އައްޑޫގައި ކުނިން ހަކަތަ އުފައްދަަން 14 މިލިއަން ޑޮލަރުގެ ލޯނެއް ހަމަޖެހިއްޖެ

ކުނިން ހަކަތަ އުފައްދާ މަޝްރޫއެއް އައްޑޫގައި ހިންގަން އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން 14 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 216 މިލިއަން ރުފިޔާ) ގެ ލޯނެއް ރާއްޖެ އަށް ދޭން ނިންމައިފި އެވެ.


އެންވަޔަރަމެންޓް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި ރާއްޖެއަށް މި ލޯން ދެނީ އިންޓަނޭޝަނަލް ރިނިއުއަބަލް އެނާޖީ އޭޖެންސީ (އައިރީނާ) މެދުވެރިކޮށެވެ. އައިޑީއެފްޑީ އިން މިކަން ނިންމީ، އަބޫދާބީގައި މިހާރު ކުރިއަށްދާ އައިރީނާގެ 10 ވަނަ އެސެމްބްލީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

އެ ރަސްމިއްޔާތުގައި އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަންގެ އިތުރުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ހުންނަ ދިވެހިރާއްޖޭގެ ސަފީރު ޑރ. ހުސެއިން ނިޔާޒާއި ފެނަކަ ކޯޕަރޭޝަންގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ.

މިނިސްޓްރީން ބުނިގޮތުގައި ސ. ހިތަދޫގައި ގާއިމް ކުރާ، ކުނި މެނޭޖްކުރާ މަރުކަޒުން ކަރަންޓާއި ފެން އުފައްދާނީ ގުދްރަތީ ގޮތުން ނެތިފަނާވެދާނެ ބާވަތުގެ ކުނި އަންދައިގެންނެވެ. އައްޑު އާއި ފުވައްމުލަކުގެ އިތުރުން ގއ. އަދި ގދ. އަތޮޅުގެ ރަށްރަށުންނާއި އެ އަތޮޅުތަކުގައި ހިމެނޭ ރިސޯޓުތަކުގެ ކުނި ވެސް މެނޭޖްކުރާނީ ހިތަދޫގައި ހަދާ މަރުކަޒުން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އޭޑީއެފްޑީ އަށް ރާއްޖެ އިން މި މަޝްރޫއު ހުށަހެޅީ މިދިޔަ އަހަރެވެ. އިޔާދަކުރަނިވި ހަކަތަ އާއި އެއާ ގުޅުން ހުރި މަޝްރޫއުތައް މި އަހަރު ހިންގަން އަށް ގައުމަކަށް 104.5 މިލިއަން ޑޮލަރު ދޭން އޭޑީއެފްޑީ އާއި އައިރީނާ އިން ނިންމި ކަމަށް މިނިސްޓްރީން ބުންޏެވެ.