ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، އާލާސްކަންފުޅާ އުޅުއްވާތީ އައިޖީއެމްއެޗުގައި ރޭ ފަތިހު އެޑްމިޓްކޮށްފި އެވެ.

މައުމޫންގެ ފަރާތްޕުޅުން ވާހަކަ ދެއްކެވި ބޭފުޅަކު މިއަދު ވިދާޅުވީ، މައުމޫން އެޑްމިޓް ކުރީ އަރިދަފުސް ރޯގާ ރަނގަޅު ނުވެ، ދިގުލައިގެން ދިއުމުން ޓެސްޓުތަކެއް ހެދުމަށް ކަމަށެވެ.

އެނގިފައިވާ ގޮތުގައި މައުމޫން، ހުމުގެ އާލާސްކަންފުޅެއްގައި އުޅުއްވާތާ ފަސް ވަރަކަށް ދުވަސް ވެއްޖެ އެވެ.

މައުމޫން، މިދިޔަ އަހަރު ޖަލުގައި ބަންދުކޮށްފައި ހުންނެވި ދުވަސްވަރު ވަނީ ލޮލުގެ ފަރުވާ އާއި ބެނައިން ޕްރޮކްސިސިމަލް ޕޮޒިޝަނަލް ވާޓިގޯގެ ބައްޔަށް ފަރުވާ ހޯއްދަވައިފަ އެވެ. އެއީ ކުއްލިއަކަށް ބޯއަނބުރައި ކޮއްޅަށް ހުންނަވަން ދަތިވެ އަމިއްލަ އަށް އެއްވެސް ކަމެއް ނުކުރެވޭ ހާލަތަށް ދާ ބައްޔެކެވެ.

ހުމުގެ އާލާސްކަންފުޅެއްގައި މައުމޫން ހޮސްޕިޓަލުގައި އެޑްމިޓްކުރިއިރު، އިއްޔެ ވަނީ އެމަނިކުފާނުގެ 82 ވަނަ އުފަން ދުވަސް ފާހަގަކުރައްވައިފަ އެވެ.