ޕީޖީ ޝަމީމް: ޝަރީއަތް ނިމެންދެން ބަންދުކުރުން ލާޒިމްވާ ކަމަށް ގާނޫނު މާނަ ކުރުމަކީ ހެއްވާ ނަތީޖާތަކެއް ނިކުމެދާނެ ކަމެއް ކަމަށް ވިދާޅުވި -- ފޮޓޯ/މިހާރު
04 ނޮވެމްބަރ 2020 - 12:13
ޝަރީއަތް ނިމެންދެން މީހުން ބަންދުކުރަން ލާޒިމްވާ ގޮތަށް ޖިނާއީ އިޖްރާއާތުގެ ގާނޫނު މާނަކުރުމުން ހެއްވާ ނަތީޖާތަކެއް ނިކުމެދާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ސުޕްރީމް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.
ހައި ކޯޓުން މިއަހަރު ކަނޑައަޅާފައިވަނީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ ށ. އޮތްގޮތުން ތުހުމަތެއް ކުރެވޭ މިންވަރުގެ ހެކި ހުރެފައި އަދި ގާނޫނު އަސާސީގެ 46 ވަނަ މާއްދާގައި ބަޔާންކުރާ ހަތަރު ހާލަތުން ކުރެ ހާލަތެއް އޮތް ނަމަ އެ މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރަން ފަނޑިޔާރުންނަށް ލާޒިމްވާނެ ކަމަށެވެ. އެކަމަކު ތުހުމަތެއް ކުރެވޭ މިންވަރު ހެކި ނެތަސް، ބަންދުކުރާ ފަހުން އެ މިންވަރަށް ހެކި ލިބިއްޖެ ނަމަ 60 ވަނަ މާއްދާގެ ކ. ގެ ދަށުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަކީ އިހްތިޔާރީ ކަމެއް ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ. އަދި 60 ވަނަ މާއްދާގެ ބ. ގެ ދަށުން ޖިނާއީ ބޮޑު ކުށަކަށް ނުވާ ނަމަ، 15 ދުވަހަށް ވުރެ އިތުރަށް މީހުން ބަންދުގައި ނުބޭތިއްބޭނެ ކަމަށް ހައި ކޯޓުން ނިންމާފައިވެ އެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ހައި ކޯޓުގެ ނިންމުން އޮތްގޮތުން ކިތަންމެ ކުޑަ ކުށެއްގައި ވިޔަސް، 60 ވަނަ މާއްދާގެ ށ. ގެ ދަށުން ޝަރީއަތް ނިމެންދެން ބަންދު ކުރަން ފަނޑިޔާރުންނަށް ލާޒިމްވާ ކަމަށެވެ. އޭރުން ހުކުމުގެ މުއްދަތަށް ވުރެ އިތުރަށް މީހުން ބަންދުގައި ތިބެން ޖެހުމުގެ އިތުރަށް ނިޒާމް ނުފުއުލޭނެ ބުރައެއް ކުރިމަތިވެ، އޭގެ ސަބަބުން ހެއްވާ ނަތީޖާތަކެއް ނިކުމެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުން ބައިތިއްބާނެ ރިމާންޑް ޖަލުތައް ހުރީ މާލޭގައި އެކަނި ކަމަށް ވާތީ ރަށްރަށުގެ ކޯޓުތަކުގައި ހިނގާ މައްސަލަތަކުގައި މާލެއިން އެ މީހުން ރަށްރަށަށް ގެންދެވެން ނެތި ޝަރީއަތްތައް ކުރިއަށް ނުގެންދެވުން ފަދަ އިތުރު މައްސަލަތަކެއް ވެސް އޭގެ ސަބަބުން ނިކުމެދާނެ އެވެ. އަދި މިހާރު ގާނޫނު އޮތްގޮތުން ކުށަށް އިއުތިރާފްވާ މީހުންގެ މައްސަލަތައް ހިންގަން ޖެހެނީ ސީދާ ކޯޓަށް ހާޒިރު ކޮށްގެން ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ޝަމީމް ވިދާޅުވީ 60 ވަނަ މާއްދާގެ ށ. ގައި ބަޔާންކުރާ ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އަމުރު ނެރުމުގެ ވާހަކަ މާނަ ކުރަން ޖެހެނީ އިހްތިިޔާރީ ބާރެއްގެ ގޮތުގައި ކަމަށާއި ގާނޫނުގެ މަގްސަދު ހާސިލްވާނީ އޭރުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ގާނޫނެއްގައި ބަޔާންކުރާ ކޮންމެ އަމުރަކީ ވާޖިބު އަމުރަކަށް ނުވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގާނޫނުގެ 60 ވަނަ މާއްދާގެ ށ. ގައި އޮތީ ޝަރީއަތް ނިމެންދެން ބަންދު ކުރަން ލާޒިމްވާ ގޮތަށް ކަމަށް ވާތީ އެއީ އިހްތިޔާރީ ކަމަކަށް ވަނީ ކިހިނެތްތޯ ބެންޗުން ސުވާލު ކުރެއްވި އެވެ. ޖަވާބުގައި ޝަމީމް ވިދާޅުވީ އެއީ ލާޒިމް ކަމެއް ކަމަށް މާނަ ކުރުމުން ގާނޫނުގެ މަގްސަދު ގެއްލިގެންދާނެ ކަމަށާއި ގާނޫނު މަގްސަދަކީ މިނިވަން ކަމާއި ހައްގުތައް ވީހާ ވެސް ކުޑަކޮށް ހިފެހެއްޓުން ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަށް ހައްލު ދޭންވީ ކޯޓުތަކުން ތޯ ނުވަތަ މަޖިލީހުން ތޯ ބެންޗުން ސުވާލު ކުރެއްވުމުން ޝަމީމް ވިދާޅުވީ ގާނޫނު ލާޒިމްކުރާ ބައެއް ކަންކަން އިހްތިޔާރީ ކަމެއްގެ ގޮތުގައި މާނަ ކުރެވިދާނެ ކަމަށާއި ކޯޓުން އެކަމަށް ހައްލެއް ގެނެވިދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.
