ކޮވިޑް-19- ޕޮޒިޓިވްވި ބަންގްލަދޭޝްގެ މީހުންގެ އަދަދު 500 ހުރަސްކޮށްފި

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި ބަންގްލަދޭޝްގެ މީހުންގެ އަދަދު 500 އަށް ވުރެ މައްޗަށް އިއްޔެ އަރައިފި އެވެ.


އެޗްޕީއޭ އިން ބުނީ ރޭގެ 9:00 އާ ހަމައަށް 955 މީހަކު އެ ބައްޔަށް ޕޮޒިޓިވްވިއިރު، އޭގެ ތެރެއިން ބަންގްލަދޭޝްގެ މީހުންގެ އަދަދަކީ 506 ކަމަށެވެ. ރާއްޖެ އިން ކޮވިޑް-19 އަށް އެންމެ ގިނައިން ޕޮޒިޓިވްވީ ބަންގްލަދޭޝްގެ މީހުންނެވެ.

އެޗްޕީއޭ އިން ބުނެފައި ވަނީ އޭގެ ތެރެއިން ގިނަ މީހުން އުޅެމުން އައީ ޖާގައިގެ ގޮތުން ވަރަށް ކުދިކުދި ތަންތަނުގައި ތޮއްޖެހިގެން ކަމަށެވެ. އެހެންވެ، އެ ފަދަ ތަންތަނުގައި އުޅޭ ބިދޭސީން ސަރުކާރުން ކަނޑައަޅާ ވަގުތީ ތަންތަނަށް ބަދަލުކުރަން މިހާރު ވަނީ ފަށައިފަ އެވެ. މި ގޮތަށް އުޅޭ މީހުންގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝްގެ ލޭބަރުންނެވެ. މީގެ ތެރެއިން ބައެއް މީހުން ގައުމަށް ފޮނުވައިލަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެއާ ގުޅޭ ކަންކަން މިހާރު އަންނަނީ ފުރިހަމަ ކުރަމުންނެވެ.

ރެއާ ހަމައަށް ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދަކީ 316 އެވެ. ދިވެހިންނާއި ބަންގްލަދޭޝް މީހުން ފިޔަވައި އެ ބަލި ދެން އެންމެ ގިނައިން ޖެހިފައި ވަނީ ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާގެ މީހުން ކަމަށް ވާއިރު، އެ ގައުމުގެ މީހުން ޕޮޒިޓިވްވި އަދަދު އިއްޔެ ވަނީ އެހެން ހުރިހާ ދުވަހަކަށް ވުރެ މަތިވެފަ އެވެ. އިންޑިއާގެ 26 މީހަކު އިއްޔެ އެކަނި ވަނީ އެ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ. އެހެންވެ. އެ ގައުމުގެ 98 މީހަކު މިހާތަނަށް ރާއްޖެ އިން ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭގެ ޓުވީޓް

ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާގެ މީހުންގެ ތެރެއިން 900 މީހަކު މިހާތަނަށް ވަނީ އެ ގައުމުގެ ސަރުކާރުން ގެންގޮސްފަ އެވެ. އަންނަ ހުކުރު ދުވަހު ވެސް އިތުރު ގުރޫޕެއް އިންޑިއާގެ ސިފައިންގެ މަނަވަރެއްގައި ގެންދާނެ އެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް އިއްޔެ ޕޮޒިޓިވްވީ 51 މީހެކެވެ. އެއީ 12 ދިވެހިންނާއި ބަންގްލަދޭޝްގެ 11 މީހަކާއި އިންޑިއާގެ 26 މީހަކާއި ސްރީ ލަންކާގެ އެކެއް އަދި ނޭޕާލްގެ ވެސް އެކެކެވެ.

މިދިޔަ މާޗް 7 ން ފެށިގެން މިހާތަނަށް ރާއްޖެ އިން ވަނީ ކޮވިޑް-19 ގައި ހަތަރު މީހަކު ނިޔާވެފަ އެވެ. އޭގެ ތެރެއިން އެންމެ ފަހުން ރޭ އަވަހާރަވީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި އެންމެ ގިނަ މުދާ އެތެރެކުރާ އެއް ތަން ކަމަށްވާ އެމްއެޗްއޭގެ ވެރިޔާ ހުސައިން އަބްދުﷲ 88، އެވެ. އެ މަނިކުފާނުގެ އަނބިކަނބަލުން އާމިނަތު އާދަމް 83، މިދިޔަ މަހުގެ 29 ގައި އަވަހާރަވީ ވެސް ކޮވިޑް ބަލީގަ އެވެ. ހުސައިން އަބްދުﷲ ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އެނގުނީ އަނބިކަނބަލުން އަވަހާރަވި ދުވަހުގެ ފަހު ދުވަހު އެވެ.

ށ. މަރޮއްޓަށް އުފަން ހުސައިން އަބްދުﷲ އަކީ ނިޝާން ކަލާފާނުގެ ޝަރަފުގެ އިއްޒަތް (ނ.ކ.ޝ.އ) ދިވެހި ދައުލަތުން 2011 ގައި އަރުވާފައިވާ ބޭފުޅެކެވެ. އެ މަނިކުފާނަށް ސަރުކާރުން ވަނީ ހިތްވަރު ދިނުމުގެ އިނާމާއި ޝަރަފުވެރިކަމުގެ އިނާމު ވެސް އަރުވައިފަ އެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހިހެން ނިޔާވި ހަތަރު މީހުންގެ ތެރެއިން އެކަކީ އުމުރުން 33 އަހަރުގެ ބަންގްލަދޭޝްގެ މީހެކެވެ. މި ބަލި ރާއްޖެ އިން ޖެހުނު މީހުންގެ ތެރެއިން މިހާޔަނަށް ރަނގަޅުވީ 40 މީހެކެވެ.