ދައުލަތުން ކުރަން ޖެހޭ ހަރަދުތައް ކުރުމަށް ބޭނުންވާ ވަރަށް ފައިސާ އެބަހުރި ކަމަށާއި ޕެންޝަން ފަންޑުން ފައިސާ ނަގަން ނުޖެހޭނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޕެންޝަން ފަންޑުން ފައިސާ ނެގޭ ގޮތް ހެދުމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލް ބަލައި ނުގަތުމަށް މަޖިލީހުން ވަނީ ނިންމައިފަ އެވެ. އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް ސައީދު ދެ ފަހަރު ހުށަހެޅުއްވުމުން ވެސް އެ ބިލް ބަލައިނުގަތީ ދައުލަތުގެ އާމްދަނީ އަށް އަސަރުކުރާ ކަންތައްތައް ހިމެނޭ ބިލްތައް ހުށަހެޅޭނީ ސަރުކާރުގެ ފަރާތުން އެކަނި ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި އޮންނާތީ އެވެ.
މިއަދުގެ މަޖިލިސް ބަހުސްގައި އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ވިދާޅުވީ އިޖުތިމާއީ ގޮތުން ގައުމަށް މިފަދަ ކަންތައްތަކެއް ކުރިމަތިވެފައިވާއިރު އެ ބިލަކީ މުހިންމު ބިލެއް ކަމަށެވެ. އަދި އެ ބިލް މަޖިލީހުން ބަލައި ނުގަންނަން ނިންމި ސަބަބު ބަލައި ނުގަނެވޭ ކަމަށް ޝަރީފް ވިދާޅުވި އެވެ.
"އެ ބިލް ބޭރުކޮށްލުމަކީ ޑިމޮކުރްޓިކް އުސޫލްތަކާއި މިފަދަ ހާލަތެއްގައި އަޅުގަނޑުމެން މަސައްކަތް ކުރަންވީ ގޮތާ ތަންކޮޅެއް ބީރައްޓެހި ގޮތަކަށް މިކަން މިދިޔައީ،" ކުރީގެ ޑިފެންސް މިނިސްޓަރު ޝަރީފް ވިދާޅުވި އެވެ.
މަޖިލީހުގެ ކަންކަން ކުރިއަށް ގެންދަނީ ވާދަވެރި ސިޔާސީ ފަރާތްތައް ބައިވެރިނުކޮށް ކަމަށް ޝަރީފް ވިދާޅުވުމުން އެކަމަށް ޖަވާބު ދެއްވައި ނަޝީދު ވިދާޅުވީ ވާދަވެރި ސިޔާސީ ފަރާތްތައް ބައިވެރިނުކޮށް މަޖިލީހުގެ އެއްވެސް ކަމެއް ކުރިއަށް ނުގެންދާނެ ކަމަށެވެ. އެ ބިލް މަޖިލީހަށް ބަލައި ނުގަނެވުނީ އެއީ ފައިސާއާ ގުޅޭ ބިލަކަށް ވާތީ ކަމަށް ނަޝީދު ތަކުރާރުކޮށް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ޕެންޝަން ފަންޑުން ފައިސާ ނަގަން، ސައީދު ހިމަނުއްވާފައިވާ ކަންކަން ކުރަން ދައުލަތުގައި ފައިސާ އެބަހުރި ކަމަށެވެ.
"އަޅުގަނޑުމެން ވާނީ މަނީ ސަޕްލައި އިތުރުކޮށްގެން ފައިސާ އުފައްދާފައި. އަދި އޭގެ އިތުރުން ބޭރުން ލިބޭ އެހީތެރިކަމާ އެކުގައި ފައިސާ އެބަހުރި. ޕެންޝަން ފަންޑުގައި އަތްލާކަށް ނުޖެހޭނެ. ގައުމެއްގެ ޕެންޝަން ފަންޑުގައި އަތްލީމައި އެ ގައުމެއްގެ މާޒީ އެކީގައި އެ ދިޔައީ،" ނަޝީދު
މިހާރު ކުރިމަތިވެފައިވާ އިގުތިސާދީ ދަތިކަމުގައި ޕެންޝަން ފަންޑުން ފައިސާ ނެގޭ ގޮތް ހަދަން އިދިކޮޅުން ކުރިން ވެސް ވަނީ ގޮވާލައިފަ އެވެ. އެ ކަމާ ބެހޭ ގޮތުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ކުރިން ވިދާޅުވެފައި ވަނީ ސަރުކާރުގެ ވިސްނުމަކީ މިހާރު ދިމާވެފައިވާ ހާލަތުގައި ޕެންޝަން ފަންޑުގައި ނުޖެހި، އެހެން ގޮތް ގޮތުން ރައްޔިތުންނަށް ލުއިތައް ހޯދައިދިނުން ކަމަށެވެ. އެ ފަންޑަކީ ކިހާ މުހިއްމު ކަމަކަށް ހުރި ފައިސާއެއްކަން އެންމެން ވެސް ވިސްނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. "މިހާރު އަޅުގަނޑުމެން ވިސްނައިގެން ނުވާނެ ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުން ކުރަން، އެ ފައިސާ ބޭނުންކުރަން ވިސްނުމަކީ އެހާ ބުއްދިވެރި ވިސްނުމަކަށް ނުވެދާނެ،" އަމީރު ވިދާޅުވެފައި ވެ އެވެެ.
އެމްޑީޕީން ހިންގާ ސަރުކާރެއްގައި ޕެންޝަން ފަންޑުން އެގޮތަށް ފައިސާ ނެގުމަކީ ވަކި ދަތިކަމެއް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.