ކޮންމެ ފަދަ ހާލަތެއްގައި ވެސް ޔަމަނަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެ: މިނިސްޓަރު ޝާހިދު

ޔަމަނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް ކޮންމެ ފަދަ ހާލަތެއްގައި ވެސް އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމެއް ހަމަޖައްސަން ޖެހޭނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.


ޔަމަނަށް ދިމާވެފައިވާ ހިއުމަނިޓޭރިއަން ކްރައިސިސްއާ ގުޅޭގޮތުން ބޭއްވި ބައިނަލްއަގްވާމީ މަތީ ފަންތީގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ ޔަމަނަށް ޖެހިފައިވާ ހާލަތުން އަރައިގަތުމަކީ އިސްލާމީ އުންމަތުގެ އެއްބައިވަންތަކަމާ ގުޅިފައިވާ ކަމެއް ކަމަށް ކަމަށެވެ. އެ ސަރަހައްދުގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކާ ގުޅިގެން، ޔަމަނުގައި އުޅޭ 24 މިލިއަން މީހުން ދަނީ ބަނޑުހައިހޫނުުކަން ތަހައްމަލު ކުރަމުން ކަމަށާ އަދި ގިނަ ބަޔެއްގެ ގެދޮރު ގެއްލިފައިވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ޝާހިދު ބައިވެރިވަޑައިގަތް މި ވީޑިއޯ ކޮންފަރެންސް އިންތިޒާމް ކުރެއްވީ ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރްހާން އެވެ. އދ. ހިއުމަނިޓޭރިއަން އެފައާޒްއާ ބެހޭ އަންޑަ ސެކަޓަރީ ޖެނަރަލް އަދި އިމަޖަންސީ ރިލީފް ކޯޑިނޭޓަރު މާކް ލޯކޮކްގެ އިތުރުން ގިނަ ގައުމުތަކެއްގެ އިސްވެރިން ވެސް މި ބައްދަލުވުމުގައި ބައިވެރިވި އެވެ.

މީގެ އިތުރުން ކޮވިޑް-19 ގެ ސަބަބުން ޔަމަނަށް އެހީ ފޯރުކޮށްދިނުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ބައްދަލުވުމުގައި ބައިވެރިވި ގިނަ ގައުމުތަކުން ވަނީ ޔަމަނަށް އެހީތެރިކަން ފޯރުކޮށްދޭން ވައުދުވެފަ އެވެ.

ދުނިޔެ އަށް މި ވަގުތު ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ ސަބަބުން 270 މިލިއަނެއްހާ މީހުން ބަނޑަށް ޖެހިދާނެ ކަމަށް އދ. އިން ވަނީ މީގެ ކުރިން ބުނެފަ އެވެ. އޭގެ ތެރޭގައި ޔަމަން ހިމެނެ އެވެ.