ދެ ފަހަރެއްގެ މަތިން ޖިނާއީ އިޖްރައާތުގެ ގާނޫނަށް އިސްލާހު ގެނެސްފައިވާ ކަން ބެންޗުން ފާހަގަ ކުރައްވައި، އެކަމަށް ހައްލެއް ހޯދަން ޖެހޭނީ މަޖިިލީހުން ނޫންތޯ ސުވާލު ކުރެއްވުމުން ޝަމީމް ވިދާޅުވީ އެ ދެ އިސްލާހަކީ ތަންކޮޅެއް ކުރިން މަޖިލީހަށް ހުށަހެޅި އިސްލާހުތަކެއް ކަމަށެވެ. އަދި ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ މައްސަލާގައި އިސްލާހު ހުށަހަޅައި، ފާސްކުރަން ވަގުތުތަކެއް ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ވަނީ ނިންމާލައިފަ އެވެ. އަދި އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް ބެންޗުން އިއުލާން ކުރެއްވި އެވެ.
އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަކީލު
04 November 2020
ދިވެހި ބަހުން އިތުރު މާނައެއް ދޭހަ ނުވާއެޗަކުން ޝަމީމު ތިޔަބުނާހެން މާނަކުރާނީ ކިހިނެތް
ގަދަހުސޭން
04 November 2020
ވާނުވާ ނޭންގެންޏާ "ވާނުވާ" އޮޅާލާ.
ތުއްރަވާސާ
04 November 2020
ދެން ތިކިޔަނީ ޤާނޫނު ލިޔެދޭށޭތަ ސުޕުރީމުން؟ އެކަން ނުކުރާނެ އެމީހުން
ވަގު ކަދުރު
04 November 2020
ޑީކަރުންނާއި ޑީލަރުންގެ އަޢުވާނުން އަބަދުވެސް ވިސްނާނީވެސް ބޭނުންވާނީވެސް ޝަރުޢީ ނިޒާމު ފެއިލްކޮށް ޙަރާބުކޮށް ކިލަނބުކޮށް މުޅި ނިޒާމް ފުނޑުފުނޑު ކޮށްލާށެ.
ކިހާރު
04 November 2020
ޝިފާގެ މައްސަލަ ޕީޖީގައި ތާށިވެފައޮތުންވެސް ވަރަށް ހެއްވާ ކަ މެއް.
ހަކީމް
04 November 2020
ރަނގަޅު ވާހަކަ އެއް ... މިގައުމުގައި ހުކުންތަށް އަންނަ ގޮތުން ކޯޓުގައި ތަކުގައި މިތިބަ ގާޒީ އިންނަކަށް އިތުބާރެއް ނުކުރެވޭ.
ފަހުދު
04 November 2020
މަޖިލީސް ރައީސް ޕީޖީއަށް އެބަ އަމުރުކުރޭ ހެއްކެއް ގަރީނާއެއް ނެތަސް ކުރީގެ ހެލްތު މިނިސްޓަރު އަމީންގެ މައްޗަށް ދައުވާ ކުރާށޭ ކިޔާ. މިވެސް ވަރަށް ހެއްވާ މަޖާ ކަމެއް ހަމަ.
ދިވެހި ޓްރަމްޕް
04 November 2020
ނަޝީދަކީ ޑިމޮކްރަސީއަށް ތަބާވާ މީހެކޭ ހީކުރުމަކީވެސް ހެއްވާ މަޖާ ކަމެއް