މާލެ ސަރަހައްދު ލޮކްޑައުން ކުރިއިރު، ހާލުގައި ޖެހި މަގުމަތިވި 80 އަށް ވުރެ ގިނަ މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމް ހަމަޖައްސަމުންދާ ޖެންޑާ މިނިސްޓްރީން ބުނެެފި އެވެ.

ކޮވިޑް-19 އަށް މާލެއިން ބަޔަކު ޕޮޒިޓިވްވުމުން މާލެ ސަރަހައްދު 14 ދުވަހަށް ލޮކްޑައުންކޮށް، މާލެ ސަރަހައްދަށް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ. އެހެންވެ، އެކި ބޭނުންތަކަށް މާލެ އައިސް ތިބި ބައެއް މީހުން ހާލުގައި ޖެހި، މަގުމަތިވި އެވެ.

ޖެންޑާ މިިނިސްޓްރީން ނެރުނު ބަޔާނެއްގައިވަނީ މާލޭގައި މަގުމަތިވެފައިވާ 80 އަށް ވުރެ ގިނަ މީހުން އެ މިނިސްޓްރީއާ ފުލުހުން ހަވާލު ކުރުމުން އެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމް މިމަހުގެ 15 ދުވަހުން ފެށިގެން ހަމަޖައްސައި ދެމުންދާ ކަމަށެވެ. އަދި މާލެ ލޮކްޑައުން ކުރިއިރު އެކި ބޭނުންތަކުގައި މާލެ އައިސް ތިބި މީހުންގެ ތެރެއިން ހާލުގައި ޖެހުނު މީހުންނަށް ވެސް އެފަދަ އިންތިޒާމްތައް އެ މިނިސްޓްރީން ހަމަޖައްސައި ދެމުންދާ ކަމަށް އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން 400 އަށް ވުރެ ގިނަ މީހުންނަށް އެފަދަ އިންތިޒާމް ހަމަޖައްސައިދޭން އެދި މާލޭ ސިޓީ ކައުންސިލަށް ވެސް ހުށަހެޅިފައިވާތީ އެ ފަރާތްތަކަށް އެހީވުމަށް އެ ކައުންސިލާ އެކު ވެސް މަސައްކަތް ކުރަމުންދާ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އެފަދަ ކަމެއް ދިމާވެއްޖެ ނަމަ، އެ މިނިސްޓްރީއަށް އެކަން އަންގަން އެދޭ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ކުލި ނުދެއްކިގެން މަގުމަތިވެފައި ތިބި އެއް އާއިލާއެއްގެ ދެ މީހެއްގެ މައްސަލަ ރޭ ސޯޝަލް މީޑިއާގައި ފެންމަތިވެފައި ވަނިކޮށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ މިއަދު ކުރެއްވި ޓްވީޓެއްގައިވަނީ އެ މީހުންނަށް ވެސް ވަގުތީ ބޯހިޔާވަހިކަން މިހާރު ފޯރުކޮށް ދީފައިވާ ކަމަށެވެ. އަދި މިއީ އެންމެން ވެސް އިންސާނިއްޔަތު އިސްކުރަންވީ ވަގުތު ކަމަށް ވެސް މިނިސްޓަރުގެ ޓްވީޓްގައިވެ އެވެ.

ކޮވިޑް-19 އަށް މާލެއިން އެކަނި ވެސް 62 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 82 އަށް ވަނީ އަރައިފަ އެވެ. އެހެންވެ، މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާތީ ރަށްރަށުން މުދާ ބަލައި އަންނަ އުޅަނދުތައް ފިިޔަވައި އިތުރު އެއްވެސް އުޅަނދެއް މާލެއަށް ނާދެވެ އެވެ. އަދި މުދާ ގެންދާ އުޅަނދުތަކުގައި ވެސް މީހުން އުފުލުމަކީ މަނާ ކަމެކެވެ.