ސަރުކާރުގެ އޮފީސްތަކުން ސޯޝަލް މީޑިއާ ބޭނުން ކުރުމުގައި ސަމާލުވާން އެދިއްޖެ

ސަރުކާރުގެ އޮފީސްތަކުން ސޯޝަލް މީޑިއާ ބޭނުން ކުރުމުގައި ރައްކާތެރިވެ، އާންމުންނަށް މައުލޫމާތު ފޯރުކޮށްދޭ އެކައުންޓުތައް ބެލެހެއްޓުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއް ނެޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއއައިޓީ) ން އާންމުކޮށްފި އެވެ.


ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ސޮއިކުރައްވައި، އާއްމު ކުރެއްވި، ކަމާ ގުޅޭ ސާކިއުލާ ވަނީ ސަރުކާރުގެ ހުރިހާ އޮފީސްތަކަކަށް ވެސް މިހާރު ފޮނުވައިފަ އެވެ.

ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ދަށުން ހިންގާ އެ އިދާރާ އިން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ، ސަރުކާރުގެ މައުލޫމާތާއި ޚަބަރު ފޯރުކޮށްދޭ ސޯޝަލް މީޑިއާ އެކައުންޓުތަކާއި ކޯޕަރޭޓް ޕޭޖުތައް ބޭނުންކޮށްގެން ރައްޔިތުންގެ ހިތުގައި ނުރަނގަޅު ތަސައްވުރެއް އުފެދޭ ގޮތަށް، ހަގީގަތާ ހިލާފު ވާހަކަތައް ދައްކަމުންދާ ކަމަށެވެ. އެހެންވެ، މުއައްސަސާތަކުގެ ފުރިހަމަ ކޮންޓްރޯލްގައި ރައްކާތެރިކަމާ އެކު، އެކައުންޓްތައް ބެލެހެއްޓުމަށް ސަމާލުކަންދޭންވީ ކަންކަން އެ ސާކިއުލާގައި ބަޔާންކޮށްފައި ވެ އެވެ.

އެންސީއައިޓީން މިކަން އިދާރާތަކުގެ ސަމާލުކަމަށް މި ގެނައީ ބައެއް ތަންތަނުގެ ސޯޝަލް މީޑިއާ އެކައުންޓް ހެކްކޮށް، އެ ތަންތަނުގެ ނަމުގައި ދޭހަވާ ގޮތަށް ވާހަަކަ ފަތުރަމުންދާތީ އެވެ. އެގޮތުން ވަރަށް ފަހުން، ޓޫރިޒަމް މިނިސްޓްރީގެ ސޯޝަލް މީޑިއާގެ އެކައުންޓްތައް ވެސް ހެކްކޮށް، ދޮގު ވާހަކަތައް ފަތުރާފައި ވެ އެވެ. މި ދުވަސްވަރު އެންމެ ގިނަ މީހުން ބަލާ އެޗްޕީއޭގެ ފޭސްބުކް އެކައުނޓެއް ވެސް ވަރަށް ފަހުން ހެކްކޮށް، މެސެޖެއް އާންމުކުރި އެވެ.

ސަމާލުކަން ދޭންވީ ބައެއް ކަންކަން

- ކޯޕަރޭޓް އެކައުންޓް ނުވަތަ ޕޭޖް އުފެއްދުމަށް މުވައްޒަފުންގެ އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓްތަކާއި އީމެއިލް އެޑްރެސް ބޭނުން ކުރުމުގެ ބަދަލުގައި އިދާރާގެ ރަސްމީ "ޖީއޯވީޑޮޓްއެމްވީ" އީމެއިލް އެޑްރެހަކާއި އޮފީހުގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ މޯބައިލް ނަމްބަރެއް ބޭނުން ކުރުން.

- ސޯޝަލް މީޑިއާގެ އިދާރީ އެކައުންޓްތަކަކީ އެ އިދާރާއެއްގެ އައިޓީ ޑިޕާޓްމެންޓްގެ ބެލުމުގެ ދަށުގައި ހުންނަ އެކައުންޓްތަކަށް ހަދައި، ޕާސްވޯޑް ރީސެޓް ކުރުމުގައި ބޭނުންކުރާ އީމެއިލް އެޑްރެހާއި ނަމްބަރަކީ އޮފީހުގެ ނަމުގައި ހަދާފައި/ރަޖިސްޓްރީކޮށްފައިވާ އެއްޗިއްސަށް ވުން

- ސޯޝަލް މީޑިއާ ބެލެެހެއްޓުމުގައި ރަސްމީކޮށް ހަވާލުކޮށްފައިވާ މުވައްޒަފުންގެ ރަޖިސްޓަރީ، ހިއުމަން ރިސޯސަސް އިން ބަލަހައްޓައި، އެ މުވައްޒަފުން ވަކިވެއްޖެ ނަމަ، އެ ބޭނުން ކުރުމަށް ދީފައިވާ ހުއްދަ ބާތިލްކުރުން. އެ މީހެއްގެ ފޯނުން އެކައުންޓްތައް ނެގުން ހިމެނޭ.

- ސޯޝަލް މީޑިއާގައި މައުލޫމާތު ޝާއިއު ކުރުމުގައި އަމަލު ކުރާނެ އާއްމު އުސޫލެއް އެކުލަވާލުން. އޭގައި، ލިޔާނެ މީހަކާއި ޗެކްކުރާނެ މީހަކާއި ހުއްދަ ދޭނެ މީހެއް ކަނޑައެޅުން ހިމެނޭ.

- އެކައުންޓުން ލޮގިން ވުމުން، ޕާސްވޯޑެއް ޖަހަން ފޯނަށް މެސެޖު އަންނަ ފަދަ، "ޓޫފެކްޓާ އޯތެންޓިކޭޝަން"އެއް ބޭނުން ކުރުން.