މާލޭގެ އެއް އަވަށުގެ ގޮތުގައި އޮންނަ ހުޅުމާލެ ވަކި ސިޓީއަކަށް ހަދަން ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ގޮވާލައްވައިފި އެވެ.
މެމްބަރު ސައުދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހުޅުމާލެ އަކީ ރާއްޖޭގެ ހުރިހާ ރަށަކުން ހެން މީހުން އުޅެން ފަށާފައިވާ ތަނެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ހުޅުމާލޭގެ އާބާދީ ވަރަށް ބޮޑު ވާނެ ކަމަށެވެ.
އެހެންވީމާ ހައުސިން ޑެވެލޮޕްމަންތް ކޯޕަރޭޝަން (އެޗްޑީސީ) އުވާލުމަކީ ހައްލެއް ނޫން ކަމަށާއި ހައްލަކީ ހުޅުމާލެއަށް ވަކި ސިޓީއެއް އުފެއްދުން ކަމަށް މެމްބަރު ސައުދު ވިދާޅުވި އެވެ.
މެމްބަރު ސައުދު މިހެން ވިދާޅިވެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގައި އެޗްޑީސީއާ ގުޅިގެން ވާހަކަތައް ދެކެވިފައިވާ ދަނޑިވަޅެއްގަ އެވެ. ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ވިއްކަން އެޗްޑީސީ ނިންމާފައިވާ ކަމަށް ބުނެ އެކަން ބެލުމަށް އެދި ހުށަހަޅާފައިވާ މައްސަލައާ ގުޅޭ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ވާހަކަދައްކަވަމުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވަނީ އެޗްޑީސީ އުވާލަން ޖެހޭ ކަމަށް ބުނެ ވާހަދައްކަވާފަ އެވެ.
ހުޅުމާލޭގެ ބިމަކީ ތަރިކަ މުދަލެއްގެ ގޮތުގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބަލައިގެން ނުވާނެ ކަމަށާއި މިގޮތަށް ދެކޭ ނަމަ އެ ކުންފުނި އުވާލަން ޖެހޭ ކަމަށެވެ. އެޗްޑީސީ އުވާލުމަށްފަހު، ލާމަރުކަޒީ ގާނޫނުގެ ތެރެއިން ރަށްރަށުގެ ބިން ބޭނުން ކުރުމުގައި އަމަލު ކުރާ އުސޫލުގެ ތެރެއަށް ފެއްތުމަށްފަހު އާ ކުންފުންޏެއް އުފައްދަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
ބޮންޑޭ މިހެން ވިދާޅުވީ އެ ކުންފުނީގެ މާލިއްޔަތާއި އެސެޓްގެ ތެރޭގައި ހުޅުމާލޭގެ ބިން ހިމެނޭ އިރު އެ ބިންތައް ފެންނަ އަގެއްގައި ވިއްކުމުގެ ބާރު އެ ކުންފުންޏަށް ލިބިގެންވާ ކަމަށް އެޗްޑީސީން ބުނުމާ ގުޅިގެންނެވެ.
ނަމަވެސް ކޮމިޓީގައި ވެސް ބައެއް މެމްބަރުން ވަނީ މިކަމާ ދެކޮޅަށް ވާހަކަދައްކާފަ އެވެ.
އެޗްޑީސީއަކީ ހުޅުމާލޭގެ ކަންކަން ބަލަހައްޓަމުން އަންނަ މައި ކުންފުންޏެވެ. އެގޮތުން ހުޅުމާލެއިން ބިން ވިއްކުމާ ފްލެޓްތައް ދޫކުރުމާ މިފަދަ ހުރިހާކަމެއް ވެސް ކުރަމުން އަންނަނީ އެޗްޑީސީގެ ބެލުމުގެ ދަށުންނެވެ.