ޕީޕީއެމްގެ ރައީސްކަމުން މައުމޫން އަބްދުލްގައްޔޫމް އެކަހެރިކޮށް، އެ ޕާޓީ ހިންގުން އެހެން ފަރާތަކާ ހަވާލުކުރަން އެ ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރަކު މިދިޔަ ހަފުތާގައި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ މިއަދު އަނބުރާ ގެންގޮސްފި އެވެ.

ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިދިޔަ ބުރާސްފަތި ދުވަހު ހުށަހެޅުއްވި އެ މައްސަލަ އަނބުރާ ގެންދިޔައީ ޕީޕީއެމް ހިންގުން ރައީސް އަބްދުﷲ ޔާމީނާ ހަވާލުކޮށް، ކޯޓުން މިއަދު ހުކުމް ކުރުމުންނެވެ.

ޕީޕީއެމް ހިންގުން ޕާޓީގެ މުސްތަޝާރު ރައީސް ޔާމީނާ ކޯޓުން ހަވާލުކުރީ މައުމޫނާއި ރައީސް ޔާމީނާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކުގައި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ނުބާއްވަން މައުމޫން ނިންމެވި ނިންމުން ބާތިލްކުރަން މެމްބަރު ޝިޔާމާއި މެމްބަރު ޝާހިދު ކުރިން ހުށަހެޅި މައްސަލާގަ އެވެ.

އެ ހުކުމް އެގޮތަށް ކުރުމުން، ފަހުން ހުށަހެޅި މައްސަލަ އަނބުރާ ގެންދަން ސިޓީއެއް ފޮނުވައި، އެ މައްސަލަ އަނބުރާ ގެންގޮސްފައިވާ ކަމަށް ވަނީ އެނގިފަ އެވެ. ފަހުން ހުށަހެޅި މައްސަލައަކީ ޕީޕީއެމް ހިންގުމުން މައުމޫން ދުރުކޮށް، އެހެން ފަރާތަކާ ހަވާލުކޮށްދޭން އެދި ހުށަހެޅި މައްސަލައެކެވެ.

އެ މައްސަލަ އަނބުރާ ގެންދިޔައީ އެ މައްސަލައިގެ ޝަރީއަތް މިއަދު މެންދުރުފަހު ފަށަން ތާވަލްކޮށްފައި ވަނިކޮށެވެ.

ޕާޓީ ހިންގުން ރައީސް ޔާމީނާ ހަވާލުކުރި މައްސަލަ އިސްތިއުނާފް ކުރަން މައުމޫންގެ ފަރާތުން ވަނީ ނިންމައިފަ އެވެ.

މައުމޫނާއި ރައީސް ޔާމީނާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކުގައި ޕާޓީގެ ތެރޭގައި ދެ ފެކްޝަން އުފެދި، މައްސަލަ ވަނީ ހޫނުވެފަ އެވެ.