އަންނަ މަހުން ފެށިގެން އުފަން ދުވަހުގެ ސެޓްފިކެޓް ހަދަން ހުށަހަޅާކަށް ނުޖެހޭނެ

ރާއްޖޭގައި އުފަންވާ އަދި މަރުވާ މީހުންގެ ހުރިހާ މައުލޫމާތެއް އެއްތަނަކުން ލިބޭ ގޮތަށް އުފައްދާފައިވާ "ގެމެން" މޮޑިއުލް އަންނަ މަހުން ފެށިގެން ބޭނުންކުރަން ނިންމައިފި އެވެ.


މި ބޭނުންކުރަން ފެށުމުން އުފަން ދުވަހުގެ ސެޓްފިކެޓް ހައްދަން ކައުންސިލަށް އަމިއްލަ އަށް ހުށަހަޅަން ޖެހުން ވެސް ނިމުމަކަށް އަންނާނެ އެވެ. މަަރުވާ މީހުންގެ މައުލުމާތު ވެސް ވަގުތުން މި މޮޑިއުލް މެދުވެރިކޮށް، އެ ލިބެންޖެހޭ އިދާރާތަކަށް ލިބޭނެ އެވެ.

ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން އުފައްދާފައިވާ މި މޮޑިއުލްގެ ބޭނުން ކައުންސިލްތަކާއި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އާއި ހުރިހާ ހޮސްޕިޓަލްތަކާއި ހެލްތު މިނިސްޓްރީ ފަދަ މީހުންގެ މައުލޫމާތުތައް އެނގެން ޖެހޭ ހުރިހާ ތަނަކުން ބޭނުންކުރާނެ އެވެ.

ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު "މިހާރު" އަށް މިއަދު ވިދާޅުވި ގޮތުގައި ކުއްޖަކު އުފަންވުމާ އެކު ހޮސްޕިޓަލުން ފޫޅުމައި ފޯމު ފުރުމާ ހަމައިން ހުރިހާ ތަނަކަށް ބޭނުންވާ މައުލޫމާތެއް މި މޮޑިއުލް އިން ލިބޭނެ އެވެ. އެގޮތުން، ކައުންސިލަށް މައުލޫމާތު ލިބި ކުއްޖާގެ އުފަން ދުވަހުގެ ސެޓްފިކެޓް ހައްދަން ނުގޮސް މީގެ ފަހުން ޖެހޭނީ އައިޑީކާޑަށް ވެސް ހަމަ އެކަނި ފޮޓޯ ދޭން ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން މީހަކު މަރުވެ ހޮސްޕިޓަލުން މީހާގެ މަރު ސާބިތުކުރުމާ އެކު އެ މައުލޫމާތު ވެސް ކަމާބެހޭ އިދާރާތަކަށް ލިބޭނެ ކަމަށް ވިދާޅުވި އެވެ. އެހެންވެ މިއީ އެތައް ގޮތަކުން ފަސޭހަތައް ލިބޭނެ މޮޑިއުލްއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގެ ސަބަބުން މީހާގެ މަރު ސާބިތުކޮށް ކުރަންޖެހޭ އިދާރީ ކަންކަމާއި އުފަންވާ ކުދިންގެ މައުލޫމާތުތައް ފުރިހަމަކޮށް، އައިޑީ ކާޑު ހެދުމާ މި ކަންކަމަށް އުފުލަން ޖެހޭ ބުރަ ކުޑަވާނެ. އަދި ސަރުކާރަށް ވެސް ސައްހަ މައުލޫމާތުތައް ވަގުތުން ވަގުތަށް ލިބި، ހަރަދުގެ ގޮތުން ބެލިޔަސް ފަސޭހަ ވާނެ" އަލީ ސޯލިހު ވިދާޅުވި އެވެ.

މި މޮޑިއުލް ތައްޔާރުކޮށް ބޭނުންކުރުމާ މެދު މިއަދު ވަނީ ކަމާބެހޭ މިނިސްޓްރީތަކާއި އިދާރާތަކާ އެކު ބައްދަލުވުމެއް ބާއްވައިފަ އެވެ.

ކޮމިއުނިކޭޝަން މިނިސްޓްރީ އާއި ނެޝެނަލް ސެންޓާ ފޮ އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީ އާއި އެލްޖީއޭގެ އިސްނެގުމަކަށް ބޭއްވި މި ބައްދަލުވުމުގައި ޑީއެންއާރްގެ އިތުރުން ހެލްތު މިނިސްޓްރީ އާއި މާލެ ސިޓީ ކައުންސިލުން ވެސް ވަނީ ބައިވެރިވެފަ އެވެ.