އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ލޯކް ސަބާގެ މެމްބަރުކަން ކުރާ ކުރީގެ ކްރިކެޓް ތަރި ގޯތަމް ގަމްބީރްގެ ދެ އަހަރުގެ މުސާރަ ކޮވިޑް-19 އަށް ހާއްސަކޮށްގެން ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުޅުއްވި "ޕީއެމް-ކެއާޒް" ފަންޑަށް ހަދިޔާކުރަން ނިންމައިފި އެވެ.
މިކަމާ ބެހޭ ގޮތުން ގަމްބީރް، 38، ކުރި ޓްވީޓެއްގައި ބުނީ ގައުމު ތިމާއަށް ކޮށް ދެނީ ކޮން ކަމެއްތޯ ވަރަށް މީހުން ސުވާލުކުރާ ކަމަށާއި އަސްލު ސުވާލަކީ ގައުމަށް ތިމާކޮށްދޭނީ ކޮންކަމެއްތޯ ކަމަށެވެ. އެގޮތުން މި ދަނޑިވަޅުގައި އޭނާގެ ދެ އަހަރުގެ މުސާރަ މޯދީގެ ފަންޑަށް ހަދިޔާކުރަން ނިންމާފައިވާ ކަމަށް ބުންޏެވެ.
ވެރިކަންކުރާ ބީޖޭޕީގެ ޓިކެޓްގައި ލޯކް ސަބާގެ މެމްބަރަކަށް ގަމްބީރް ލޯކް ސަބާ އިންތިހާބުވީ މިދިޔަ އަހަރު އެވެ. އޭނާ ތަމްސީލުކުރަނީ އިރުމަތީ ދިއްލީގެ ގޮނޑި އެވެ. ލޯކް ސަބާ މެމްބަރެއްގެ މަހު މުސާރަ އަކީ މަހަކު 100،000 ރުޕީސް (1،400 ޑޮލަރު) އެވެ.
ދެހާސް އަށާރަ ވަނަ އަހަރު ކްރިކެޓުން ރިޓަޔާކުރުމުގެ ކުރިން އެ ކުޅިވަރުން އިންޑިއާ އަށް ބޮޑެތި ކާމިޔާބީތަކެއް ހޯދައި ދިނުމުގައި ވެސް ހިއްސާވި ގަމްބީރްގެ ދެ އަހަރުގެ މުސާރަ ފަންޑަށް ހަދިޔާކުރަން ނިންމުމާ ގުޅިގެން ވަރަށް ގިނަ ބަޔަކު އޭނާ އަށް ތައުރީފުކޮށްފައިވެ އެވެ.
މިދިޔަ ހޯމަ ދުވަހު އޭނާ ވަނީ ތަމްސީލުކުރާ ދާއިރާގެ އެމްޕީ ލޯކަލް އޭރިއާ ޑިވެލޮޕްމަންޓް ފަންޑް (އެމްޕީއެލްއޭޑީ) އަށް 50 ލައްކަ ރުޕީސް ވެސް ހަދިޔާކޮށްފަ އެވެ. އެއީ ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތްކުރާ ސަރުކާރުގެ ހޮސްޕިޓަލްތަކަށް ބޭނުންވާ މެޑިކަލް ސާމާނު ހޯދުމަށެވެ.
ގަންބީރްގެ މިލްކިއްޔާތު 147 ކްރޯޑް (21 މިލިއަން ޑޮލަރު) އަށް އަރަ އެވެ.
ކޮވިޑް-19އާ ދެކޮޅަށް އިންޑިއާ އިން ކުރާ މަސައްކަތަކަށް ފައިސާ ހޯދުމުގެ ގޮތުން މޯދީ ހުޅުއްވި ފަންޑަށް މިހާތަނަށް ވަރަށް ގިނަ ބަޔަކު ބޮޑެތި އަދަދުތަކުން ފައިސާ ހަދިޔާކޮށްފައިވެ އެވެ. އޭގެ ތެރޭގައި އިންޑިއާގެ ގިނަ އަދަދެއްގެ ފިލްމީ ތަރިންނާއި ކުޅިވަރު ޝަހުސިއްޔަތުންނާއި ވިޔަފާވެރިވެރިން ވެސް ހިމެނެ އެވެ.