ކޮވިޑް-19 ގައި ހާލު ދެރަވާ މީހުންނަށް ފަރުވާ ދިނުމަށް މިހާރު ރާއްޖެ ގެންނަން މަސައްކަތްކުރާ ވެންޓިލޭޓަރުތަކަށް 56.3 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް، ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން މިރޭ ބުނެފި އެވެ.
އެ ސެންޓަރުން ބޭއްވި މީޑިއާ ބްރީފިންގައި ކޮވިޑް-19 ގެ މައުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ ތަރުޖަމާނު، މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ 151 ވެންޓިލޭޓަރު ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އެ މަސައްކަތް އެކި ކުންފުނިތަކާ ހަވާލުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
ޕޯޓަބްލް ހަ ވެންޓިލޭޓަރު ގެނައުމަށް 16 ފަރާތަކަށް ގުޅައި، އޭގެ ތެރެއިން ހަތަރު ފަރާތަކުން ޕްރޮޕޯޒަލް ހުށަހެޅި ކަމަށާއި އެ ޕްރޮޕޯޒަލްތައް ބެލުމަށް ފަހު، އެއް ކުންފުންޏަކާ އެކަން ހަވާލުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އަދި އިތުރު 135 ވެންޓިލޭޓަރު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މަބްރޫކް ވިދާޅުވި އެވެ. އެކަން ކުރަމުން އަންނަނީ މާލިއްޔަތު ގަވައިދުގައި، ކުއްލި ހާލަތުގައި ތަކެތި ގަތުމަށް ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ޔަގީންކަން ދެނީ އަޅުގަނޑުމެން ސިސްޓަމްގެ ތެރެއިން މަސައްކަތް ކުރާނެ ކަން. އެކަމަށް ނުފޫޒެއް ނުފޯރުވާނެކަން. އިންޑިޕެންޑެންޓުކޮށް މުއައްސަސާތަކާ މަސައްކަތް ކުރެވޭނެކަން،" މަބްރޫކް
ފުރަތަމަ ހަ ވެންޓިލޭޓަރު ގެނައުމަށް 1.3 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 50 ވެންޓިލޭޓަރު ގެންނަން އެއް ކުންފުންޏަކާއި އަދި 20 ވެންޓިލޭޓަރު ގެނެވޭނެ ކަމަށް އެހެން ކުންފުންޏަކުން ބުނެފައިވާތީ އެ ކުންފުނިތަކާ އެކު އެގްރިމެންޓް ހަދާފައިވާ ކަމަށެވެ. ނަމަވެސް އެ ދެ ކުންފުނީގެ ތެރެއިން އެއްވެސް ކުންފުންޏަކަށް ފައިސާ ދައްކާފައިނުވާނެ ކަމަށް ވިދާޅުވި އެވެ.
ވެންޓިލޭޓަރު ހޯދުމަށް ދެން މަސައްކަތް ކުރަމުން އަންނަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ މެދުވެރިކޮށެވެ. އެ ޖަމިއްޔާ މެދުވެރިކޮށް، ބޭރުގެ އެހެން ކުންފުންޏެއްގެ އަތުން ގެންނަން ހަމަޖައްސާފައިވަނީ އައިސީޔޫގައި ބަހައްޓާ 65 ވެންޓިލޭޓަރު އަދި ދަތުރުމަތީގައި ވެސް ބޭނުންކުރެވޭ ކަހަލަ 10 ވެންޓިލޭޓަރެވެ.
ޕޯޓަބްލް ހަ ވެންޓިލޭޓަރު ގެނައުމަށް 16 ފަރާތަކަށް ގުޅައި، އޭގެ ތެރެއިން ހަތަރު ފަރާތަކުން ޕްރޮޕޯޒަލް ހުށަހެޅި ކަމަށާއި އެ ޕްރޮޕޯޒަލްތައް ބެލުމަށް ފަހު އެއް ކުންފުންޏަކާ އެކަން ހަވާލުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އަދި އިތުރު 135 ވެންޓިލޭޓަރު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަން ކުރަމުން އަންނަނީ މާލިއްޔަތު ގަވައިދުގައި، ކުއްލި ހާލަތުގައި ތަކެތި ގަތުމަށް ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން ކަމަށް މަބްރޫކް ވިދާޅުވި އެވެ.
އެ އެއްޗެހީގެ ތެރެއިން 50 ވެންޓިލޭޓަރު ގެނައުމަށް 14 މިލިއަން ރުފިޔާ، 20 ވެންޓިލޭޓަރު ގެނައުމަށް ހަތް މިލިއަން ރުފިޔާ އަދި ޑަބްލިއުއެޗްއޯ މެދުވެރިކޮށް ބޭރުގެ ފަރާތަކާ ހަވާލުކޮށްގެން ގެންނަ ވެންޓިލޭޓަރުތަކަށް 34 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ. މީގެތެރެއިން އެޑްވާންސްކޮށް ފައިސާ ދީފައި ވަނީ ބޭރުގެ ކުންފުންޏަށް އެކަންޏެވެ.
ވެންޓިލޭޓަރުތައް ހޯދުމުގައި ސަރުކާރަށް ވަނީ ކޮރަޕްޝަނާ ގުޅޭގޮތުން އެކި ތުހުމަތުތައް ކޮށްފަ އެވެ. އެކަމަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވީ، ސަރުކާރުން ކޮރަޕްޝަންގެ އެއްވެސް އަމަލެއް ނުހިންގާނެ ކަމަށް ވިދާޅުވާން ވަރަށް ފަސޭހަވާނެ ކަމަށެވެ. ނަމަވެސް އެކަން ޔަގީންކުރުމަށްޓަކައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި ކޮރަޕްޝަނާއި ވައްކަމުގެ މައުލޫމާތު ހިއްސާކުރަން ހާއްސަ ޕޯޓަލެއް އޮންނަކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ޔަގީންކަން ދެނީ އަޅުގަނޑުމެން ސިސްޓަމްގެ ތެރެއިން މަސައްކަތް ކުރާނެ ކަން. އެކަމަށް ނުފޫޒެއް ނުފޯރުވާނެކަން. އިންޑިޕެންޑެންޓުކޮށް މުއައްސަސާތަކާ މަސައްކަތް ކުރެވޭނެކަން،" މަބްރޫކް ވިދާޅުވި އެވެ.
އަދި ފަރުވާއެއް ހޯދިފައިނުވާ ކޮވިޑް-19 ބަލީގެ މީހުންނަށް ފަރުވާ ދިނުމަށް 200 ވެންޓިލޭޓަރު ހޯދަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން މިހާރު ހަވާލުކޮށްފައިވަނީ 151 ވެންޓިލޭޓަރު ހޯދުމަށެވެ. އިތުރު ވެންޓިލޭޓަރުތައް ހޯދުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. މަބްރޫކް "މިހާރު" އަށް ވިދާޅުވީ އެ ވެންޓިލޭޓަރުތައް ފަހުން ބޭނުންކުރަން ނިންމާފައިވަނީ ރީޖަނަލް ހޮސްޕިޓަލުތަކުގައި ކަމަށެވެ.