އެންވަޔަރްމަންޓް މިނިސްޓްރީގެ ނައިބުގެ މަގާމުގައި ހުންނެވި އަބްދުﷲ މުހައްމަދު އިސްތިއުފާ ދެއްވައިފި އެވެ.

އަބްދުﷲ މިއަދު ވިދާޅުވި ގޮތުގައި އޭނާ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ ހަފުތާގަ އެވެ. އަދި އިސްތިއުފާގެ ސިޓީ ރައީސް އަބްދުﷲ ޔާމީން ގަބޫލުފުޅު ކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެންވަޔަރްމަންޓް މިނިސްޓްރީގައި ދެ އަހަރު ވަންދެން މަސައްކަތް ކުރެއްވުމަށް ފަހު މަގާމުން އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބުތަކަށްޓަކައި ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެކަމާ ގުޅޭ ތަފްސީލެއް އަބްދުﷲ ނުދެއްވަ އެވެ.

އަބްދުﷲ އިސްތިއުފާ ދެއްވުމުން މިނިސްޓްރީގައި ނައިބަކަށް މިހާރު ހުންނެވީ އަލީ އާމިރު އެކަންޏެވެ.

މިނިސްޓްރީގެ ނައިބުކަމުން އިސްތިއުފާ ދެއްވި އަބްދުﷲ ވަނީ ހަ މަސް ވަންދެން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ސީއީއޯއެއްގެ މަގާމު ފުރުއްވާފަ އެވެ. އޭގެ ކުރިން އޭނާ ވަނީ ފުވައްމުލަކު އަތޮޅު ކައުންސިލްގެ ނައިބު ރައީސްކަން ކުރައްވައިފަ އެވެ.