ތަފާސްހިސާބުގެ ކަންކަން ބެލެހެއްޓުމަށް ވަކި ޑިޓާޕްޓްމަންޓެއްގެ ގޮތުގައި އުފައްދައިފައިވާ "މޯލްޑިވްސް ބިއުރޯ އޮފް ސްޓެކްޓިސް" އަކީ މިނިވަން އިދާރާއަކަށް ހެދުމަށާއި އެ ތަނަށް އިތުރު ބާރުތަކެއް ދިނުމަށް ގާނޫނެއް ފާސްކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
ތަފާސްހިސާބު އެއްކުރުމަށް ހާއްސަ ޑިޕާޓްމަންޓެއް ރާއްޖޭގައި ހިންގާތާ 40 އަހަރު ވެފައިވާއިރު، "މޯލްޑިވްސް ބިއުރޯ އޮފް ސްޓެކްޓިސް މިހާރު ހިންގަނީ ޕްލޭނިން މިނިސްޓްރީގެ ދަށުންނެވެ.
ތަފާސްހިސާބާ ބެހޭ ބިލް މަޖިލީހަށް ހުށަހަޅުއްވަމުން ދިއްގަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވީ އެ ބިލްގައި ވާގޮތުން، އެ އިދާރާ އަށް އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބޭ ކަމަށެވެ. އޭނާ ވިދާޅުވީ ތަފާސްހިސާބު ހޯދަން އެދުމުން އެ މައުލޫމާތު ނުދޭ ނަމަ އެ ހޯދުމުގެ ބާރު އެ ބިއުރޯއަށް ބިލުން ލިބޭނެ ކަމަށެވެ.
ބިއުރޯގެ އިސް ފަރާތެއްގެ ގޮތުގައި ބިލްގައި ކަނޑައަޅާފައި ވަނީ ޗީފް ސްޓެކްޓީޝަނެވެ. އޭނާ އައްޔަން ކުރާނީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖީހަށް ނަމެއް ފޮނުއްވައިގެން މަޖިލީހުން އެ ނަން ފާސްކޮށް ގެން ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ. ބިއުރޯގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ ޕޭ ކޮމިޝަންގެ ލަފާގެ މަތިން ފިނޭންސް މިނިސްޓްރީން ކަމަށް ބިލްގައި ވެ އެވެ.
ބިލްގައިވާ ގޮތުން، ބިއުރޯ އަށް ލަފާ ދިނުމަށް 10 މެމްބަރުން ހިމެނޭ ގޮތަށް ތަފާސްހިސާބާ ބެހޭ ކައުންސިލެއް އޮންނަން ޖެހެ އެވެ. އެ ކައުންސިލްގައި ގައުމީ ޔުނިވާސިޓީން މީހަކު ހިމެނޭއިރު އަނެއް ނުވަ މެމްބަރުން އައްޔަން ކުރާނީ ރައީސް ކަމަށް ވެސް ބިލާ ހަވާލާދީ، އިކްރާމް ވިދާޅުވި އެވެ. އެ ބިއުރޯ އަށް ލަފާދިނުމަށް ފަންނީ ބޭފުޅުންގެ ކޮމެޓީތައް އުފެއްދުމުގެ ބާރު ވެސް ދީފައިވެ އެވެ.
އިކްރާމް ވިދާޅުވީ އެއީ ދުނިޔޭގެ ގިނަ ގައުމުތަކެއްގައި މުހިންމު ދައުރެއް އަދާ ކުރާ އިދާރާއެއް ކަމަށެވެ. އެ އިދާރާއިން ދޭ ހިދުމަތްތަކަށް ފީއެއް ނެގުމުގެ ބާރު ވެސް ބިލުން ދީފައިވެ އެވެ.
ބިއުރޯއާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތައް
• ރާއްޖޭގެ އިގްތިސާދާއި އިޖުތިމާއީ، ތިމާވެއްޓާއި އާބާދީއާ ބެހޭ ތަފާސްހިސާބުތަކުގެ އަލީގައި ގައުމުގެ ހާލަތު ވަޒަން ކުރުން.
• ތަފާސްހިސާބުތަކުން އެނގޭ މައުލޫމާތު ވަކި ފަރާތަކަށް ނުޖެހި އާންމު ކުރުން.
• ތަފާސްހިސާބު ބެލެހެއްޓުމުގެ އުސޫލުތަކާއި އިޖުރާތްތައް ބައިނަލްއަގުވާމީ މިންގަނޑަކަށް އެކުލަވައިލުން.
