ސީޕްލޭން ޓާމިނަލްގެ މައްސަލަ: އެމްއޭސީއެލް ވެސް މަޖިލީހަށް ހާޒިރުކުރަނީ

އެމްއޭސީއެލުން ބޮޑު ހަރަދެއް ކޮށްގެން އަލަށް ހަދާފައިވާ ސީޕްލޭން ޓާމިނަލް ކުއްޔަށް ދިނުމުގެ މައްސަލައިގައި އެމްއޭސީއެލްގެ އިސް ވެރިން ވެސް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މިއަދު ހާޒިރުކުރަން ތާވަލްކޮށްފި އެވެ.


އެމްއޭސީއެލްގެ ބޭފުޅުން ހާޒިރުކުރާ ބައްދަލުވުން ހަވީރު 4:00 ގައި ބާއްވަން މާލިއްޔަތު ކޮމިޓީން ވަނީ ތާވަލްކޮށްފަ އެެވެ. ޓީއެމްއޭއިން ޓާމިނަލްގެ ބޮޑު ބައެއް ހޯދަން އުޅޭ މައްސަލައިގައި މަންޓާ އެއާ ވެސް މިއަދު މާލިއްޔަތު ކޮމިޓީން ބައްދަކުރާނެ އެވެ.

އާ ސީ ޕްލޭން ޓާމިނަލުން ލައުންޖް ހަދަން ޖާގަ ކުއްޔަށް ދޫކުރަން ޓީއެމްއޭއަކު އެމްއޭސީއެލް އިން މަޝްވަރާކޮށްފައި ވަނީ ނިސްބަތުން ވަރަށް ކުޑަ އަގެއްގައި ކަމަށާއި އެއީ އެމްއޭސީއެލަށް ކުރެވޭނެ ކަމެއް ނޫން ކަމަށް، އިންޑަސްޓްރީގެ ތަޖުރިބާކާރުންނާއި ދައުލަތުގެ މިނިވަން ބައެއް މުއައްސަސާތަކުން އަންނަނީ ބުނަމުންނެވެ. އެމްއޭސީއެލުން މަޝްވަރާކުރަމުން އައި އަގުތަކުގައި އެތަނުން ޓީއެމްއޭއަށް ޖާގަ ދީފި ނަމަ އަހަރަކު 41 މިލިއަން ޑޮލަރުގެ އާމްދަނީއެއް ގެއްލިދާނެ ކަމަށް، އޮޑިޓަ ޖެނެރަލްގެ ހާއްސަ ރިޕޯޓަކުން އޮތީ ލަފާކޮށްފަ އެވެ.

މި މައްސަލައިގެ ތެރެއަށް އޭސީސީން ވެސް ވަނީ ވަދެފަ އެވެ. ވަކި ސީޕްލޭން އޮޕަރޭޓަރަކަށް ނުވަތަ އޮޕަރޭޓަރުންތަކަކަށް ނާޖާއިޒު ފައިދާ ހޯދައިދޭން މަސައްކަތް ކޮށްފައިވާ ކަމަށާއި އެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ކުރަމުން އަންނަ ކަމަށް ވެސް އޭސީސީން ބުނެފައިވެ އެވެ.

ސަރުކާރުން ނިންމާފައިވަނީ މެދު މިނުގެ ހައްލެއް

ކުރީގެ ސަރުކާރުގެ ދުވަސްވަރު އޮތް އެމްއޭސީއެލްގެ ބޯޑުން ކުރި މަޝްވަރާތަކުގައި ހިމެނޭ އެމްއޭސީއެލަށް ބޮޑު ގެއްލުމެއް ވެދާނެ ބައެއް ކަންކަން މި ސަރުކާރުން ވަނީ ހުއްޓުވައިފަ އެވެ. އެގޮތުން ކުރިން ވާހަކަ ދެއްކި ގޮތަށް، މުޅި ޓާމިނަލް ޓީއެމްއޭއަށް ކުއްޔަަށް ދިނުމުގެ ބަދަލުގައި،، ފިނޭންސް މިނިސްޓްރީން އެމްއޭސީއެލްގެ ބޯޑަށް އަަންގާފައި ވަނީ، ލައުންޖްތަކަށް ގާތްގަނޑަކަށް 5،000 އަކަމީޓަރުގެ ޖާގަ، މިހާރު ވެސް ޓީއެމްއޭއިން ދައްކާ އަގުގައި، ކުރިއަށް އޮތް ދެ އަހަރަށް ދިނުމަށެވެ.

އެކަމަކު ޓީއެމްއޭ އިން އެ އޮފާ ގަބޫލުނުކޮށް، މާލިއްޔަތު ކޮމިޓީއަށް މައްސަލަ ވައްދައިގެން ދައްކަމުން ދަނީ ހަގީގީ ވާހަކަތަކެއް ނޫނެވެ. ޓީއެމްއޭ އިން ބުނަނީ އެމްއޭސީއެލްއާ އެކު އެއްބަސްވުމެއް އޮތް ކަމަށެވެ. އެކަމަކު އެއްބަސްވުމެކޭ ބުނަނީ، އެމްއޭސީއެލުން ޓީއެމްއޭއަށް ފޮނުވި ސިޓީތަކަށް ބިނާކޮށެވެ. އެއީ އެގްރިމެންޓެއް އެކުލަވާލަން ދައްކަމުން ދިޔަ ވާހަކަތަކުގައި ހިޔާލު ތަފާތުވި ކަންކަމާ ބެހޭ އެންގުންތަކެކެވެ.

އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު، މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވަނީ، މިހާރު ދީފައި އޮތް އޮފާ، މި ވަގުތަށް ރަނގަޅު ކަމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ ސީޕްލޭން ޓާމިނަލް ކުއްޔަށް ދޫކުރުމަށް އެމްއޭސީއެލް އާއި ޓީއެމްއޭއާ ދެމެދު ކޮށްފައިވާ މަޝްވަރާތަކުން ފެންނަނީ ކުރީގެ ސަރުކާރުން ވައްކަން ކުރަން ރާވާފައި އޮތް ވަރު ކަމަށެވެ.

"ސީޕްލޭން ޓާމިނަލްގެ ކަންތައްތައް ރަނގަޅަށް ބަލައިލީމާ، ވައްކަން ކޮށްފައި އޮތް ވަރު، ވައްކަން ކުރަން ރާވާފައި އޮތް ވަރު އެބަ ސާފުވޭ ވަރަށް ބޮޑަށް،" އޭނާ ވިދާޅުވި އެވެ.