ހައްޔަރުކުރި ޓޫރިސްޓުގެ ކިބައިން މަޖިލިސް މާފަށް އެދިއްޖެ

ބިކިނީގައި މަގުމަތީ އުޅެނިކޮށް މާފުށިން ހައްޔަރުކުރި ޓޫރިސްޓްގެ ކިބައިން ރައްޔިތުންގެ މަޖިލީހުން މިއަދު މާފަށް އެދިއްޖެ އެވެ.


ރައްޔިތުންގެ މަޖިލީހުގެ ނަމުގައި ސިސީލިއާ ޖެސްޓަވެސްކާގެ ކިބައިން މައާފަށް އެދިވަޑައިގެންނެވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. މަޖިލީހުގެ ރިޔާސަތުގައި އިންނަވާ އިނގިރޭސި ބަހުން ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އޭނާ އަލުން ރާއްޖެއަށް އަދި، ހާއްސަކޮށް މާފުށްޓަށް ޒިޔާރަތް ކުރަން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދައުވަތު ދެއްވާނެކަން ޔަގީންވެވަޑައިގަންނަވާ ކަމަށެވެ.

"ސިސީލިއާ ޖެސްޓަވެސްކާގެ ކިބައިން މި މަޖިލިސް މިއަދު މާފަށް އެދެން،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އޭނާއާ މެދު ކަންތައް ހިނގީ ވަރަށް ދެރަކޮށް ކަމަށާއި ކޮމިޝަނަރު އޮފް ޕޮލިސް އެކަމާ މައާފަށް އެދިވަޑައިގެންނެވުމުގެ އިތުރުން އެކަން ހިނގި ގޮތް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ތަފްސީލުކޮށް ދެއްވާފައިވާ ކަމަށެވެ.

"އަޅުގަނޑަށް ވަރަށް ޔަގީން އަޅުގަނޑުމެންގެ ޓޫރިޒަމް މިނިސްޓަރު އަދި މިރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑަށް ރުހޭނެ ސިސީލިއާ އަލުން ދިވެހި ރާއްްޖެއަށް އަދި މާފުށްޓަށް އަނބުރާ އައުމަށް ދައުވަތު ދޭން،" ނަޝީދު ވިދާޅުވި އެވެ.

މާފުށީގައި އޭނާ ހައްޔަރުކުރި މަންޒަރު ފެންނަ ވީޑިއޯއެއް ފުރަތަމަ އާއްމުވުމާ އެކު އާއްމުންގެ ފާޑުކިއުން ފުލުހުންނަށް ވަރަށް ބޮޑަށް އަމާޒުވި އެވެ. އެންމެ ބޮޑު ކަންބޮޑުވުމަކަށް ވީ، އެއްވެސް އަންހެން ފުލުހަކު، ނެތި މުޅިން ވެސް ފިރިހެން ފުލުހުންތަކެއް ވެގެން، ޓޫރިސްޓު އަންހެންމީހާ ހައްޔަރުކުރަން އުޅުމެވެ.

އޭގެ ދިފާއުގައި ފުލުހުން ބުނެފައި ވަނީ މާފުށީގައި އަންހެން ފުލުހުން ނެތުމުން އެވަގުތު ފިރިހެން ފުލުހުން ހަރަކާތްތެރިވާން ޖެހުނީ ކަމަށެވެ.

އެ އަންހެންމީހާ ހައްޔަރު ކުރުމުގެ ކުރިން، އޭނާ އަށް ނަސޭހަތްދީ ހުއްޓުވަން އުޅުނު ނަމަ، މަންޒަރު އެއަށް ވުރެ ރީތި ވާނެ ކަމަށް ބައެއް މީހުން ބުނެ އެވެ.

ނަމަވެސް އެކަން ހިނގައިދިޔަ ގޮތް ފެންނަ އެހެން ވީޑިއޯއެއް އާއްމުވުމާ އެކު ފެނުނީ އެހެން މަންޒަރެކެވެ. އެ ވީޑިއޯ އިން ފެންނަނީ އޭނާއަށް ވިސްނައިދޭން ފުލުހުން ފުރަތަމަ މަސައްކަތްކުރި ތަނެވެ. އެގޮތުން ބިކިނީގައި ރަށުގެ މަގުމަތީގައި ނޫޅެވޭނެ ކަމަށް ބުނެ ފުލުހުން ނަސޭހަތްދެ އެވެ. އެކަމަކު ސިސީލިއާ އެކަމާ ދެކޮޅު ހެދި އެވެ. އަދި ފަހުން ފުލުހުން ހައްޔަރުކުރަން އުޅުމުން ވަރަށް ބޮޑަށް ގަދަ ދެއްކި އެވެ.

ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެފައި ވަނީ އޭނާ ހައްޔަރު ކުރުމުގައި ފުލުހުން އަމަަލުކޮށްފައިވާ ގޮތް އެހާ ގޯސް ނޫން ކަމަށެވެ. އެކަމަކު އެއަށް ވުރެ ރަނގަޅަށް އެކަން ކުރެވިދާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަލާމަތީ ނަޒަރުން ބަލާއިރު ފުލުހުން އަމަލުކުރީ "ވަރަށް ގޯސްކޮށް" ކަމަށް ނުދެންނެވޭނެ ކަމަށެވެ.

އިމްރާންގެ އެވާހަކައާ މެދު ނަޝީދު ކަންބޮޮޑުވުން ފާޅުކުރެއްވި އެވެ. އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރުމާއި އަންހެނަކު ހައްޔަރު ކުރަން ފިރިހެން ފުލުހުން ހަރަކާތްތެރި ވުމަކީ ރާއްޖޭގެ ރީތި ނަން ޚަރާބުވާނެ ކަމެއް ކަމަށެވެ. އަންހެން ޓޫރިސްޓް ހައްޔަރުކުރަން ފިރިހެން ފުލުހުން އުޅުން އެމަނިކުފާނު ސިފަކުރެއްވީ "ގަޔަށް ބޮލަށް އެރުން" ކަމަށެވެ.