ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާލާސްކަންފުޅާ އުޅުއްވާތީ އައިޖީއެމްއެޗްގައި އާދިއްތަ ދުވަހުގެ ފަތިހު އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށް ފަހު، މިއަދު ދޫކޮށްލައިފި އެވެ.
އެ މަނިކުފާނު ހޮސްޕިޓަލުގައި އެޑްމިޓްކުރީ އަރިދަފުސް ރޯގާ ރަނގަޅު ނުވެ ދިގުލައިގެން ދިއުމުން، ޓެސްޓުތަކެއް ހަދާށެވެ. "މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ މަނިކުފާނު އެޑްމިޓްކުރީ ހުމުގެ އާލާސްކަންފުޅެއްގައި ފަސް ވަރަކަށް ދުވަހު އުޅުއްވި ފަހުންނެވެ.
"އަޅުގަނޑަށް ޖެހުނު އިންފެކްޝަން ރަނގަޅުވުމުން، މާތް ﷲގެ އިރާދަފުޅުން އަޅުގަނޑު މިހާރު ހޮސްޕިޓަލުން ގެއަށް އަތުވެއްޖެ އިން. މާތް ﷲގެ ރަހުމަތަށް އަޅުގަނޑު ޝުކުރުވެރިވަން. އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުން އަދި މެނޭޖްމެންޓުން އަޅުގަނޑަށް ދެއްވި އެހީތެރިކަމަށް އަޅުގަނޑު ޝުކުރުއަދާ ކުރަން،" މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
މައުމޫންގެ ހާލުކޮޅު ރަނގަޅު ކަމަށް އެ މަނިކުފާނުގެ ދަރިކަނބަލުން އަދި އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިިނިސްޓަރު ޔުމްނާ މައުމޫން ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.
މައުމޫން، 2018 ވަނަ އަހަރު ޖަލުގައި ބަންދުކޮށްފައި ހުންނެވި ދުވަސްވަރު ވަނީ ލޮލުގެ ފަރުވާ އާއި ބެނައިން ޕްރޮކްސިސިމަލް ޕޮޒިޝަނަލް ވާޓިގޯގެ ބައްޔަށް ފަރުވާ ހޯއްދަވައިފަ އެވެ. އެއީ ކުއްލިއަކަށް ބޯއަނބުރައި ކޮޅަށް ހުންނަވަން ދަތިވެ އަމިއްލަ އަށް އެއްވެސް ކަމެއް ނުކުރެވޭ ހާލަތަށް ދާ ބައްޔެކެވެ.