ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓް އާންމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އިއްޔެ އާންމުކުރި އެ ލިސްޓް ސަރުކާރުގެ ގެޒެޓާއިި އިލެކްޝަން ކޮމިޝަންގެ ވެބްސައިޓުގެ އިތުރުން ރަށްރަށާއި ސިޓީތަކުގެ ކައުންސިލްތަކުގައި އާންމުކޮށް ފެންނާނެހެން ވަނީ ބަހައްޓާފަ އެވެ.
އަދި VR space IDNO ޖެހުމަށް ފަހު 1414 އަށް މެސެޖްކޮށްގެން ވެސް ޗެކް ކުރެވޭނެ އެވެ.
މިމަހުގެ 20 ގެ ނިޔަލަށް ޝަކުވާ ބަލައިގަތުމަށް ވެސް އިލެކްޝަން ކޮމިޝަނުން ވަނީ ނިންމާފަ އެވެ. ޝަކުވާ ބަލައިގަންނަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު ފަހު 3:00 އަށެވެ. ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 3:00 އިން ހަވީރު 5:00 އަށެވެ.
މާލޭގައި ނަމަ ބާޖަމާލުއްދީން ސްކޫލުން ޝަކުވާ ބަލައިގަންނައިރު ރަށްރަށުގައި ރަށު ކައުންސިލްތަކުން ޝަކުވާ ބަލައިގަތުމަށް ވަނީ ނިންމާފަ އެވެ.
ކައުންސިލް އިންތިޚާބު:
- އިންތިހާބަށް ކުރިމަތިލާން ހުޅުވާލާނީ އަންނަ މަހުގެ ފުރަތަމަ ހަފްތާގައި.
- ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހާ އެކު ޖުމްލަ 980 ކައުންސިލަރުން އިންތިޚާބު ކުރާނެ.
- ރަށު ކައުންސިލްތަކަށް 372 އަންހެން ކައުންސިލަރުން އިންތިޚާބުކުރާނެ.
- މާލެ އާއި އައްޑު އާއި ފުވައްމުލަކުގެ އިތުރުން ކުޅުދުއްފުށީގައި މޭޔަރުން އިންތިޚާބުކުރާނެ.
- ރަށު ކައުންސިލްތަކުގެ ރައީސުންގެ ގޮތުގައި 179 މީހަކު އިންތިޚާބުކުރާނެ.
- އަތޮޅު ކައުންސިލަރުންގެ ގޮތުގައި އިންތިޚާބުކުރާނީ 18 މީހަކު.
- އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް 929 މެމްބަރުން އިންތިހާބު ކުރާނެ.
އިންތިޚާބު ބޭއްވުމަށް ނިންމާފައިވަނީ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު އެވެ.