ތަފާސްހިސާބުގެ ކަންކަން ބެލެހެއްޓުމަށް ވަކި މިނިވަން މުއައްސަސާއެއް އުފެއްދުމަށް ނުފެންނަނަ ކަމަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް މިއަދު ވިދާޅުވެއްޖެ އެވެ.

ތަފާސްހިސާބު އެއްކުރުމަށް ހާއްސަ ޑިޕާޓްމަންޓެއް ރާއްޖޭގައި އުފައްދާފައިވާތާ 40 އަހަރު ވެފައިވާއިރު، "މޯލްޑިވްސް ބިއުރޯ އޮފް ސްޓެކްޓިސް"، މިހާރު ހިންގަނީ ޕްލޭނިން މިނިސްޓްރީގެ ދަށުންނެވެ.

ސަރުކާރުގެ ފަރާތުން ދިއްގަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިކްރާމް ހަސަން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ތަފާސްހިސާބާ ބެހޭ ބިލްގައިވާ ގޮތުން، އެ މަސައްކަތް ކުރުމަށް ވަކި މުއައްސަސާއެއް އޮންނަން ޖެހެ އެވެ. އަދި އެ މުއައްސަސާ އަށް އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބެ އެވެ.

އެ ބިލަށް ބަހުސް ކުރެއްވި ހުރިހާ މެމްބަރުން ވެސް ވިދާޅުވީ، އެއީ ވަރަށް މުހިންމު ބިލެއް ކަމަށެވެ. ގައުމު ތަރައްގީ ކުރެވެން އޮތީ ތަފާސްހިސާބުގެ ކަންކަން ރަނގަޅު ކޮށްގެން ކަމަށް ވާއިރު އެފަދަ ގާނޫނެއް ކޮންމެހެން އޮންނަން ޖެހޭ ކަމަށް ހުރިހާ މެމްބަރުން ވެސް ވިދާޅުވި އެވެ.

މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވީ، އިތުރު މިނިވަން މުއައްސަސާއެއް އުފެއްދުމުން އަނެއްކާ ވެސް ދައުލަތުގެ ހަރަދުތަކެއް ބޮޑުވާނެ ކަމަށެވެ. މިހާރު އުފައްދާފައިވާ ގިނަ މިނިވަން މުއައްސަސާތައް ވެސް ރަނގަޅަށް މަސައްކަތް ނުކުރާ ކަމަށާއި އެހެން ކަމުން އިތުރު މިނިވަން މުއައްސަސާއެއް އުފައްދަން ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަނިމާދޫ ދާއިރާގެ އަބްދުލް ގަފޫރު މޫސާ (ގަޕޯ) ވިދާޅުވި ގޮތުގައި، ތަފާސްހިސާބާ ބެހޭ އިދާރާ މިނިވަން މުއައްސަސާއަކަށް ހެދުމުގެ ބަދަލުގައި މިހާރު އޮތް ގޮތަށް ޕްލޭނިން މިނިސްޓްރީގެ ދަށުން ހިންގުން މާ ރަނގަޅު ވާނެ އެވެ.

ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވެސް ވިދާޅުވީ މިނިވަން ތަނެއްގެ ގޮތުގައި ތަފާސްހިސާބުތައް ބަލަހައްޓާ އިދާރާ ބޭއްވުން ކޮންމެހެން މުހިންމު ނޫން ކަމަށެވެ. ވަކި މުއައްސަސާއަކަށް ނުހެދި ނަމަވެސް ގާނޫނީ ފްރޭމް ވޯކެއް ހަދައިގެން އެކަން ކުރެވިދާނެ ކަމަށް ސަލީމް ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ބަހުސް ކުރައްވަނީ: އޭނާ ވިދާޅުވީ ތަފާސްހިސާބަށް މިނިވަން މުއައްސަސާއެއް އުފައްދަން ނުޖެހޭ ކަމަށް-- ފޮޓޯ: މަޖިލިސް
މިއަދުގެ ޖަލްސާގައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ބަހުސް ކުރައްވަނީ: އޭނާ ވިދާޅުވީ ތަފާސްހިސާބަށް މިނިވަން މުއައްސަސާއެއް އުފައްދަން ނުޖެހޭ ކަމަށް-- ފޮޓޯ: މަޖިލިސް

އެއް ކަމެއް ކުރުމަށް މިހާރު ވެސް އެކި ނަންނަމުގައި މިނިވަން މުއައްސަސާތައް ހަދާފައިވާ ކަމަށް ސަލީމް ވިދާލުވި އެވެ.