• ތަފާސްހިސާބުގެ ދާއިރާއިން މީހުން ބިނާކުރުން.
އިކްރާމް ވިދާޅުވި ގޮތުގައި، އެ ބިއުރޯ އަކީ ރާއްޖެ ކުރިއަށް ގެންދިއުމަށް ނިންމަން ޖެހޭ ނިންމުންތައް ނިންމުމަށް ބޭނުންވާ މައުލޫމާތު އެއް ކުރުމަށް ވަރަށް މުހިންމު ތަނެކެވެ.
"މި ޑިޕާޓްމަންޓަކީ ސިޔާސީ ނުފޫޒުން އެއްކިބާވެ. ރައްޔިތުން އިތުބާރު ކުރެވޭ ފަދަ މުހިންމު މަސައްކަތްތަކެއް ކުރަން ޖެހޭ މުއައްސަސާއެއްގެ ގޮތުގައި އަޅުގަނޑަށް ފެންނަނީ. ނަމަވެސް މިއަދު މި މައުލޫމާތުތައް ހޯދުމަށް އެކި ޑިޕާޓްމަންޓްތަކަށް ދިއުމުން ސިޔާސީ ސަބަބުތަކަށްޓަކައި ހުރެ ބައެއް މައުލޫމާތުތައް ދިނުމަށް އުޒުރުވެރިވާ ހާލަތް އެބަ ދިމާވޭ،" އިކްރާމް ވިދާޅުވި އެވެ.
ބިލް ހުށަހެޅުމުގެ މަގުސަދަކީ ތަފާސްހިސާބާ ބެހޭ ގައުމީ ނިޒާމެއް ގާއިމް ކުރުން ކަމަށް އިކްރާމް ވިދާޅުވި އެވެ. ތަފާސްހިސާބުގެ ކަންކަން ބެލެހެއްޓުމަށް މިނިވަން މުއައްސަސާއެއް އުފެއްދުމަށާއި އެ މުއައްސަސާ އަށް ބާރުތައް ދިނުމަކީ އެ ބިލްގެ މަގުސަދު ކަމަށް އިކްރާމް ވިދާޅުވި އެވެ.
ބިލް މަޖިލީހަށް ހުށަހެޅުއްވުމުން، ރިޔާސަތުގައި އިންނަވައި ބަހުސް ކުރައްވަމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކޮވިޑް-19 އިން އަރައިގަތުމަށް ވެސް ކުރެވޭ އެންމެ މުހިންމު ކަމަކީ ތަފާސްހިސާބުތަކަށް ބަލައި ކަންކަން ކަނޑައެޅުން ކަމަށެވެ. މިއީ މުހިންމު ބިލެއް ކަމަށާއި އެހެން ކަމުން އެ ބިލަށް ބަހުސްކޮށް، އެ ބިލް ގާނޫނަކަށް ހެދުމަކީ މުހިންމު ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ދިވެހި ރާއްޖޭގެ ތަފާސްހިސާބު މިދިޔަ 200 އެއްހާ އަހަރު ވަނީ ހަމަގައިމު ވެސް ވިޔަފާރީގެ ތަފާސްހިސާބު އެއްގޮތަކުން ނުވަތަ އަނެއް ގޮތަކުން ބެލެހެއްޓިފައި. އަދި ރަށްރަށުގެ ތަފާސްހިސާބު ހާއްސަކޮށް ޓެކްސްގެ ތަފާސްހިސާބު. އެއީ ވަރުވާ ނެގުނު މިންވަރާއި ވާރު ނެގުނު މިންވަރު. ހުރިހާ ގެއަކުން ނެގޭ މިންވަރު އެބަ ހުރޭ ފެންނަން ވާރު ފަތްކޮޅު ތަނުން،" ނަޝީދު ވިދާޅުވި އެވެ.
ގައުމީ އުފެއްދުންތެރިކަމުގެ މިންވަރު މިހާރު އެނގެނީ މުޅި ރާއްޖެ އަށް ކަމަށާއި އޭގެ ބަދަލުގައި ވަކިވަކި ރަށްރަށުން ނުވަތަ އަތޮޅުތަކުން އެ މިންވަރު ހުރި ގޮތް އެނގެން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެ މައުލޫމާތުތައް ނުލިބުމަކީ ތަރައްގީ އަށް އެޅޭ ވަރަށް ބޮޑު ހުރަހެއް ކަމަށް ވެސް ވިދާޅުވި އެވެ.