ޕާޓީތައް ހިންގާ ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް ފައިސާ ދިނުން ފަސްކޮށްފި

ސިޔާސީ ޕާޓީތައް ހިންގާ ގޮތާ މެދު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހިތްހަމަނުޖެހުން ފާޅުކޮށް، ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް މި އަހަރު ކަނޑައަޅާފައިވާ ފައިސާ ދިނުން ފަސްކޮށްފައިވާ ކަން އަންގައިފި އެވެ.


ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ކަނޑައަޅައި މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ދޭން ޖެހޭ ފައިސާ ދިނުން ލަސްވެގެން ޕާޓީތަކުން ކުރި ޝަކުވާތަކަށް ހަރުކަށި ރައްދެއް ދީ، ކޮމިޝަނުން ވަނީ ޕާޓީތަކަށް ސިޓީއެއް ފޮނުވައިފަ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނާއި އަސާސީ ގަވާއިދުތަކާ ހިލާފުވެ ޕާޓީތައް ހިންގާ ގޮތާ މެދު އެ ކޮމިޝަނުން ކަންބޮޑުވާ ކަމަށް ބުނެ އެ ސިޓީގައި ކަންތައްތަކެއް ފާހަގަކޮށްފައިވެ އެވެ.

ފުރަތަމަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ، ބައެއް ސިޔާސީ ޕާޓީތަކުގެ އިސް މަގާމު ހުސްވެފައިވާއިރު ވެސް އެ މަގާމަށް ބޭފުޅަކު އިންތިހާބުކޮށްފައި ނުވުމެވެ. އެހެންވެ، ޕާޓީގެ މުހިއްމު ބޮޑެތި ހަރަދުތައް ކުރުމުގައި ކަން ކުރަނީ ރަނގަޅަށްތޯ އާއި އިސްވެ ބަލަހައްޓާ ފަރާތެއް ނެތި ދާ ކަމަށާއި މި ކަންކަމުގެ ޝަކުވާ ހުށަހަޅަމުންދާ ކަމަށް އިލެކްޝަނުން ބުންޏެވެ.

މިއީ، އެމްޑީޕީ އާއި އަދާލު ޕާޓީ އަށް ނިސްބަތްކޮށް އެ ކޮމިޝަނުން ބުނެފައިވާ ވާހަކައެއް ކަމަށް ބެލެވެ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން އެ ދެ ޕާޓީގެ ރައީސުންގެ ގޮތުގައި ތިއްބެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިމްރާން އަބްދުﷲގެ މަގާމު ހުސްވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އެ ކޮމިޝަނުން ބުނީ ޕާޓީތަކުގެ އަސާސީ ގަވާއިދާ ހިލާފުވެ އިންތިހާބީ މަގާމުތަކަށް ވެސް ބޭފުޅުން އައްޔަން ކުރަނީ އިންތިހާބަކާ ނުލައި، އަމިއްލަ އަށް ފެންނަ ގޮތަކަށް ކަމަށެވެ. އަދި ބައެއް މަގާމުތައް ހުސްވެ، ގިނަ ދުވަސްތަކެއް ވެފައިވާއިރު އިންތިހާބު ނުބޭއްވުމާއި އިންތިހާބީ މަގާމުތަކަށް މީހުން ހޮވާއިރު ވެސް އޮޅުވާލައި މަކަރު ހަދާ ކަމުގެ ޝަކުވާ ލިބޭ ކަމަށް ސިޓީގައިވެ އެވެ.

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމަށް އަމާޒުކޮށް ބުނީ، ބައެއް ސިޔާސީ ޕާޓީތަކުގެ އިސް ފަރާތްތަކުން ވަނީ ލޯކަލް ކައުންސިލް އިންތިހާބުގެ މަސައްކަތް ކުރިއަށް ގެންދަން ކަނޑައަޅާފައިވާ ކޮމެޓީގެ ބާރު ކަނޑުވާލައި، ކޮމެޓީތަކުގެ ބައްދަލުވުންތައް ބޭއްވުމުގެ ފުރުސަތު ވެސް ނުދީ ހިފަހައްޓަވާފައި ކަމަށެވެ.

"..ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ވެސް ބޭއްވިޔަ ނުދޭ ކަމުގެ ޝަކުވާ މި ކޮމިޝަނަށް ދަނީ ލިބެމުންނެވެ،" ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ނިސްބަތްކުރައްވައި އިލެކްޝަންގެ ސިޓީގައިވެ އެވެ.

