ލ. ގަމުގައި 16 އަހަރުގެ ކުޑަ އަންހެން ކުއްޖަކާއެކު ރާބޯން ތިބި ތިން ފިރިހެނަކު ފުލުހުން ރޭ ހައްޔަރު ކޮށްފި އެވެ.
ފުލުސް އޮފީހުން މިއަދު ބުނީ ގަމުގައި ތިބޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކުޑަކުއްޖާއާ އެކު ހައްޔަރު ކުރީ، 22 އަހަރާއި 33 އަހަރު އަދި 40 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެ މީހުން ހައްޔަރު ކުރީ ރޭ ނުވައެއް ޖަހާކަންހާއިރު، ގަމު ތުނޑީ އަވަށު ބަނދަރުގެ ދެކުނު ފަރާތުން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި ހައްޔަރު ކުރި މީހުންގެ އަތުން، ބަނގުރާ ހުރި 500 އެމްއެލްގެ ފުޅިއެއް ވަނީ ފެނިފަ އެވެ.
ޅ. ނައިފަރުގައި ފުލުހުން މިއަދު ހިންގި އޮޕަރޭޝަނެއްގައި ވަނީ ޕާޓީ ޑްރަގްތަކެއް ވެސް ހޯދާފަ އެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު ހައެއް ޖެހި އިރު، 31 ގުޅަ ޕާޓީ ޑްރަގްއާ އެކު ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މަސްތުވާތަކެތި ހޯދައި، ބަލާ ފާސްކުރުމަށް އާ އަހަރާ ދިމާކޮށް ފުލުހުން ވަނީ މާލޭގައި ހާއްސަ އޮޕަރޭޝަނެއް ވެސް ފަށައިފަ އެވެ. މި އޮޕަރޭޝަން ކުރިއަށް ގެންދާއިރު، ޝައްކު ކުރެވޭ ތަންތަން ފާސްކޮށް، ޝައްކު ކުރެވޭ މީހުންނާ ސުވާލުކޮށް އަދި މަގުމަތީގައި ޓްރެފިކް ބެލެހެއްޓުން ކުރިއަށް ވުރެން ވަނީ ވަރުގަދަ ކޮށްފަ އެވެ.