ކޮވިޑް-19 އާ ގުޅިގެން ކަރަންޓީނަށް ގެންދަން އުޅުމުން ދެކޮޅު ހެދި އިތުރު މީހަކު ކޯޓު އަމުރެއްގެ ދަށުން ކަރަންޓީނަށް ގެންދަން ސިވިލް ކޯޓުން ރޭ އަމުރެއް ނެރެފި އެވެ.

އެ ކޯޓުން ބުނީ، ކަރަންޓީނަށް ދާން ރޭ ދަންވަރު ދެކޮޅު ހެދި ދިވެއްސެއްގެ މައްޗަށް ކަރަންޓީނަށް ދާން އެންގުމާ އެކު، އޭނާ ކަރަންޓީން ފެސިލިޓީއެއްގައި ބަންދު ކުރުމުގެ އަމުރެއް ނެރެފައިވާ ކަމަށެވެ. ނަމަވެސް އެ އަމުރުގެ ދަށުން އެ މީހާ ކަރަންޓީން ފެސިލިޓީއަކަށް ގެންދިޔަ ކަމެއް އަދި ސާފެއް ނުވެ އެވެ.

މީގެ ކުރިން ވެސް ކަރަންޓީނަށް ދާން ދެކޮޅު ހެދި ދެ މީހަކު، ކޯޓު އަމުރެއްގެ ދަށުން ވަނީ ކަރަންޓީން ފެސިލިޓީއަކަށް ގެންގޮސްފަ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވެ، އެ ބަލި ފެތުރުނަ ނުދިނުމަށްޓަކައި ފިޔަވަޅުތައް އެޅުމަށްޓަކައި އިއުލާން ކޮށްފައިވާ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގެ ދަށުން ރާއްޖެ އިން ބޭރުން އަންނަ ދިވެހިންނާއި އެ ބައްޔަށް ޕޮޒިޓިވްވާ މީހުން ކަރަންޓީންގައި މަޑުކުރަން ޖެހެ އެވެ. އަދި އެ ނޫން ބައެއް ހާލަތްތަކުގައި ވެސް ބައެއް މީހުން ކަރަންޓީން ކުރުމަށް ނުވަތަ އެކަހެރި ކުރަން އެންގުމުގެ ބާރު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަށް އޮވެ އެވެ.