ހިތަދޫ އާއި ތިނަދޫގެ ލޭންޑްސްކޭޕިން މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފި

ސ. ހިތަދޫ އަދި ގދ. ތިނަދޫގައި ހަދާފައިވާ ހައުސިން ޔުނިޓުތަކުގެ ލޭންޑްސްކޭޕިން ޕްރޮޖެކްޓްތައް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ މިއަދު ހަވާލުކޮށްފި އެވެ.


ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، މިކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ހާލިސް ޝަރީފް އާއި އާރްޑީސީގެ ސީީނިއާ މެނޭޖަރު ހަސަން ޔާސިރެވެ.

އާރްޑީސީއާ ހަވާލުކުރީ، ހިތަދޫގައި ހަދާފައިވާ 264 ހައުސިން ޔުނިޓާއި ތިނަދޫގައި ހަދާފައިވާ 120 ހައުސިން ޔުނިޓުގެ ލޭންޑްސްކޭޕިން މަސައްކަތް ކުރާށެވެ. ހިތަދޫގެ މަޝްރޫ ފުރިހަމަކުރަން އާރްޑީސީ އަށް ދީފައި ވަނީ ހަ މަސް ދުވަހެވެ. އަދި މި މަޝްރޫއުގެ އަގަކީ 5.3 މިލިއަން ރުފިޔާ އެވެ.

ހައުސިން މިނިސްޓްރީން މިއަދު ކުރި ޓްވީޓެއް

ތިނަދޫގެ މަޝްރޫއުގެ އަގަކީ 4.7 މިލިއަން ރުފިޔާ އެވެ. މި މަސައްކަތް ފުރިހަމަކުރަން ހަތަރު މަސް ދުވަސް ދީފައިވެ އެވެ.

މި މަސައްކަތް ނުކުރެވި ގިނަ ދުވަސްތަކެއް ވެފައި އޮތުމުން، އެކަމަށް ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހާލިސް މާފަށް އެދިވަޑައިގަތެވެ. އޭނާ ވިދާޅުވީ މި މަސައްކަތް ދިގު ދެމިގެން ދިޔައީ، މި ކަމަށް މިދިޔަ އަހަރު ބަޖެޓު ކަނޑައެޅިފައި ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހާލިސް ޝަރީފް ވާހަކަދައްކަވަނީ -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

އެ ދެ ރަށުގައި ހުރި ހައުސިން ޔުނިޓްތަކުގެ ލޭންޑްސްކޭޕިން މަސައްކަތް ކުރާނީ، ހިތްގައިމު ދިރިއުޅުމެއް ފޯރުކޮށްދެވޭނެ ގޮތް ވިސްނައިގެން ކަމަށް ވެސް ހާލިސް ވިދާޅުވި އެވެ. އެ ގޮތުން ކޮންމެ ހައުސިން ޔުނިޓެއްގައި އުޅޭ އާއިލާއަކަށް ވެސް ގަސް އިންދޭނެ ގޮތަށް ކުޑަ ސަރަހައްދެއް ކަނޑައަޅާފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ހަމަ އަޅުގަނޑުމެން ޔަގީންކަން އަރުވަން، ދޭން ބޭނުންވާ އުފާވެރި ޚަބަރަކީ، ކޮންމެ ޔުނިޓެއްގައި އުޅޭ ބޭފުޅުންނަށް ވެސް މި ލޭންޑްސްކޭޕިން މަސައްކަތް ނިމގެން ދާ އިރު، ކޮންމެ ބަޔަކަށް ވެސް ވަކި ބިންކޮޅެއް ލިބިގެންދާނެ އޭ އެ ބޭފުޅުން ބޭނުންވާ ކުދިކުދި ގަސްގަސް އިންދަން،" ހާލިސް ވިދާޅުވި އެވެ.

މި ދެ މަޝްރޫއުގެ ދަށުން ކުރަން ކަނޑައަޅާފައިވާ ލޭންޑްސްކޭޕިން މަސައްކަތުގެ ތެރޭގައި ކުޑަކުދިން ކުޅޭނެ ޕާކެއް ހެދުމާއި ކުޑަކުދިން ގޮވައިގެން އާއިލާތަކަށް ވަގުތު ހޭދަކޮށްލެވޭނެ ފަދަ މާހައުލެއް ހަދާނެ އެވެ.

އާރްޑީސީގެ ސީނިއާ މެނޭޖަރު ޔާސިރު ވިދާޅުވީ އެތަނަށް ދީފައިވާ މުއްދަތުގެ ތެރޭގައި މަޝްރޫއު ފުރިހަމަކުރަން މަސައްކަތް ކުރާނެ ކަމަށެވެ.