ކަންބޮޑުވުންތަކާ ގުޅިގެން އޭސީސީގެ މެމްބަރުން ރައީސް އަރިހަށް

އޭސީސީ އަށް ސަރުކާރުގެ އެއްވެސް އިދާރާއަކުން ނުފޫޒު ނުފޯރުވުމަށް ރައީސް އެދިވަޑައިގެންފި އެވެ. އެމަނިކުފާނު މިހެން އެދިވަޑައިގަތީ އޭސީސީގެ މެމްބަރުންނާ އެކު ރައީސް މިއަދު ބޭއްވެވި ބައްދަލުވުމެއްގަ އެވެ.


ކޮރަޕްޝަނާ ދެކޮޅަށް ހުށަހަޅާ ޝަކުވާތަކާ ގުޅިގެން ގާނޫނީ ޒިންމާ އޭސީސިން އަދާކުރާއިރު، މަޝްރޫއުތައް ލަސްވާނެ ގޮތަށް އަމަލުނުކުރަން އެމަނިކުފާނު މީގެ ކުރިން ވަނީ އެދިވަޑައިގެންފަ އެވެ. ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް މިިދިޔަ ހަފުތާގައި ބޮޑުތިލަދުންމައްޗަށް ވަޑައިގެން ހއ. ވައިކަރަދޫގައި ރައީސް ވިދާޅުވެފައި ވަނީ މަޝްރޫއެއް ކުރިއަށް ގެންދަން ހުޅުވައިލާ ބީލަމަކާ ގުޅޭ ގޮތުން ޝަކުވާއެއް ހުށަހަޅައިފި ނަމަ އޭސީސީން އެކަން ބަލަންޖެހޭ ކަމަށާއި ކޮމިޝަންގެ ގާނޫނީ ޒިންމާއަކީ އެއީ ކަމަށެވެ.

ނަމަވެސް މަސައްކަތްތަކުގެ ހުރަހަކަށް އެއްވެސް ބޭފުޅަކު ވެގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސްގެ އެކަންބޮޑުވުންތަކާ އެކު އެމަނިކުފާނާ ބައްދަލުކުރައްވާނެ ކަމަށް އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ކުރިން ވިދާޅުވެފައި ވެ އެވެ.

އެ ބައްދަލުވުމުގައި އޭސީސީ މެމްބަރުން ވަނީ އެ ކޮމިޝަނަށް ހުށަހަޅާ މައްސަލަތަކާ ބެހޭގޮތުންނާއި އެ ކޮމިޝަންގެ މަސައްކަތްތައް ކުރިއަށްގެންދާ ގޮތާ ގުޅޭގޮތުން ރައީސާ މައުލޫމާތު ހިއްސާކުރެއްވި އެވެ. އެގޮތުން އޭސީސީ އަށް ހުށަހަޅާ މައްސަލަތަކާ ބެހޭގޮތުން އަމަލުކުރަމުން އަންނަ އާއްމު އުސޫލުތަކާއި މަޝްރޫއެއްގެ މަސައްކަތް ވަގުތީގޮތުން ހުއްޓާލަން އަންގާ ހާލަތްތަކުގައި ކޮމިޝަނުން ގެންގުޅޭ އުސޫލުތައް ފަދަ މައުލޫމާތުތައް އޭސީސީގެ މެމްބަރުން ރައީސާ ހިއްސާކުރެއްވި އެވެ.

ކޮރަޕްޝަނުގެ އަމަލުތައް ހުއްޓުވަން ދުރާލާ ފިޔަވަޅު އެޅުމަށް ސަރުކާރުގެ އިދާރާތަކަށް ބާރު އަޅަން މަސައްކަތްކުރަމުން ގެންދާކަން ވެސް އެ ކޮމިޝަނުގެ މެންބަރުން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ބައްދަލުކުރުމުގައި ރައީސް ވިދާޅުވީ ކޮމިޝަންގެ މަސައްކަތަށް ސަރުކާރުން ވެސް އަދި ސަރުކާރުގެ އެއްވެސް އޮފިޝަލަކު ވިއަސް ނުފޫޒު ފޯރުވަން އެދިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.

ކޮރަޕްޝަން ހުއްޓުވުމަކީ ސަރުކާރުން އެންމެ އިސްކަން ދޭ އެއް ދާއިރަކަން ފާހަގަކުރައްވައި ކޮރަޕްޝަނާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް ކޮމިޝަންގެ މެމްބަރުންގެ ކިބައިން ރައީސް އެދިވަޑައިގެންފައި ވެ އެވެ.

ކުރީގެ ސަރުކާރުގައި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނީ ޒިންމާ އަދާނުކުރާ ކަމުގެ ފާޑުކިއުންތަކާ އެކު ކޮމިޝަންގެ އިތުބާރާ މެދު ސުވާލު އުފެއްދި އެވެ. އެ ފުރުސަތު ނުދޭނެ ކަމަށް މި ސަރުކާރުން އޭސީސީ އަށް އައްޔަންކުރި މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.

ކުރީގެ ކޮމިޝަނާ ޚިލާފަށް އަމިއްލަ އަށް ވެސް އިސްނަގައިގެން ގިނަ މައްސަލަތަކެއް އާ ކޮމިޝަނުން ބަލަމުން އަންނަ އިރު، ކޮރަޕްޝަނާ ދެކޮޅަށް ގެންގުޅޭނީ ޒީރޯ ޓޮލަރެންސް ކަމަށް މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.