ކޮވިޑް-19: ގެއިން ނުނިކުމެ ދެއްކި ނަމޫނާ އަށް ސާބަސް

މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ އަށް ސަރުކާރުން އިއުލާންކުރި، ތިން ގަޑިއިރުގެ ކާފިއު މިއަދު ހަވީރު ފަހެއް ޖެހުމާ އެކު ފެށުނުއިރު، އެންމެން ކަހަލަ ގޮތަކަށް ތިބީ ގެއަށް ވަދެ އެވެ؛ މާލޭގައި ތޮއްޖެހިގެން ދިރިއުޅޭ ގާތްގަނޑަކަށް 150،000 މީހުންގެ އާބާދީގެ ތެރެއިން ނިސްބަތުން މަދު މީހެއް ފިޔަވައި މަގުމައްޗަކުން ނުފެނެ އެވެ. އެންމެން ކަހަލަ ގޮތަކަށް ތިބީ ކާފިއުގެ ތިން ގަޑިއިރު ކިޔަމަންތެރިކަމާ އެކު ގޭގަ އެވެ.


ވެހިކަލްތަކުން ފުރިބާރުވެފައި އޮންނަ މަގުތަކަށް ވެރިވެފައި އޮތީ ހިމޭން ކަމެވެ. މިއީ، ކިތަންމެހާ ވެސް ފުރިހަމަ އެއްބާރުލުމެކެވެ.

ކޮރޯނާވައިރަސް އާއްމުންގެ ތެރޭގައި ފެތުރުނަ ނުދޭން އަޅާ، ރައްކާތެރި ކަމުގެ ފިޔަވަޅުގެ ތެރޭގައި، މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގެ މަގުތަކަށް ނުކުމެ އުޅުން މަނާކޮށްފައި ވަނީ މިއަދުން ފެށިގެން އަދި ވަކި މުއްދަތެއް ނެތް ގޮތަށް ކޮންމެ ދުވަހެއްގެ ހަވީރު ފަހުން ރޭގަނޑު އަށަކާ ހަމައަށެވެ. މީގެ އެންމެ ބޮޑު ބޭނުމަކީ ކޮރޯނާވައިރަސް ފެތުރޭ މައިގަނޑު އެއް ސަބަބަކީ ގިނަ ބަޔަކު އެއް ވަގުތެއްގައި ތަންތަނަށް އެއްވެ ގައިގޯޅިވުން ކަމަށް ވާތީ އެ ކަން ހުއްޓުވުމެވެ.

މާލެ ހިމޭންކޮށްލައި، މިއަދު އާއްމުން ދައްކައިދިނީ، މި ބަލިން ރައްކާތެރިވެ ތިބުމަށް، ކަމާބެހޭ އިދާރާތަކުން ދޭ އިރުޝާދުތަކާއި އަޅާ ފިޔަވަޅުތައް ބަލައިގަންނަ މިންވަރެވެ. މި ކަމުގައި މިހާތަނަށް ވެސް އާއްމުން ހޭލުންތެރިވެފައިވާ މިންވަރެވެ.

"މާލެ މިހާ އަމާންކޮށް އޮއްވައި މިއިން ދުވަހަކު ވެސް ނުދެކެން،" އެކަކު ޓުވީޓާގައި ލިއެފައިވެ އެވެ.

ސަރުކާރުގެ އެންގުންތަކަށް ތަބާވެ، ގޭގައި އާއްމުން ތިބި ކަން ފާހަގަކުރައްވައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވީ ދިވެހިންނަކީ ހަގީގަތުގައި ވެސް ބަސްއަހައި، އެއްބާރުލުންދޭ ބައެއް ކަން މިއަދު ވެސް ސާބިތުކޮށްދީފައިވާ ކަމަށެވެ. އޭނާގެ ޝުކުރު ނިންމަވައިލެއްވީ، ދިވެހިންނަކީ އެކުވެރި އޯގާތެރި ބައެއް ކަން ފާހަގަކުރައްވަމުންނެވެ.

މަހްލޫފްގެ ޓުވީޓް.
އާއްމުންގެ އެއްބާރުލުން ފާހަގަކުރައްވައި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ކުރެއްވި ޓުވީޓް

އެެހެން މީހަކު ލިއެފައިވާ ގޮތުގައި، މާލޭގައި ތޮއްޖެހިފައިވާ ބޮޑު އާބާދީއެއް އޮންނަހެން ވެސް މިއަދު މަގުމަތިން ހިއެއް ނުވެ އެވެ. އެއާ ވިއްދައި އެހެން މީހަކު ބުނީ "ތި ދެއްކި ނަމޫނާ އަށް ސާބަސް" ކަމަށެވެ.

ގޭގައި ތިބި ތިން ގަޑިއިރުގެ ތެރޭގައި އެތައް ބަޔަކު ވަނީ، މަގުމަތި ހުހަށް އޮއްވައި ނެގި ފޮޓޯތަކުން ސޯޝަލް މީޑިއާ ފުރާލައިފަ އެވެ. މަންޒަރުތަކުން ސިފަވީ ކިޔަމަންތެރިކަމާއި އެއްބާރުލުމެވެ.