ޕީޕީއެމްގެ ކައުންސިލް ބާއްވަން މައުމޫން ހުރަސްއަޅުއްވަމުން ގެންދަވާ ކަމަށް ބުނެ، ރައީސް އަބްދުﷲ ޔާމީން ފެކްޝަނުގެ މީހުން ވަނީ އެ މައްސަލަ ކޯޓަށް ވެސް ވައްދައިފަ އެވެ.

"މި ކަންކަން މި ދެންނެވި މަގަށް ހުރުމުގެ ސަބަބުންނާއި ބައެއް ސިޔާސީ ޕާޓީތަކުން ހަރަދުކުރާ ގޮތް ބަލަހައްޓާނެ އިސް ވެރިއަކު ނެތުމާއި ހަރަދުކުރުމުގައި ހަރުދަނާ ކަމެއް ނެތި ހިތުހުރި ގޮތަކަށް ކަންކަން ކުރަމުންދާ ކަމުގެ ޝަކުވާ ލިބިފައިވާތީ ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމުގައި ދަތިތަކެއް މިހާރު ވަނީ ކުރިމަތިވެފަ އެވެ،" ސިޓީގައިވެ އެވެ.

އިލެކްޝަނުން ފާހަގަކޮށްފައިވާ ގޮތުގައި، ސިޔާސީ ޕާޓީތައް ހިންގާ ގޮތް ބަލައި މޮނިޓާކޮށް ހެދުމަކީ ގާނޫނުގެ ދަށުން އެ ކޮމިޝަންގެ މައްޗަށް ލާޒިމްކޮށްފައިވާ ކަމެކެވެ. އަދި ޕާޓީތައް ހިނގަނީ އަސާސީ ގަވާއިދާ އެއްގޮތަށްތޯ ބެލުމަކީ ވެސް އެ ކޮމިޝަނުން ކުރަން ޖެހޭ ކަމެއް ކަމަށެވެ.

"މީގެ އިތުރުން ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމުގެ އަސްލު މަގުސަދު ހާސިލްވޭތޯ ބެލުމަކީ ވެސް މި ކޮމިޝަނުން ފައިސާ ދިނުމުގައި ބަލަން ޖެހޭ ކަމެއް ކަމުގައި ވެސް ދެކެމެވެ،" ކޮމިޝަންގެ ސިޓީގައިވެ އެވެ.

ސިޓީ ނިންލާމަލުން، ޕާޓީތަކަށް ފައިސާ ދިނުން ލަސްކޮށްފައިވާ ކަމަށް ބުނެފައިވީ ނަމަވެސް ފައިސާ ދޭނެ މުއްދަތެއް ހާމަކޮށްފައެއް ނުވެ އެވެ.

ސިޔާސީ ޕާޓީތައް ހިންގާ ގޮތާ މެދު އިލެކްޝަންސް ކޮމިޝަނުން ފާޑުކިޔާފައި މިވަނީ، ސަރުކާރާއި ސިޔާސީ ޕާޓީތަކާ އެކު ބާއްވާ މަޝްވަރާތަކަށް މަންދޫބުން ކަނޑައެޅުމާ ގުޅޭގޮތުން ރައީސް އޮފީހުން ފޮނުވި ސިޓީގައި ޕާޓީތައް ހިންގާ ގޮތާ މެދު ހިތްހަމަނުޖެހުންފާޅުކޮށްފައި ވަނިކޮށެވެ.

ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު މުޖުތާޒު ސޮއިކުރައްވައި ޕާޓީތަކަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ސިޔާސީ ޕާޓީތަކަކީ ގާނޫނާއި ގަވާއިދާއި އެ ޕާޓީއެއްގެ އަސާސީ ގަވާއިދުގެ ދަށުން ހިންގުމުގެ ނިޒާމްތައް ފުރިހަމަވެފައި ހުންނަން ޖެހޭ މުއައްސަސާތައް ކަމަށެވެ. ނަމަވެސް މިވަގުތު އަދާލަތު ޕާޓީ އާއި އެމްޑީޕީގައި އިންތިހާބުކޮށްފައިވާ ރައީސަކު ނެތުމާ އެކު ދެ ޕާޓީ ހިންގުމުގެ ނިޒާމް ގާނޫނީ އިމުގެ ތެރެއިން ފުރިހަމަވެފައި ނުވާތީ ޕާޓީގެ ނިންމުންތަކާ މެދު ސުވާލު އުފެދޭ ވާހަކަ ދަންނަވަން ރައީސް ޔާމީން އަންގަވާފައިވާ ކަމަށެވެ.