ގައިން ގަޔަށް އަރާ ނުރައްކާތެރި ބަލި މީހުން ކަރަންޓީން ކުރުމާއި ރައްކާތެރިކަމުގެ ފިޔަވަޅުގެ ގޮތުން އެ މީހުންނަށް އަންގާ އެންގުންތަކަށް ތަބާނުވާ ނަމަ، އެކަން ކުރުމުގެ ކޯޓު އަމުރު ނެރުމުގެ އުސޫލު ސިވިލް ކޯޓުން އާންމުކޮށްފި އެވެ.

އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނު ބުނާގޮތުން، ގައިން ގަޔަށް އަރާ ބައްޔެއް ހުންނަ މީހުންނާއި އެފަދަ ބައްޔެއް ހުރެދާނެ ކަމަށް ބެލެވޭ މީހުން ވަކި ކަމެއް ނުކުރަން ނުވަތަ ވަކި ކަމެއް ކުރަން އެންގިދާނެ އެވެ. އޭގެ ތެރޭގައި ކަރަންޓީން ކުރުން ވެސް ހިމެނެ އެވެ. އަދި އެކަމަށް އެ މީހަކު ދެކޮޅު ހަދާ ނަމަ، އެކަން ތަންފީޒު ކުރުމުގެ އަމުރަކަށް އެދި ސިވިލް ކޯޓަށް ހުށަހެޅިދާނެ ކަމަށް ވެސް އެ ގާނޫނުގައިވެ އެވެ.

އެ ގާނޫނުގެ ދަށުން ސިވިލް ކޯޓުން މިއަދު އާންމުކުރި އުސޫލުގައިވާ ގޮތުން އެފަދަ މައްސަލަތައް ކޯޓަށް ހުށަހެޅުމުން މައްސަލާގައި ހިމެނޭ ފަރާތްތަކަށް އެންގުމެއް ނެތި ވެސް އެދިފައިވާ އަމުރު ނެރެވިދާނެ އެވެ. އަދި އަމުރުގެ މުއްދަތު އިތުރު ކުރަން ބޭނުންވާ ނަމަ އެކަމަށް ލިޔުމުން އެދެވޭނެ ކަމަށް ވެސް އެ އުސޫލުގައިވެ އެވެ.

އެ އުސޫލު ބުނާ ގޮތުން އެފަދަ މައްސަލަތައް ކޯޓަށް ހުށަހަޅަން އީމެއިލް މެދުވެރިކޮށް ވެސް ހުށަހެޅޭނެ އެވެ. އަދި އެފަދަ މައްސަލަތައް އެއްވެސް ފީއެއް ނެގުމެއް ނެތި ރަޖިސްޓްރީ ވެސް ކޮށްދޭނެ އެވެ.

އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނު ބުނާގޮތުން ސިވިލް ކޯޓުން ނެެރޭ އަމުރުގެ ދަށުން މީހުން ހޯދައި، ހައްޔަރު ކުރުމާއި ކަމާބެހޭ އިދާރާތަކުން އަންގާ ގޮތެއްގެ މަތިން އެ މީހަކާ މެދު އަމަލު ކުރެވޭނެ އެވެ. އަދި އެކަމަށް ފުލުހުންގެ އެހީތެރިކަން ވެސް ހޯދިދާނެ ކަމަށް އެ ގާނޫނުގައިވެ އެވެ.

ސިއްހަތު ރައްކާތެރި ކުރުމުގެ ފިޔަވަޅުތަކަށް ދެކޮޅު ހަދާ ނަމަ، އަމުރު ހޯދުމުގެ އުސޫލު އާންމު ކުރިއިރު، ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖެއިން ވެސް ފެނި ބައެއް މީހުން މިިހާރު ތިބީ ކަރަންޓީން ކޮށްފަ އެވެ. އަދި އެ މީހުންނާ ބައްދަލުވި ކަމަށް ބެލެވޭ މީހުން ވެސް ކަރަންޓީންކޮށް، ދަނީ ޓެސްޓް ކުރަމުންނެވެ.