ކާފިއުގެ ވަގުތު ފެށުމާ އެކު ފުލުހުން އައީ، މާލޭގެ މަގުތައް ޕެޓްރޯލް ކުރަމުންނެވެ. މަގުތަކުގައި މަދުން ނަމަވެސް ނުކުމެ އުޅުނު މީހުންނަށް ނަސޭހަތްދީ، ބައެއް މީހުން ޖޫރިމަނާކުރި މަންޒަރު ފެންނަ ވީޑިއޯތަކެއް އާއްމުވެފައިވެ އެވެ.

ކާފިއުގެ ވަގުތު އާއްމުން ބޭރުތެރޭގައި އުޅުނަ ނުދޭން ފުލުހުންނާ އެކު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް މަގުމަތީގައި ހަރަކާތްތެރިވެވަޑައިގަތެވެ. އެ ވަގުތު މަގުމަތީގައި އުޅުނު މަދު ބަޔަކަށް ސީޕ ހަމީދު ނަސޭހަތް ދެއްވައި މަގުތައް ޕެޓްރޯލް ކުރެއްވި އެވެ.

ކާފިއު ފެށުމާ އެކު ފުލުހުން މާލެތެރެ ޕެޓްރޯލްކުރަނީ.-- ފޮޓޯ: އަހުމަދު އަވްޝަން /މިހާރު

ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް 19 މީހަކު ޕޮޒިޓިވްވެ 13 މީހަކު ރަނގަޅުވެފައި ވެ އެވެ. ބަލި ޖެހުނު މީހުންގެ ތެރޭގައި ހަތަރު ދިވެހިން ވެސް ހިމެނެ އެވެ. އެއީ އިނގިރޭސިވިލާތުން ރާއްޖެ އައި ފަހުން އެ ރޯގާ ޖެހުނު ބައެކެވެ. މިހާތަނަށް ރާއްޖެ އިން މި ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ތުރުކީގެ ޑޮކްޓަރާއި އެ ރިސޯޓުގެ ބިދޭސީ މުވައްޒަފަކާއި 11 ޓޫރިސްޓެކެވެ.

ކޮރޯނާވައިރަސް ފެތުރުނަ ނުދިނުމަށްޓަކައި ރަސްމީ ފަރާތްތަކުން އަޅަމުން އަންނަ ހަރުކަށި ފިޔަވަޅުތަކުގެ ތެރެއިން މިއަދު ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 8:00 އާ ހަމައަށް މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ކާފިއު ހިންގަންފެށުމާއެކު ފުލުހުން ހަރަކާތްތެރިވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން /މިހާރު

ޗައިނާގެ ވޫހާން ސިޓީން މިދިޔަ ޑިސެމްބަރުގައި މި ވައިރަސް ފެނި ހަލުވިކަމާ އެކު ފެތުރެން ފެށުމާ އެކު ރާއްޖެ އިން އައީ ދުރާލައި ތައްޔާރުވަމުންނެވެ. ހެލްތު މިނިސްޓްރީ އިސްވެ އޮވެ އެޗްޕީއޭ އާއި ކަމާބެހޭ އެހެން އިދާރާތަކުން މިކަމާ ދެކޮޅަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއްހެން، ރާއްޖެ އިން މި ވައިރަހަށް ޕޮޒިޓިވް މީހަކު ފެނުނު އިރު ހުރީ އަޅައިފަ އެވެ.

މިހާތަނަށް އާއްމުންގެ ތެރޭގައި ބަލި ނުފެތުރިވާ މައިގަނޑު ސަބަބަކީ ވެސް އެ އެވެ. ކަމާބެހޭ އިދާރާތަކުގެ ހުރިހާ ވިސްނުމަކާއި ފިޔަވަޅުތަކެއް އަމާޒުކޮށްފައި ވަނީ ވެސް އާއްމުންގެ ތެރޭގައި ބަލި ފެތުރުނަ ނުދިނުމަށެވެ. މިކަމުގައި ތަކުރާރުކޮށް އެދެމުން އަންނަނީ އިޖުތިމާއީ ގައިދުރުކަމާ އެކު އާއްމުންގެ އެއްބާރުލުން ދިނުމަށެވެ.

އެ ނަސޭހަތުގައި ހިފައި އާއްމުން މިއަދު ވަނީ ނަމޫނާ ދައްކައިދީފަ އެވެ؛ ކެތްތެރިކަމާ އެކު ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ކާފިއު ގަޑިތަކުގައި އެއްބާރުލުން ދޭން ޖެހެ އެވެ. މިކަމުގައި ކާމިޔާބު ހޯދެން އޮތީ އެންމެން ގުޅިގެން ކަން ގަބޫލުކުރާ ވިސްނުން އަބަދުވެސް ހަނދާން ބަހައްޓަން ޖެހެ އެވެ.