ރިސޯޓަކުން އަލިފުއްޓަށް އެރި ފަސް މީހަކު ހައްޔަރުކޮށްފި

ރ. އަތޮޅުގައި ހިންގާ ޔޫ އެންޑް މީ ބައި ކޮކޫން ރިސޯޓުން އެ އަތޮޅު އަލިފުއްޓަށް ދިޔަ ފަސް މީހަކު ރޭ ހައްޔަރުކޮށްފި އެވެ.


ކޮވިޑް-19 ކޮންޓްރޯލްކުރަން އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ކުއްލި ހާލަތުގެ ދަށުން ރިސޯޓްތަކުން އެހެން ތަންތަނަށް މީހުން ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ. ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން ނެރުނު މި އަމުރާ ހިލާފުވެގެން މީގެ ކުރިން ވެސް ރިސޯޓުތަކުން ރަށްރަށަށް ދިޔަ ބައެއް މީހުން ހައްޔަރުކޮށްފައި ވެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގެވުމާ ހިލާފަށް އަލިފުއްޓަށް ދިޔަ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ރޭ 11:50 ހާއިރު ފަސް ދިވެހިން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށް ވިދާޅުވި އެވެ.

މީގެ ކުރިން، ހދ. ހަނިމާދޫން އެ ރަށާ ކައިރީގައި އޮންނަ ހޮނޑާފުށި ރިސޯޓަށް ދިޔަ މީހަކު ވެސް ހައްޔަރުކޮށްފައި ވެ އެވެ. އޭގެ އިތުރުން އައްޑު އަތޮޅުގެ ރިސޯޓަކުން ފަތާފައި މީދޫއަށް ދިޔަ މީހަކާއި އެހެން ރިސޯޓެއްގެ ދެ މުވައްޒަފަކު ފުވައްމުލަކަށް ދިއުމުން ހައްޔަރުކޮށްފައި ވެ އެވެ.

ރިސޯޓްތަކަށް އަރައި ފޭބުން މަނާކޮށްފައި ވަނިކޮށް އެ އެންގުމާ ހިލާފަށް އަމަލު ކޮށްފައިވާ މީހުންނަށް ދައުވާ ކުރައްވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވަނީ ކުރިން ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ އެންގުމާ ހިލާފަށް ރިސޯޓަށް އެރުމާއި ރިސޯޓުން ފޭބުމަކީ ގާނޫނު އުގޫބާތުގެ 121 ވަނަ މާއްދާ އާއި 533 ވަނަ މާއްދާގެ ދަށުން ކުށެއް ކަމަށެވެ. އެހެންކަމުން އެޗްޕީއޭގެ އެންގުމާ ހިލާފަށް އަމަލު ކުރާ ފަރާތްތަކުގެ މައްޗަށް ދައުވާ ކުރާނެ ކަމަށް ވިދާޅުވި އެވެ.