މާލެ މީހުންނަށް މޮޅު ގޮތް ވާކަށް ނުޖެހޭ، އެކަން ވާންވީ ރަށްރަށުގެ މީހުންނަށް: އަނދުން ހުސެއިން

މާލެ މީހުންނަށް މޮޅު ގޮތް ވާން ނުޖެހޭނެ ކަމަށާއި ރަށްރަށުގެ މީހުންނަށް މާ ރަނގަޅު ގޮތްތައް ވާންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ހެންވޭރު ދެކުނު ދާއިރާގެ ހުސެއިން ޝަހީމް (އަނދުން ހުސެއިން) މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.


ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް މަޖިލިހުގައި ބަހުސް ކުރައްވަމުން ހުސެއިން މިސާލެއްގެ ގޮތުގައި ނެންގެވީ ދ. ކުޑަހުވަދޫ އެވެ. ކުޑަހުވަދޫގައި 4،000 އެއްހާ މީހުން ދިރިއުޅޭ އިރު، އެ ރަށުގެ މަގުތަކުގައި ތާރު އަޅައި އެއާޕޯޓެއް ހަދާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

އެކަމަކު، އެ ރަށުގައި ދިރިއުޅޭ މަސްވެރިން މަސް ނުކިރިގެން އުކާލަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ކުޑަހުވަދޫން މިސާލު ނެންގެވީ ރާއްޖޭގެ ރަށްތައް އެންމެ ފުރިހަމަ ގޮތުގައި ތަރައްގީ ނުކުރެވޭ ކަމުގެ މިސާލެއްގެ ގޮތުގަ އެވެ. އެކަމަކު، ހަމަ އެ ނޭވާގައި، އަނދުން ހުސެއިން ވަނީ ރާއްޖޭގެ އެއްވެސް ރަށެއްގެ މީހަކު ބާކީ ނުވެ، ހަމަހަމަކަމާ އެކު، ހިދުމަތްތައް ދޭން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

ހުސެއިން ވިދާޅުވި ގޮތުގައި ބިލްގެ ބޭނުމަކީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާއި ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއިން ވޭތުވެދިޔަ މުއްދަތުގައި ކައުންސިލްތަކުގެ ކިބައިން ވަކިކުރެވިފައިވާ ބާރުތަކާއި ޒިންމާތައް އިއާދަކޮށްދިނުން ކަމަށެވެ.

ބިލް ދިރާސާ ކުރާ އިރު، ރަށެއްގެ އިހްތިސާސްގެ ތެރޭގައި 700 މީޓަރުގެ ރޭޑިއަސްގައި ހިމެނޭ ތަންތަނަކީ އެ ރަށަކަށް އެއްވެސް ކަމެއްވާ ތަނެއްތޯ އާއި އެއްވެސް ފައިސާއެއް ލިބޭ ތަނެއްތޯ ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އަންހެނުންނަށް 33 ޕަސެންޓު ކައުންސިލްތަކުން ދޭން ބިލްގައި ބުނާ އިރު، އެކަމަށް ތާއީދު ކުރައްވާ ކަމަށާއި އެކަން ބަހާނެ އިންސާފުވެރި ގޮތެއް ނިންމަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ހުސެއިންގެ ވާހަކައިގައި މާލޭގެ ރައްޔިތުންގެ ދިފާއުގައި ވެސް ވާހަކަ ދެއްކެވި އެވެ.

ހުސެއިން ވިދާޅުވީ ގާނޫނުއަސާސީގައި ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަން ވާނެ ގޮތުގެ ވާހަކަ އޮތް އިރު، ސަރުކާރުގެ އާމްދަނީން ފަސް ޕަސެންޓު ރަށްރަށަށް ދީ، އެ ރަށެއްގެ އިހްތިސާސްގައި ނުހިމެނޭ ފަޅު ރަށާއި އުފުލާ ނުގެންގުޅެވޭ އެއްޗެއްގެ ބިމު ކުލީގެ ގޮތުގައި ލިބޭ އެއްޗަކުން 40 ޕަސެންޓު ދޭން ބިލްގައި ހިމެނި އިރު، މާލެ އާއި ހުޅުމާލެ އާއި ވިލިމާލެ ރައްޔިތުން މިކަންކަމުން މަހްރޫމްވެފައިވާ ކަމަށެވެ.

އެހެންވެ، ގާނޫނުއަސާސީ އަށް ބަދަލު ގެނެސްގެން ވިޔަސް، "މާލެ އަތޮޅު" ރަށެއްގެ ގޮތުގައި މާލެ ހިމަނާފައި ވެރިރަށުގެ ގޮތުގައި މާލެ އޮތުމަކުން މައްސަލައެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވީ މާލޭގައި ދިރިއުޅޭ ރައްޔިތުން އެކި ތަންތަނުގައި ދިރިއުޅެވޭނެ ތަނެއް ހޯދަން ޖެހޭ ކަމަށެވެ. މާލޭގައި އުޅޭ 80،000-90،000 މީހުންން ދިރިއުޅެނީ 12 ފޫޓާއި ހަ ފޫޓުގެ "ކާޑު ފޮއްޓެއްގެ" ތެރޭގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އިގްތިސާދީ ގޮތުން ވިޔަފާރި ކުރެވޭނެ ގޮތެއް މާލޭގެ ރައްޔިތުންނަށް އޮންނަން ޖެހޭނެ ކަމަށް ވެސް ބޮންޑޭ ވިދާޅުވި އެވެ. އެހެންވެ، މާލެ އާއި ވިލިމާލޭގައި ހުރި ވޯކްޝޮޕްތަކާއި އެސްޓީއޯގެ ގުދަންތައް ނަގައި ވެށިފަހި ސަރަހައްދެއް ބިނާ ކުރަން ޖެހޭ ކަމަށް ވެސް ބޮންޑޭ ވިދާޅުވި އެވެ.

"މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވީހާވެސް އަވަހަކަށް ވެށިފަހި މާލެއެއް، ވައުދުވެފައިވާ މިންވަރަށް ފްލެޓާއި ގޯތީގެ އިންތިޒާމުތައް ހަމަޖައްސައި ދިނުމަށް އެދެން،" ބޮންޑޭ ވިދާޅުވި އެވެ.