ކޮރޯނާވައިރަހާ ހެދި މީޑިއާތަކަށް ކުރިމަތިވަމުންދާ މާލީ ދަތިކަމަށް އެހީވާން ފޭސްބުކުން 100 މިލިއަން ޑޮލަރުގެ ބަޖަޓެއް ހަމަޖައްސައިފި އެވެ.
މީޑިއާތަކަށް އެހީވާން މާކް ޒަކަބާގްގެ ފޭސްބުކުން ނިންމި އިރު، އެތަނުން ވަނީ ކުރިން ވެސް މީޑިއާތަކަށް އެހީވާން ކުރިއަށް އޮތް ތިން އަހަރަށް 300 މިލިއަން ޑޮލަރުގެ ބަޖެޓެއް ހަމަޖައްސައިފަ އެވެ. މިފަހަރުގެ އެހީގައި އެމެރިކާގެ މީޑިއާތަކާއި އެ ގައުމުގެ ނޫސްވެރިންނަށް އިސްކަންދިން ނަމަވެސް މިއީ ޖުމްލަކޮށް އެންމެންނަށް ފަހިވާ ފުރުސަތެއް ކަމަށް ވަނީ ބުނެފަ އެވެ.
ފޭސްބުކްގެ ގްލޯބަލް ނިއުޒް ޕާޓްނާޝިޕްސްގެ ވައިސް ޕްރެޒިޑެންޓް ކޭމްޕްބެލް ބްރައުން ވިދާޅުވީ "ފޭސްބުކް ޖާނަލިޒަމް ޕްރޮޖެކްޓް" ގެ ދަށުން އަލަށް ހަމަޖެއްސި 100 މިލިއަން ޑޮލަރުގެ ތެރެއިން 25 މިލިއަނަކީ މީޑިއާތަކަށް އިމަޖެންސީ ގްރާންޓްގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދު ކަމަށެވެ. އަދި ބާކީ 75 މިލިއަނަކީ ވިޔަފާރިތައް ހުއްޓުމަކަށް އައިސް އިގުތިސާދީ ގޮތުން ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހި، މީޑިއާތަކަށް އިޝްތިހާރުގެ އާމްދަނީ ދަށްވާނެތީ މާކެޓިން އަށް ހާއްސަކޮށްގެން ދޭން ނިންމާފައިވާ ފައިސާ ކަމަށެވެ.
"އަހަރެމެން ގަބޫލުކުރާ ގޮތުގައި މީޑިއާތަކަށް މި ދޭން ނިންމި އެހީގެ ސަބަބުން އެ ތަންތަން ހުއްޓުމަކަށް ނައިސް ދެމިއޮންނަން އެހީއަކަށްވާނެ،" ބްރައުން ވިދާޅުވި އެވެ. "އަދި މިއީ މީޑިއާތަކުގައި މަސައްކަތްކުރާ މީހުންނަށް ލިބޭނެ ހިތްވަރެއް ކަމަށް ދެކެން."
މިކަމާ ބެހޭ ގޮތުން ޒަކަބާގް އާންމުކުރި ޕޯސްޓެއްގައި ވެސް މި ދަނޑިވަޅަކީ މީޑިއާތަކަށް ވަރަށް ބޮޑެތި އެހީ އާއި އެއްބާރުލުން ލިބެން ޖެހޭ ވަގުތެއް ކަމަށް ވިދާޅުވި އެވެ. އަދި ފޭސްބުކުން ދޭ އެހީ އަކީ މިފަދަ ދަނޑިވަޅެއްގައި މީޑިއާތަކުގެ މުސްތަގުބަލަށްޓަކައި ކޮށްދެވޭ ކަމެއް ގޮތުގައި ސިފަކުރެއްވި އެވެ.
ނަމަވެސް އެހީދޭނެ ގޮތުގެ ތަފުސީލުތަކެއް އަދި ހާމައެއްނުކުރެ އެވެ. އެތަނުން ބުނީ ފައިސާގެ އެހީ ދޫކުރާނެ ގޮތުގެ ތަފުސީލު ވަރަށް އަވަހަށް ހާމަކުރާނެ ކަމަށެވެ. އަދި އެހީ ދޭނީ އެންމެ ބޮޑަށް ދަތިވެފައިވާތީ މީޑިއާތަކަކީ ކޮބައިތޯ ބެލުމަށް ފަހު ކަމަށް ވެސް ފޭސްބުކުން ބުންޏެވެ.
ދެހާސް ހަތަރެއްގައި ވުޖޫދަށް އައި ފޭސްބުކަކީ މިހާރު މިލްކިއްޔާތު 133.376 ބިލިއަނަށް އަރާ ކުންފުންޏެވެ. އަދި އޭގެ ވެރިޔާ ޒަކާބަގް، 35، އަކީ ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރެއިން އެކެކެވެ. އެންމެ މުއްސަނދި 10 މީހުންގެ ލިސްޓްގެ އަށް ވަނައިގައި އޮތް ޒަކަބާގްގެ މިލްކިއްޔާތު މިހާރު 54.3 ބިލިއަން ޑޮލަރަށް އަރަ އެވެ.
ފޭސްބުކުން ދޭން ނިންމި އެހީއާ ގުޅިގެން ލޯކަލް މީޑިއާ އެސޯސިއޭޝަންގެ ސީއީއޯ ނޭންސީ ލޭން ވިދާޅުވީ މިއީ މި ވަގުތު މީޑިއާތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަރައިގަންނަން ލިބޭނެ ވަރަށް ބޮޑު އެހީއެއް ކަމަށެވެ.
"މީގެ ސަބަބުން ލޯކަލް މީޑިއާތަކަށް ކުރިއަށް ދެވޭނެ ދޮރުތައް ހުޅުވިގެން ދާނެ." އޭނާ ވިދާޅުވި އެވެ.