ކޮވިޑް-19އާ ގުޅިގެން ފްލައިޓްތަކުގެ ހަރަކާތްތައް މަދުކޮށް ހަމައެކަނި ދުވާލަށް ބަދަލުކޮށްފައިވާތީ ތިން ރީޖަނަލް އެއާޕޯޓެއްގެ 24 ގަޑިއިރުގެ އޮޕަރޭޝަންތައް ހުއްޓާލަން ނިންމައިފި އެވެ.
ޓްރާސްޕޯޓް މިނިސްޓްރީން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި، ހިދުމަތުގެ ގަޑިތަކަށް ބަދަލު ގެންނަން ނިންމާފައިވަނީ ހަނިމާދޫ އެއާޕޯޓް، ކާނޑެއްދޫ އެއާޕޯޓު އަދި ފުވައްމުލަކު އެއާޕޯޓުގަ އެވެ. މި ތިން އެއާޕޯޓުން ވެސް ދެން ހިދުމަތް ދޭނީ ހެނދުނު ހަޔަކުން ފެށިގެން އިރުއޮއްސި ހަޔަކާ ހަމައަށް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައި ވެއެވެ.
އެހެންނަމަވެސް މެޑިކަލް އިވެކުއޭޝަން ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ރޭގަނޑު ފްލައިޓްތައް ބާއްވާނެ ކަމަށް ވެސް ބުނެފައި ވެއެވެ. އެގޮތުން އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ތިން ގަޑިއިރު ކުރިން އެ މަޢުލޫމާތު އެއާލައިން އޮޕަރޭޓަރުގެ ފަރާތުން އެއާޕޯޓަކަށް އެންގެވުމުން ފްލައިޓް ހަރަކާތުގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ކޮވިޑް-19އާ ގުޅިގެން ދަތުރުތައް ކުރުން މަދު ކުރުމަށް އަންގަމުންދާއިރު، ގިނަ ދަތުރުތައް ވަނީ މެދުކެނޑިފަ އެެވެ. މީގެ ކުރިން ފުރި ބާރުވެފައި އޮންނަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ޑޮމެސްޓިކް އެއާޕޯޓު ވެސް މިހާރު އޮންނަނީ ފަޅަށެވެ.
ދަތުރުތައް މަދުވެ ހަރަދު ނުލިބުމާ ގުޅިގެން ބައެއް އެއާލައިންތަކުން ވަނީ ދަތުރުތައް ހުއްޓާލައިފަ އެވެ.