ފުރަތަމަ އަހަރުގެ 540 މަޝްރޫއުން ދުވެލި ސާފުވާނެ: ހޫދު

ވެރިކަމުގެ ފުރަތަމަ އަހަރު 540 މަޝްރޫއު ފަށައި އެކި މަރުހަލާތަކުގައި ހިންގުމަކީ މި ސަރުކާރުގެ ދުވެލި ހާމަކޮށްދޭނެ ކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާން، އިބްރާހިމް ހޫދު މިއަދު ވިދާޅުވެއްޖެ އެވެ.


ވައުދުތައް ނުފުއްދި، ސަރުކާރުގެ ސްޕީޑު ލަސްކަމަށް ބުނެ މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އަމާޒުވި ފާޑުކިއުންތަކަށް ރައީސް އޮފީހުން ޖަވާބު ދިނީ ތަފާސްހިސާބުންނެވެ. ތައުލީމާއި ސިއްހީ ދާއިރާގެ ކުރިއެރުމާއި އިޖުތިމާއީ ހަމަޖެހުމާއި އަމާންކަން ގާއިމްވުމާއި ތަރައްގީގެ މަޝްރޫއުތަކުގެ އަދަދުތަކާއި މަސައްކަތް ހިނގާ ރަށްތައް ވެސް ރައީސް އޮފީހުން ވަނީ ޓުވިޓާގައި ކުއްލި ގޮތަކަށް އާއްމުކޮށްފަ އެވެ.

މި މައުލޫމާތުތަކާ ގުޅުވައި ރައީސްގެ ތަރުޖަމާން ވިދާޅުވީ ވެރިކަމުގެ ފުރަތަމަ އަހަރު 540 މަޝްރޫއު ހިންގަން ފެށުމަކީ ރެކޯޑެއް ކަމަށެވެ. އޭގެ ތެރޭގައި ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް (ޕީއެސްއައިޕީ)ގެ މަޝްރޫއުތައް ހިމެނުނަސް، ކުރީގެ ސަރުކާރުތަކާ އަޅާބަލާއިރު ސަރުކާރުގެ ދުވެލި އަދަދުތަކުން ފެންނަން އޮތީ ހަލުވި ކަމަށް ހޫދު ވިދާޅުވި އެވެ.

އޭނާ "މިހާރު"އަށް ވިދާޅުވީ ފުރަތަމަ އަހަރުގެ މަޝްރޫއުތަކުގެ އިތުރުން މި އަހަރަށް ވެސް ގިނަ މަޝްރޫއުތަކެއް ހިންގަން އެބަހުރި ކަމަށެވެ. އެންމެ މުހިއްމު އިސްކަންދޭ މަޝްރޫއުތަކުގެ ތެރޭގައި 4،000 ހައުސިން ޔުނިޓް އިމާރާތްކުރާ ބޯހިޔާވަހިކަމުގެ މަޝްރޫއު ހިމެނޭކަން އޭނާ ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ވެސް މި އަހަރަށް ހުރި މުހިއްމު ބައެއް މަޝްރޫއުތަކެއް ހިންގަން ހުރި ކަމަށް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ މި އަހަރު 500 އަށް ވުރެން ގިނަ މަޝްރޫއު ހިންގަން ޕްލޭންކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އޭގެ ތެރޭގައި ކަނޑުގެ ދަތުރުފަތުރުގެ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ފެށުމާއި 149 ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތާއި ދުވަސްވީ މީހުންނަށް ޚާއްސަ ދެ މަރުކަޒު ގާއިމްކޮށްދިނުމާއި 750 މިލިއަން ރުފިޔާގެ ސްޓޫޑެންޓް ލޯނު ދޫކުރުން ހިމެނެ އެވެ. ސްޓޫޑެންޓް ލޯނަށް މިދިޔަ މަހުގެ ތެރޭގައި ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޫދު ވާހަކަ ދައްކަވަނީ -- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ގުޅީފަޅު ޕޯޓް ޕްރޮޖެކްޓް ވެސް މި އަހަރު ފަށަން ނިންމާފައިވާ އިރު މި މަޝްރޫއު ސަބަބުން އެއްފަހަރާ ގިނަ ބޯޓުތަކަކަށް ޚިދުމަތް ދިނުމަށް މަގުފަހިވެ ބޮޑެތި ބޯޓުފަހަރަށް ޚިދުމަތް ދިނުމަށް ފަސޭހަ ވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. މިއާ އެކު، ރާއްޖެ އަށް މުދާ އުފުލުމުގެ ޚަރަދު ވެސް ކުޑަވެ ޕޯޓާ އެކު ހުރިހާ ގުދަންތައް ގުޅީފަޅަށް ބަދަލުކުރުމުގެ ސަބަބުން މާލޭގައި ތޮއްޖެހުން ކުޑަކުރަން ވަނީ އަމާޒު ހިފައިފަ އެވެ.

އައްޑޫގައި ބިން ހިއްކުމާއި މަގު ހެދުމާއި ފެން ހިންދާ ނިޒާމުތައް ތަރައްގީކުރުން ވެސް ހިމަނާފައި ވަނީ މި އަހަރު އިސްކަންދޭ މަޝްރޫއުތަކުގެ ތެރޭގަ އެވެ.

ހޫދު ވިދާޅުވި ގޮތުގައި ރައްޔިތުންގެ ހެވާއި ލާބައަށް މަސައްކަތް ކުރުމުގައި ސަރުކާރުން ސާބިތުކަމާ އެކު ދެމިއޮންނާނެ އެވެ.

"ސަރުކާރުގެ ސްޕީޑު ލަހެއް ނޫން. އެންމެ އިސްކަންދިން ޕްރޮޖެކްޓްސްގެ ތެރޭގައި ފެނާއި ނަރުދަމާގެ ޚިދުމަތްތައް ހިމެނޭނެ. ރައީސްގެ ވައުދަކީ ފުރަތަމަ ތިން އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އެކަން ފަށައި ޓާމް ނިމޭއިރު އެ ޚިދުމަތް ހުރިހާ ރަށެއްގައި ލިބޭނެ ކަމަށް،" ހޫދު ވިދާޅުވި އެވެ.

"ފުރަތަމަ އަހަރުގެ މަޝްރޫއުތައް އަދަދުތަކުން ފެންނަން އޮތް އިރު ކުރިއަށް ވެސް ގިނަ މަޝްރޫއު އެބަހުރި."

ރައީސް އޮފީހުން ބުނި ގޮތުގައި ވައުދުތައް ފުއްދަން ހުރިހާ ދާއިރާތަކަކުން ވެސް ވަނީ މަސައްކަތް ފަށައިފަ އެވެ.