ތައިލެންޑްގައި ތިބި ދިވެހިން މިރޭ ރާއްޖެ ގެންނަނީ

ކޮވިޑް-19 އާ ގުޅިގެން ތައިލެންޑްގައި ތާށިވެފައި ތިބި ދިވެހިން މިރޭ ރާއްޖެ ގެންނަން ނިންމައިފި އެވެ.


ކޮވިޑް-19 އާ ގުޅިގެން އެކި ގައުމުތައް ލޮކްޑައުންކޮށް، ވައިގެ ދަތުރުތައް ހުއްޓާލުމުން އެ ގައުމުތަކުގައި ތާށިވި ދިވެހިިން ދޭތެރެދޭތެރެއިން ރާއްޖެ ގެނެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ ތައިލެންޑްގައި ތިބި ދިވެހިން ތެރެއިން ރާއްޖެ އަންނަން ބޭނުންވެގެން އަންގާފައިވަނީ 26 މީހުން ކަމަށެވެ. އެ މީހުން ރާއްޖެ ގެންނާނީ މިރޭ ތައިލެންޑުން މާލެ އަންނަ މޯލްޑިވިއަންގެ ފްލައިޓެއްގައި ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ރާއްޖެއިން ބޭރުން އަންނަ ދިވެހިިން ކަރަންޓީގައި މަޑުކުރަންޖެހޭ އުސޫލުގެ ތެރެއިން އެ މީހުން ވެސް 14 ދުވަހަށް ކަރަންޓީން ކުރާނެ އެވެ.

ތައިލެންޑްގައި ތިބި ދިވެހިން ރާއްޖެ ގެންނައިރު، ރާއްޖޭގައި ތިބި ތަައިލެންޑްގެ ގިނަ އަދަދެއްގެ ރައްޔިތުން ވެސް ވަނީ އެ ގައުމަށް ގެންގޮސްފަ އެވެ. އެކަމަށް މިއަދު ބޭއްވި މޯލްޑިވިއަންގެ ފްލައިޓްގައި ތައިލެންޑްގެ 15 މީހަކު ރާއްޖެއިން ގެންގޮސްފައިވާއިރު، މިހާތަނަށް އެ ގައުމުގެ 349 މީހަކު ވަނީ ގެންގޮސްފަ އެވެ.

މީގެ ކުރިން އެހެން ގައުމުތަކުގައި ތިބި ދިވެހިން ވެސް ރާއްޖެ ގެނެސްފައިވެ އެވެ. އެގޮތުން އިންޑިއާ އާއި ސްރީލަންކާ އާއި ބަންގްލަދޭޝާއި ނޭޕާލްގައި ތިބި ދިވެހިން ރާއްޖެ ގެނެސްފައި ވާއިރު، ރާއްޖޭގައި ތިބި ގިނަ އަދަދެއްގެ ބިދޭސީން ވެސް އެ މީހުންގެ ގައުމަށް ދަނީ ފޮނުވަމުންނެވެ.