މާލެ ސަރަހައްދު މި ދުވަސްވަރު ލޮކްޑައުންކޮށްފައިވާތީ ޑެލިވަރީ ކުރުމުގައި އުޅުނު ވޭނެއް މިއަދު ހަވީރު އެކްސިޑެންޓް ވެއްޖެ އެވެ.
ފުލުހުން ބުނީ ހަވީރު ފަހެއް ޖަހާކަންހާ އިރު ހިނގި އެކްސިޑެންޓުގައި ޗާންދަނީ މަގުގައި ހުރި ފިހާރައެއްގެ ދޮރުގައި ޑެލިވަރީވ ވޭން ޖެހިފައިވާ ކަމަށެވެ. މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވި ކަމަކަށް ފުލުހުން ނުބުނެ އެވެ.
އެ ވޭން ދުއްވަން އިނީ 18 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސެންސެއް އޭނާ އަތުގަައެއް ނޯވެ އެވެ.
ކޮވިޑް-19 އަށް މާލެ އިން އަންހެނަކު މިދިޔަ ހަފްތާގެ ބުދަ ދުވަހު ޕޮޒިޓިވްވުމުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނާއި ކޮންޓެކްޓް ޓްރޭސިން މަސައްކަތް ކުރުމަށްޓަކައި މި މަހުގެ ނިޔަލަށް މާލެ ސަރަހައްދު ވަނީ ލޮކްޑައުންކޮށްފަ އެވެ. ނަމަވެސް ފުލުހުން ހުއްދަ ދީފައިވާ ވެހިކަލްތަކަށް ދުއްވެ އެވެ.