ސުޕްރީމް ކޯޓު ހިނގާ ގޮތް ދައްކަން އާންމުންނަށް ޓުއާ ދޭން ފަށަނީ

ސުޕްރީމް ކޯޓުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ބަލައިލުމުގެ ފުރުސަތު އާންމުންނަށް ދިނުމަށް ކޮންމެ މަހަކު ޓުއާއެއް ބާއްވަން އެ ކޯޓުން ނިންމައިފި އެވެ.


ސުޕްރީމް ކޯޓުން ބުނިގޮތުގައި އަންނަ މަހުން ފެށިގެން ކޮންމެ މަހެއްގެ ފުރަތަމަ ބުރާސްފަތި ދުވަހަކީ އޯޕަން ޑޭއެއްގެ ގޮތަށް އާންމުންނަށް އެ ކޯޓަށް ޒިޔާރަތް ކުރެވޭ ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ. ތިން ސެޝަނަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ ޓުއާގައި ކޮންމެ ސެޝަނެއްގައި 10 މީހަކަށް ބައިވެރިވެވޭނެ ކަމަށް އެ ކޯޓުން ބުންޏެވެ.

ސުޕްރީމް ކޯޓުން ބުނި ގޮތުގައި ޓުއާގައި ކޯޓުގެ ސެކްޝަންތަކަށް ޒިޔާރަތް ކުރުމާއި މަސައްކަތާ ބެހޭ މައުލޫމާތު ދިނުމާއި ޝަރީއަތުގެ މަޖިލީހާއި ކޯޓު އިމާރާތް ދައްކާނެ އެވެ. އަދި ސެޝަން ކުރިއަށްދާ ވަގުތު ޝަރީއަތެއް އޮތް ނަމަ، އެ ޝަރީއަތް އަޑުއަހަން ވަނުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް އެ ކޯޓުން ބުންޏެވެ.

ސުޕްރީމް ކޯޓުން ބުނި ގޮތުގައި އާންމުންނަށް ދޭ ޓުއާގެ އިތުރުން ސްކޫލްތަކާއި މަދަނީ ޖަމްއިއްޔާތަކާއި އެހެން ފަރާތްތަކުން އެދޭ ނަމަ، ޚާއްސަ ޓުއާތަކެއް އެ ފަރާތްތަކަށް އިންތިޒާމް ކޮށްދެވިދާނެ އެވެ. ޓުއާ އަށް އަންނަން ޖެހޭނީ ކޯޓުގެ ހުރުމަތާ އެކަށީގެންވާ ހެދުމެއްގައި ކަމަށް ވެސް އެ ކޯޓުން ބުންޏެވެ.

ކުރިން ރިޔާސީ ގަނޑުވަރުގެ ގޮތުގައި ބޭނުންކުރި ތީމުގޭގައި ހިނގަމުންދާ ސުޕްރީމް ކޯޓަކީ ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާ އެކު ބަލަހައްޓާ ތަނެއް ކަމަށް ވާތީ އެތަނުގެ އެތެރެ އާންމުކޮށް ފެންނާނީ ޝަރީއަތްތަކަށް ހާޒިރުވާ މީހުންނަށެވެ. އަދި ކޯޓުގެ އިދާރީ މަސައްކަތްތައް ހިނގާ ސަރަހައްދު ކޯޓަށް ހާޒިރުވާ މީހުންނަށް ވެސް އާންމުކޮށް ނުފެނެ އެވެ.

ކޯޓުތަކުގެ މަސައްކަތް ހިނގާ ގޮތް ބެލުމަށް ޓުއާތައް ބޭއްވުމަކީ އެހެން ބައެއް ގައުމުތަކުގެ ކޯޓުތަކުން ވެސް ކުރާ ކަމެކެވެ. އެގޮތުން އެމެރިކާގެ ސުޕްރީމް ކޯޓުގައި ވެސް ވަކި ދުވަސްތަކެއްގައި އެ ކޯޓަށް ޒިޔާރަތްކޮށް، ޓުއާގައި ބައިވެރިވުމުގެ ފުރުސަތު އާންމުންނަށް ދެ އެވެ.