ހިމަބިހި ޖެހިފައި ހުރިކަމަށް ޝައްކުކުރެވުނު 17 އަހަރުގެ ފިރިހެން ކުއްޖާ އެ ބައްޔަށް ނެގެޓިވް ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ އެ ފިރިހެން ކުއްޖާއަކީ ވެކްސިން ޖަހާފައިވާ ކުއްޖެއް ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެ އެވެ.

އައިޖީއެމްއެޗުން މިއަދު ބުނީ ހިމަބިއްސަށް ޝައްކުކުރެވުނު ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ އިއްޔެގެ އިރުއޮއްސުނުހާއިރު ކަމަށެވެ. އެއާއެކު ޓެސްޓުތައް ހަދަން ފެށިކަމަށް ބުންޏެވެ.

ރާއްޖެ އިން ނައްތާލާފައިވާކަން އިއުލާނުކޮށްފައިވަނިކޮށް، މި ފަހުން ދެ މީހަކަށް ހިމަބިހި ޖެހިފައިވާކަން ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ. އެއީ ތިން އަހަރުގެ ފިރިހެން ކުއްޖަކަށާއި 30 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެ ދެ މީހުންނަށް ވެސް ހިމަބިހި ޖެހިފައިވާކަމަށް ޝައްކުކުރަނީ ހުޅުމާލެއިންނެވެ. ނަމަވެސް މިހާތަނަށް ބެލި ބެލުމުން، އެ ދެ މީހުންގެ އެއްވެސް "ކޮންޓެކްޓެއް" ނެތް ކަމަށް މިނިސްޓްރީން ބުންޏެވެ.

ސަރުކާރުން ވަނީ ހިމަބިހީގެ ޑޯޒް ފުރިހަމަނުކުރާ މީހުންނަށް ހާއްސަކޮށްގެން ޕްރޮގްރާމެއް ކުރިއަށްގެންދަން ނިންމައިފަ އެވެ.

ހިމަބިހީގެ އަލާމާތްތައް ފެންނަން ފަށާނީ ވައިރަސްގެ އަސަރު ކުރާތާ 10-14 ދުވަސް ތެރޭގަ އެވެ. ބަލީގެ އާންމު ނިޝާންތަކާއި އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ހިކިކޮށް ކެއްސުމާއި ނޭފަތުން ފެން/އަރިދަފުސް ފޭބުމާއި ކަރުގައި ރިއްސުން އަދި ލޯ ދުޅަވެފައި ހުރުން ހިމެނެ އެވެ.