ހުޅުމާލޭގައި ދިން ވަޅީގެ ހަމަލާއާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފި

ޗައިނާގެ ދެ މީހަކަށާއި އޮސްޓްރޭލިއާގެ މީހަކަށް މިދިޔަ އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި ދިން ވަޅީގެ ހަމަލައިގެ ތުހުމަތަށް އިތުރު މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.


މި މައްސަލައިގައި ތިންވަނަ މީހަކު ހައްޔަރުކުރިކަން ބުނުން ފިޔަވައި އެއްވެސް ތަފްސީލެއް ފުލުހުން އަދިއެއް ނުދެ އެވެ. ވަރަށް ބޮޑަށް ރާވައިގެން ދިން ކަމަށް ބެލެވޭ މި ހަމަލައިގެ މައްސަލައިގައި ފުރަތަމަ ހައްޔަރުކުރި ދެ މީހުންނާ ގުޅޭ ތަފްސީލެއް ވެސް އަދި ނުދެ އެވެ. އެ ދެ މީހުން ހައްޔަރުކުރިކަން ފުލުހުން ހާމަކުރީ މިއަދު ހެނދުނެވެ.

ތިންވަނަ މީހާ ހައްޔަރު ކުރުމަށް ފަހު، ފުލުހުން ބުނީ އިތުރު ތަފްސީލެއް ލިބިއްޖެ ނަމަ އެކަން އާއްމުންނާ ހިއްސާ ކުރާނެ ކަމަށެވެ.

ފުލުހުން ރޭ ދަންވަރު ނެރުނު ބަޔާނެއްގައި ބުނީ، އަންގާރަ ދުވަހުގެ ރޭ 7-8 އާ ދެމެދު ދިން މި ހަމަލައިގެ ތުހުމަތު ކުރެވެނީ ހަރުކަށި ފިކުރުގެ ބަޔަކަށް ކަމަށެވެ. ހަމަލާ އަމާޒުވި ތިން މީހުންގެ ތެރެއިން އެކަކީ ޗައިނާގެ ޓޫރިސްޓެކެވެ. ދެން ތިބީ ރާއްޖޭގައި މަސައްކަތްކުރާ ޗައިނާގެ މީހަކާއި އޮސްޓްރޭލިއާ މީހެއް ކަމަށް ފުލުހުން ބުނެފައި ވެ އެވެ. ބައެއް މީހުން ބުނެފައިވާ ގޮތުގައި، ހަމަލާ ދީފައިވަނީ ހުޅުމާލޭގެ ތަފާތު ތިން ސަރަހައްދަކުންނެވެ. އެއީ ވައިޓްހާޕާއި ތަންދޫރީ ފްލޭމް އަދި ޓީޓައިމްސް ކައިރި އެވެ.

ފުލުހުން ކުރިން ބުނެފައި ވަނީ ބިދޭސީ ތިން ފިރިހެނުންނަށް ހަމަލަ ދިނީ ހެލްމެޓް އަޅައިގެން ސައިކަލްގައި ދިޔަ ދެ މީހަކު ކަމަށެވެ.

އެ ހަމަލައިގެ ޒިންމާ ނަގާ ކަމަށް ބުނެ، ހަރުކަށި ފިކުރުގެ ޖަމާއަތުން ރޭ ވަނީ ސޯޝަލް މީޑިއާގައި ވީޑިއޯއެއް ވެސް އާއްމުކޮށްފަ އެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އެއީ ރާއްޖޭގައި މަނާކޮށްފައިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ރާއްޖޭގެ ގޮފީގެ ބަޔަކު ނެރުނު ވީޑިއޯ އެކެވެ. އެ ވީޑިއޯގެ ސައްހަކަން ފުލުހުން އަންނަނީ ބަލަމުންނެވެ.

ފެހި ކުލައިގެ ޖުއްބާއެއް ލައިގެން ކަޅު ކުލައިގެ ފޮތިގަނޑަކުން މޫނު ނިވާކޮށްގެން ހުރެ، ދިވެހި ބަހުން ވާހަކަ ދެއްކި ފިރިހެން މީހާ ވަނީ ދެން ރާވާފައިވާ ހަމަލާތައް ދޭނެ ތަނަކާއި ވަގުތެއް ވެސް ނުވިސްނޭނެ ކަމަށް ބުނެ ވަރުގަދަ އިންޒާރެއް ދީފަ އެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ތުރުކީގެ މީހަކަށް ވެސް މިދިޔަ ޑިސެމްބަރު 28 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ވަޅިން ހަމަލަ ދީފައި ވެ އެވެ. އެކަމަކު، އެ މައްސަލައިގައި އަދި މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން އިއްޔެ ބުންޏެވެ.