ހަރުކަށި ފިކުރާ ދެކޮޅަށް ރ. މަޑުއްވަރީގައި މިދިޔަ ބުދަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ އޮޕަރޭޝަން އަދިވެސް ކުރިއަށް ގެންދާ ކަމަށް ފުލުހުން މިއަދު ބުނެ އެވެ.

ހަރުކަށި ފިކުރުގެ ސަބަބުން ހާލުގައި ޖެހިފައިވާ އަންހެނުންނާއި ކުޑަކުދިންނަށް އެހީތެރިވުމަށާއި އެ ފިކުރު ނައްތާލަން އެ ރަށުގައި ކުރިއަށް ގެންދާ އޮޕަރޭޝަނާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޖެންޑާ މިނިސްޓްރީ އާއި ފުލުހުން ގުޅިގެން "އެ ތަހުގީގު އަދިވެސް ކުރިއަށް ދާ" ކަމަށެވެ.

އެކަމަކު މިހާތަނަށް ހާމަކުރި މައުލޫމާތުތައް ފިޔަވައި އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ފުލުހުންނާއި ސިފައިންގެ އިތުރުން ޖެންޑާ މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަންގައި އެރަށުގެ ހަތް ގެއަކާއި ދޯންޏެއް ބަލައި ފާސްކޮށް ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ބައެއް ކުދިންން ހިމާޔަތަށް ވެސް ސަރުކާރުން، މި އޮޕަރޭޝަންގެ ތެރޭގައި އަންނަނީ ފިޔަވަޅު އަޅަމުންނެވެ. އޭގެ ތެރޭގައި ވެކްސިން ދޭން ދެކޮޅުހެދި އެ ރަށު ދެމަފިރިއެއްގެ އަތުން ކުއްޖާ ވަކިކޮށް، ކުއްޖާގެ ބޮޑުދައިތައަކާ ހަވާލުކުރުން ހިމެނެ އެވެ.

ފުލުހުން ބުނީ އެގޮތަށް އަމަލްކުރީ ކުޑަކުދިންނަށް ކިޔަވައިދިނުމާއި ވެކްސިން ދޭން އެ އާއިލާއިން އިންކާރު ކުރާތީ ފުލުހުންގެ ހާޒިރުގައި ޖެންޑާ މިނިސްޓްރީގެ ފަރާތުން ތަކުރާރުކޮށް ނަސޭހަތް ދިނުމުން ވެސް ގަބޫލުނުކުރުމުން ކަމަށެވެ.

އެކަމަކު މަޑުއްވަރީގެ އެހެން އާއިލާއަކަށް ނަސޭހަތް ދިނުމުން އެ އާއިލާގެ ތިން ކުއްޖަކަށް ވެކްސިން ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މަޑުއްވަރީގައި ދީނީ ހަރުކަށި ފިކުރު އުފެދި، ރަށުގެ އެހެން މީހުންނާ ވަކިން ކަހަލަ ގޮތަކަށް އުޅުމުގެ އާދަ ރަށުގައި އުފެދެން ފެށީ 2000ގެ އަހަރުތަކުގެ ކުރީކޮޅު ކަމަށް ބައެއް މީހުން ބުނެ އެވެ. އެ މީހުންގެ ފިކުރަށް ތާއީދު ނުކުރާ މީހުންނަކީ މުސްލިމުން ނޫން ކަމަށް ދެކެ އެވެ.

ކައިވެނީގެ ނަމުގައި ކުޑަކުދިން ފިރިހެނުންނާ ހަވާލުކޮށް، ދެމަފިރިކަމުގެ ގުޅުމަށް ފުރުސަތު ހުޅުވާލުމަކީ ވެސް އެ މީހުންގެ ތެރޭގައި އޮންނަ ކަމެކެވެ. އެވެ.