހަންމަދު ހަމީދު ވިދާޅުވެއްޖެ އެވެ.


އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުން ހައްޔަރުކޮށްފައިވާ މީހާ ކުށަށް އެއްބަސްވުމުގެ އިތުރުން އޭނާ އެ އަމަލު ހިންގި އިރު ލައިގެން ހުރި އަންނައުނު ވެސް ފުލުހުން މިހާރު ހޯދައިފައިވާ ކަމަށެވެ.

ސީޕީ ވިދާޅުވީ އިއްޔެ ހައްޔަރު ކުރި އެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ދީފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި އިތުރަށް ހޯދަން ޖެހޭ ފޮރެންސިކް ހެކިތައް ފުލުހުން ހޯދަމުން އަންނަ ކަމަށާއި މި މައްސަލައިގެ މައުލޫމާތު އަންނަ ހަފުތާގެ ތެރޭގައި އާންމު ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ގާސިމް، 59، އަށް ހަމަލާ ދިން ހަތިޔާރު ހޯދާފައިވާ ކަމަށް ފުލުހުން ކުރިން ވަނީ ބުނެފަ އެވެ. ހަތިޔާރު ހޯދީ ގާސިމްގެ ހަށިގަނޑު ފެނުނު ސަރަހައްދާ 300 ވަރަކަށް މީޓަރު ދުރުން ގަސްތަކުގެ ތެރެއިންނެވެ. އަދި ކުށުގެ ވެށިން، ތުހުމަތުކުރެވޭ މީހުންގެ ޑީއެންއޭ އާއި ފިންގަޕްރިންޓް ވެސް ފެނިފައިވާ ކަމަށް ސީޕީ ހަމީދު ކުރިން ވިދާޅުވެފައި ވެ އެވެ.

ގާސިމްގެ ކަރަށް، ތޫނު އެއްޗަކުން ހަމަލާ ދިނުމުން ހުޅުމާލޭ ރީތިގަސް މަގަށް ވެއްޓިފައި އޮއްވައި ފެނިގެން ފުލުހުންނަށް ރިޕޯޓްކުރީ މި މަހުގެ ހަތަރު ވަަނަ ދުވަހުގެ ރޭ ރޭގަނޑު 9:07 ގަ އެވެ. އެއީ އެކަހެރިކޮށް އޮންނަ އަނދިރި ހިސާބެކެވެ.

ގާސިމްގެ ހަށިގަނޑު ފެނުނު ސަރަހައްދުގައި އޭނާގެ ޓެކްސީ ވެސް އޮތެވެ.