ސްޕީޗް ތެރަޕީ ދިނުމުގެ ތެރޭގައި ހަ އަހަރުގެ ކުއްޖަކަށް އަނިޔާކުރި މައްސަލައެއްގައި ޑޮކްޓަރަކު މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހުޅުމާލޭގައި ސްޕީޗް ތެރަޕީ ދޭ ޑޮކްޓަރެއް، ޕްރައިވެޓް ޕްރެކްޓިސްގެ ތެރެއިން ފިރިހެން ކުއްޖެއްގެ ކަންފަތުގައި ހިފާ އަނިޔާކޮށްފައިވާ ކަމަށް ބުނެ ރޭ 11:00 ހާއިރު މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. ކުޑަ ކުއްޖަކަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ އިންޑިއާގެ ޑޮކްޓަރެކެވެ.
"މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން،" އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ ކުއްޖާ އަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯ ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އެކަން ހިނގާފައިވަނީ މިިދިޔަ ބުދަ ދުވަހުގެ ރެ އެވެ.