ޕީޖީ ޝަމީމް، މައްސަލައެއްގައި އަމިއްލަ އަށް ވަކާލާތު ކުރަން ކޯޓަށް ވަޑައިގަންނަވަނީ

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް، އެ މަގާމާ ހަވާލުވެ ވަޑައިގަތް ފަހުން ފުރަތަމަ ފަހަރަށް މައްސަލައެއްގައި އަމިއްލަ އަށް ވަކާލާތު ކުރަން ސުޕްރީމް ކޯޓަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.


އާންމު އުސޫލުން ޕްރޮސެކިއުޓާ ޖެނެރަލް އަމިއްލަ އަށް ކޯޓުތަކަށް ވަޑައިގެން ވަކާލާތެއް ނުކުރައްވަ އެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ކޯޓުތަކުގައި ވަކާލާތު ކުރާނީ އަބަދުވެސް އެ އޮފީހުގެ ވަކީލުންނެވެ. އެހެންވެ، ޝަމީމް އެ މަގާމާ ހަވާލުވެ ވަޑައިގަތް ފަހުން މިހާތަނަށް އެއްވެސް މައްސަލައެއްގައި ވަކާލާތު ކުރަން އޭނާ ކޯޓަށް ވަޑައިގެންފައެއް ނުވެ އެވެ.

ޝަމީމް، ކޯޓަށް ވަޑައިގެން ވަކާލާތު ކުރަން ނިންމެވީ ޖިނާއީ މަައްސަލަތަކުގަައި މިހާރު ސިއްރުން ހެކިބަސް ނުނެގޭނެ ކަމަށް ހައި ކޯޓުން ކުރި ހުކުމް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރި މައްސަލައިގަ އެވެ. އެހެންވެ، މިއީ މަގާމުގެ ހައިސިއްޔަތުން ޝަމީމް އަމިއްލަ އަށް ކޯޓުގައި ވަކާލާތު ކުރައްވާނެ ފުރަތަމަ މައްސަލަ އެވެ.

ހައި ކޯޓުން މިދިޔަ މަހު ކުރި ހުކުމުގައި ވަނީ ޖިނާއީ އިޖްރާއާތުގެ ގާނޫނު އޮތްގޮތުން ސިއްރުން ހެކިބަސް ނެގޭނީ ހެއްކާބެހޭ ގާނޫނުގައި ބަޔާންކުރާ ހާލަތްތަކުގައި ކަމަށް ވާއިރު، ހެއްކާ ބެހޭ ގާނޫނުގައި ސިއްރު ހެކީގެ އެއްވެސް ވާހަކައެއް ބަޔާން ކޮށްފައި ނެތް ކަމަށެވެ. އެހެންވެ، ސިއްރު ހެކީގެ ވާހަކަ ހެއްކާ ބެހޭ ގާނޫނުގައި ބަޔާން ކޮށްފައި ނެތީސް ސިއްރުން ހެކިބަސް ނުނެގޭނެ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިހާރު އޮތީ މައްސަލަ ބަލައިގެންފަ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ޝަމީމް އަމިއްލަ އަށް ވަކާލާތު ކުރައްވަން ކޯޓަށް ވަޑައިގަންނަވަން ނިންމެވިއިރު، އެންމެ ފަހުން ޕީޖީއަކު އަމިއްލަ އަށް ކޯޓުގައި ވަކާލާތު ކުރެއްވީ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން އެ މަގާމުގައި ހުންނެވިއިރު އޭނާ އެވެ.