ކޮވިޑް-19 ބަލީގެ މީހުންނަށް ފަރުވާދިނުމަށް ތައްޔާރުކުރާ ހާއްސަ ފެސިލިޓީގައި ހަދަމުންދާ ކޮޓަރިއެއް: އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހުގެ ކޭސްތައް ކޮވިޑް ވިލެޖު ކްލަސްޓާއާ ގުޅޭ --- ޕޮޓޯ: އަހުމަދު އަވްޝަން/މިހާރު
02 މެއި 2020 - 01:54
ރާއްޖޭގައި ކޮވިޑް-19 އަށް މިދިޔަ ބުރާސްފަތި ދުވަހު 191 މީހަކު ޕޮޒިޓިވްވި އިރު އެ މީހުން ނިސްބަތްވަނީ މާލެ އިން ފެނިފައިވާ ބޮޑު ތިން ކްލަސްޓާއާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ރޭ ވިދާޅުވެއްޖެ އެވެ.
އެއް ދުވަހެއްގައި އެންމެ ގިނަ ޕޮޒިޓިވް ކޭސްތައް ރާއްޖެ އިން ފެނުނީ އެޗްޕީއޭ އިން އިއުލާން ކުރި ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހެވެ. އޭގެ ތެރޭގައި، ބަންގްލަދޭޝް 138 މީހުންނާއި އިންޑިއާގެ 32 މީހުންނާއި ރާއްޖޭގެ 18 މީހުންގެ އިތުރުން ނޭޕާލް ދޭއް އަދި ލަންކާ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި އެވެ.
އެ ދުވަހު، އެއް ފަހަރާ 95 މީހަކު ޕޮޒިޓިވްވެފައިވާ އިރު އެ އެންމެންނަކީ ވެސް އެއްތަނެއްގައި ތިބި މީހުންނެވެ. މި މީހުން ނިސްބަތް ވަނީ، ކޮކާ ކޯލާ ކްލަސްޓާ (ސީސީސީ) އަށެވެ. މީގެ އިތުރުން އެ ދުވަހު ޕޮޒިޓިވްވި ކޭސްތައް ނިސްބަތްވަނީ ބާޒާރުމަތީ ކްލާސްޓާއަށާއި ހުޅުމާލޭގައި ހަދާ ކޮވިޑް ވިލެޖް ކްލަަސްޓާ އަށެވެ.
އަފްޒަލް ވިދާޅުވީ 95 މީހަކު މޮނިޓަރިންގައި ތިބީ އެ މީހުންނާ އެކު އުޅުނު އެކަކު ޕޮޒިޓިވްވުމުން ކަމަށެވެ. އެ ކޭހަށް ފަހު އެ ތަނުން އެއްވެސް މީހަކު އެހެން ދިމާލަކަށް ގޮސްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެތާ ތިބި އެންމެން ޕޮޒިޓިވްވެފައި މި ވަނީ. ހަގީގަތުގައި ވަރަށް ގިނަ މީހުން ޕޮޒިޓިވްވެފައި ވިއަސް ނަސީބަކުން އަޅުގަނޑުމެން މޮނިޓަރުން ހާލަތުގައި ހުރި ތަނަކަށް ވާތީ އެތަނުން އިތުރު މޫވްމަންޓްސްތަކެއް ހިނގާފައެއް ނުވޭ. އެހެންވެ އެ ބޭފުޅުންގެ ފަރާތުން އިތުރު ކޮންޓެކްޓްސްތަކެއް ފެނިފައެއް ނެތް،" އަފްޒަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެއްވެސް ކްލަސްޓާއަކާ ގުޅުމެއް ނެތް ކޭހެއް ވެސް ބުރާސްފަތިދުވަހު ފެނިފައިވެ އެވެ. ކަށަވަރު ނުވާ އަށް ކޭހާއި ހޭންޑް ކްލަސްޓާ އަށް ނިސްބަތްވާ ހއ. ތަކަންދޫގެ ތިން ކޭހުގެ އިތުރުން ނ. މަނަދޫ މީހަކު ވެސް ޕޮޒިޓިވްވެފައިވާ ކަމަށް ވިދާޅުވި އެވެ.
އެމީހުންގެ ތެރޭގައި ގިނައީ 12-40 އަހަރާ ދެމެދުގެ މީހުން ކަމަށާއި ފަރުވާ ދޭއިރު ވެސް 12 އަހަރުން މަތީގެ ކުދިން ބަލަނީ، ބޮޑެތި މީހުންނަށް ދެވޭނެ ފަރުވާގައި ތިބި މީހުންނަށް ކަމަށް ވިދާޅުވި އެވެ. އުމުރުން ދުވަސްވީ މީހުންގެ ތެރެއިން 65 އަހަރުން މަތީގެ މީހުންނަށް ކޮވިޑް-19 ޖެހިފައި ތިބި މީހުންގެ އަދަދު މަދުކަމުގައި ވިއަސް ކޮންޓެކްސްޓްގައި އެފަދަ މީހުން ގިނަކަން ފާހަގަކުރެވޭ ކަމަށް އަފްޒަލް ވިދާޅުވި އެވެ.
ރާއްޖެ އިން ކޮވިޑަށް ޕޮޒިޓިވް މީހަކު މިދިޔަ މާޗް މަހުގެ ތެރޭގައި ފެނުނު ފަހުން މިހާތަނަށް މި ބައްޔަށް ޕޮޒޓިވްވި ޖުމްލަ އަދަދަކީ 481 އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމަރުބުލޫ
02 May 2020
މާލޭގެ ގިނަ ބިދޭސިން ނިދާ އުޅޭ ހާލު މިހާރު އެންމެންނަށް މިއޮތީ ހާމަވެފަ. މިގޮތުން މާލޭގެ މުއްސަނދި ބޮޑެތި ވިޔަފާރި ކުންފުނިތަކުގަ މަސައްކަތްކުރާ ބިދޭސީންވެސް މިއުޅެނީ މިހާލުގަ. ކޮބާތޯ އެކުންފުނިތަކުގެ ވެރިންގެ ޒިންމާ؟ސުވާލެއް ކުރާނެ ފަރާތެއް ހަމަ ނެތީތޯ؟ އަނެއްކޮޅުން ކޮކާކޯލާ އަކީ ދުނިޔޭގެ އެންމެ ބޮޑުއެއް ކުންފުނި ކަމަށް ވާއިރު އެތަނުގެ ރެޕިއުޓޭޝަން ވެސް މިވީޚަރާބު ނޫންތޯ؟ ދިވެހި ކޯކު ކުންފުނީގެ މުއައްޒިފުން ވެސް ހަމަ އެހާލުގަ މިނިދަނީ ދޯ؟ ޝޭމް!
އިންޑެކްސް
02 May 2020
ރާއްޖޭގައި ކޮމިއުނިޓީ ސްޕްރެޑް އައި ގޮތާ ފެއްޓުނު އިރެއް ދެނެނުގަނެވޭއިރު އެހެން ރަށްތަކުން އިތުރު ކްލަސްޓަރތައް ކުރިއަށް އޮތްތަނުގަ ފެނުން ގާތީ. ޓެސްޓްކުރުން ވައިޑްކުރި ވަރަކަށް ފެންނާނެ.