ކޮވިޑަށް ޕޮޒިޓިވްވި މީހަކާ ގުޅުން ހުރި މީހެއް ހުޅުމާލޭގައި

އަނަންތަރާ ދިގުން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހާ އާ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ މީހަކު ހުޅުމާލޭގައި ހުއްޓާ، އޭނާގެ ގައިން ބަލީގެ އަލާމާތްތައް ފެނުމުން ފަރުކޮޅުފުށްޓަށް ގެންގޮސް ކަރަންޓީނުކޮށްފި އެވެ.


އެޗްޕީއޭއިން މިރޭ ކުރި ޓްވީޓެއްގައި ބުނީ އަނަންތަރާ ދިގުގެ ޕޮޒިޓިވް ކޭހާ ޑައިރެކްޓް ކޮންޓެކްޓްވި މީހެއްގެ ގައިން ބަލީގެ އަލާމާތްތައް ފެނުމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އޭނާގެ ގައިން ސާމްޕަލް ނަގާފައިވާ ކަމަށެވެ. އެކަަމަކު އޭނާ ހުރީ ކޮންތަނެއްގައި ކަމެއް އޭރަކު ނުބުނެ އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ސެންޓަރުގެ ތަރުޖަމާނު، ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ އަނަންތަރާ ދިގުގެ ދިވެހި މުވައްޒަފު ހުރީ ހުޅުމާލޭގައި ކަަމަށެވެ. ނަމަވެސް އޭނާ ހުޅުމާލޭގައި ހުރި ހުރުމާ ގުޅިގެން، އޭނާ ހުރި ތަނާ މެދު ވަކި ގޮތަކަށް ފިޔަވަޅު އަޅާފައިވާކަން ނުވަތަ ނޫން ކަމެއް މަބްރޫކް ވިދާޅެއް ނުވެ އެވެ. ވިދާޅުވީ އެކަމާ ގުޅިގެން ވެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެެ.

ރާއްޖޭން ކޮވިޑް-19 ޖެހުނުކަން އެންމެ ފަހުން އެނގުނީ ދެކުނުގެ އަތޮޅުތަކުގެ ތެރެއިން ދަތުރުކުރަމުން އަންނަ "އައިލެންޑް ސަފާރީ1" ގައި ތިބި ދެ ޓޫރިސްޓަކަށެވެ.

އެ ދެ ޓޫރިސްޓުން ބައްޔަށް ޕޮޒިޓިވް ވުމާ އެކު ރާއްޖޭން ކޮވިޑް-19 ޖެހުުނު މީހުންގެ އަދަދު މިއަދު ވަނީ 13 އަށް އަރައިފަ އެވެ. ރާއްޖެއިން ބަލިޖެހުނު މީހުންގެ ތެރެއިން އެންމެ މީހެއް ފިޔަވައި އެންމެންގެ ހާލު ވެސް އަދި ރަނގަޅެވެ. ހާލުބޮޑުވި މީހާ އަށް ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫއެއްގައި އަންނަނީ ފަރުވާ ދެމުންނެވެ. އޭނާ ވެސް ސްޓޭބަލް ކަަމަށް އެޗްޕީއޭއިން ކުރިން ބުންޏެވެ.