"ރާއްޖޭގައި ވަރަށް ގިނަ މުއައްސަސާތައް ވިސްނުމެއް ނެތި އަޅުގަނޑުމެންނަށް އުފެއްދެމުން އެބަދޭ. މިސާލަކަށް އޭރު އަޅުގަނޑު ދެންނެވިން މޯލްޑިވްސް މީޑިއާ ކައުންސިލް. ބްރޯޑްކާސްޓިން ކޮމިޝަން. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް. މިއީ ހަމަ މައުލޫމާތާއި މީޑިއާއާ ބެހޭ ގޮތުން އަޅުގަނޑުމެން އުފައްދާފައި ހުރި މުޅިން ވެސް މިނިވަން މުއައްސަސާތައް. މި ތިން ތަން އުވާލައިފައި މާ އުފެއްދުންތެރި މުއައްސަސާއެއް، އެއް ފުރާޅެއްގެ ދަށުގައި މަސައްކަތް ކުރާ ގޮތް ހެދިއްޖެއްޔާ ދިވެހިރާއްޖެ އަށް މާ ބޮޑަށް ވެސް ފައިދާ ވާނެ،" ސަލީމް ވިދާޅުވި އެވެ.

ބިލްގައިވާ ގޮތުން، ބިއުރޯ އަށް ލަފާ ދިނުމަށް 10 މެމްބަރުން ހިމެނޭ ގޮތަށް ތަފާސްހިސާބާ ބެހޭ ކައުންސިލެއް އޮންނަން ޖެހެ އެވެ. އެ ކައުންސިލްގައި ގައުމީ ޔުނިވާސިޓީން މީހަކު ހިމެނޭއިރު އަނެއް ނުވަ މެމްބަރުން އައްޔަން ކުރާނީ ރައީސް ކަމަށް ވެސް ބިލްގައިވެ އެވެ. އެ ބިއުރޯ އަށް ލަފާ ދިނުމަށް ފަންނީ ބޭފުޅުންގެ ކޮމެޓީތައް އުފެއްދުމުގެ ބާރު ވެސް ދީފައިވެ އެވެ.

ސަލީމް ވިދާޅުވި ގޮތުގައި، އެއީ ވެސް ރާއްޖެ އަށް ތަންކޮޅެއް ގިނަ އަދަދެކެވެ. އެހެން ކަމުން ކޮމިޓީ މަރުހަލާގައި އެކަން އިތުރަށް ބެލުމަށް އޭނާ އެދިވަޑައިގަތެވެ.

ގިނަ މެމްބަރުންނާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ އާ ހިޔާލު ތަފާތެވެ. އޭނާ ވިދާޅުވީ ގައުމު ތަރައްގީ ކުރުމަށްޓަކައި ގައުމަށް ވެފައިވާ ގޮތާއި ވެދާނެ ގޮތް ބެލުމަށް ތަފާސްހިސާބު ހޯދަން ޖެހޭ ކަމަށެވެ. އެކަން ކުރުމަށް ވަކި މިނިވަން މުއައްސަސާއެއް އޮންނަން ޖެހޭ ކަމަށް އީސަ ވިދާޅުވި އެވެ.

"ދިވެހިރާއްޖެ އަކީ ސަފާގީ ގޮތުން އަބަދު ވެސް ޒަމާނުންސުރެއް ވަރަށް ފަހަކާ ޖެހެންދެން އަދި މިހާރު ވެސް ބައެއް ކަންކަން ހުރީ އެހެން. ބާރުގަދަ ނުފޫޒު ގަދަ މަގާމުތަކުގައި ތިބޭ ފަރާތްތަކުން ބޭނުންވާ ގޮތަކަށް ތާރީހު ވެސް ލިޔަނީ. މައުލޫމާތު ވެސް ލިޔެ އެއް ކުރަނީ،" މިނިވަން މުއައްސަސާއެއް އުފައްދަން ޖެހޭ ސަބަބު އީސަ ވިދާޅުވި އެވެ.

ބިއުރޯގެ އިސް ފަރާތެއްގެ ގޮތުގައި ބިލްގައި ކަނޑައަޅާފައި ވަނީ ޗީފް ސްޓެކްޓީޝަނެވެ. އޭނާ އައްޔަން ކުރާނީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖީހަށް ނަމެއް ފޮނުއްވައިގެން މަޖިލީހުން އެ ނަން ފާސްކޮށްގެން ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.

ބިއުރޯގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ ޕޭ ކޮމިޝަންގެ ލަފާގެ މަތިން ފިނޭންސް މިނިސްޓްރީން ކަމަށް ބިލްގައި ވެ އެވެ.