ނެނޯ ނީޑްލް ބޭނުންކޮށްގެން ހުޅުތަކުގެ އޮޕަރޭޝަންކުރަން ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގައި ފަށައިފި އެވެ.
އެ ހޮސްޕިޓަލުން ރޭ އާއްމުކުރި ވީޑިއޯއެއްގައި، ކަށީގެ އޮޕަރޭޝަން ޑޮކްޓަރު، ހުސެއިން ޝަކީލް ވިދާޅުވީ ކައްޓަށް ލިބިފައިވާ ގެއްލުން، ނުފަޅައި އާތުރޮސްކޮޕިކް ނެނޯ ނީޑްލް ހަނި ދޭތެރެއަކަށް ކެމެރާ ލައްވައިގެން ބެލޭނެ ކަމަަށެވެ.
ކަށީގެ އޮޕަރޭޝަން ސްޕެޝަލިސްޓް، ޑރ. އިސްމާއިލް ޒާހިރު ވިދާޅުވީ، ހުޅަށް ލިބިފައި ހުރި ގެއްލުން ކެމެރާ ލައްވައި ބަލައި، ކަށިކޮޅެއް އިތުރަށް ބޮޑުވެފައި ހުރިތޯ ބެލޭނެ ކަމަށެވެ. އޭރުން އޮމާންފަށަލަ ހަލާކުވެފައި ހުރިތޯ ބަލައި އަދި ވަށައިގެން ހުންނަ ހާލަތު ބެލޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޑައިގްނޯޒް ކުރުމަށް ވަރަށް ފަސޭހަތަކެއް ލިބިގެންދިޔައީ. އެމްއާރުއައި ނުހަދާ ޑައިގްނޯޒް ކުރެވޭނެ. މިއީ ވަރަށް ބޮޑު ކުރިއެރުމެއް ކުދިކުދި ހުޅުތަކުގެ ފަރުވާއަށް ލިބުނު،" އޭނާ ވިދާޅުވި އެވެ.
ޑރ. އަސަދު ޝަހީދު ވިދާޅުވީ އެ ގޮތަށް އޮޕަރޭޝަނަށް ފަހު، ހޮސްޕިޓަލުން ދޫކޮށްލުމާއި ރިހިބިލިޓޭޝަނަށް ފަސޭހަވާނެ ކަމަށެވެ. އެއީ ޑޭ ކެއާއެއް ގޮތަށް ވެސް ކުރެވޭ އޮޕަރޭޝަނަކަށް ވާތީ، އެ ފަދަ އޮޕަރޭޝަންތައް ގިނަވުމަކީ އޮޕަރޭޝަން ސާވިސް އަށް ލިބުނު ކުރިއެރުމެއް ކަމަށް އަސަދު ވިދާޅުވި އެވެ.
އައިޖީއެމްއެޗުގެ ހިދުމަތްތައް ރަނގަޅު ކުރަން މި ފަހުން އަންނަނީ އާ ހިދުމަތްތައް ތައާރަފް ކުރަމުންނެވެ. އޭގެ ތެރޭގައި އާ އޮޕަރޭޝަންތައް ހިމެނެ އެވެ.