ޖަމާލުއްދީން ސްކޫލުގެ ހައުސް ކެޕްޓަން އަހުމަދު އާކިފަށް މިއަދު ލިބުނު އުފާ ބޮޑެވެ. ކޮވިޑް-19 އާ ގުޅިގެން ތިން މަހަށް ވުރެ ގިނަ ދުވަހު ބަންދުކޮށްފައި އޮތް ސްކޫލަށް ދެވުމުން، އެ މާހައުލު އަލުން ފެނުމާއި ރައްޓެހިންނާ ދިމާވުމުގެ އުފަލެވެ.
ގޭގައި ބަންދުވެގެން ހުރި އިރު އޮންލައިންކޮށް ކިޔެވުން ކުރިއަށް ގެންދެވުނަސް، ގްރޭޑް 10ގެ ދަރިވަރު ބުނީ، "ގޭގައި ކިޔެވުމާއި ސްކޫލްގައި ކިޔެވުމުގައި ތަފާތުތަކެއް އެބަ ހުރި" ކަމަށެވެ.
ސްކޫލަށް އަލުން ދެވޭ ގޮތްވެ، ރައްޓެހިންނާ ބައްދަލުވެވި، ކުރީގެ އާންމު ދިރިއުޅުމުގެ ކޮންމެވެސް މިންވަރެއް ހާސިލްވުމަކީ، އާކިފަށް ވެސް އޮތް ވަރަށް ބޮޑު ހިތްހަމަޖެހުމެވެ. އޭގެ އިތުރުން ލޮކްޑައުންގައި އޮންލައިންކޮށް ކިޔަވައިދޭން ފެށުމަކީ، ސްކޫލަށް ދަމުން ވެސް، ގޭގައި ތިބެގެން ދަރިވަރުންނަށް ހޯދައިގަނެވޭނެ އިތުރު ފަސޭހައެއްގެ ގޮތުގައި އޭނާ ދެކެ އެވެ.
"ފުރަތަމަ ދުވަސްކޮޅު ވަރަށް އުނދަގޫވި އާ ގޮތަކަށް ކިޔަވަން. ޓެބްލެޓްތައް ވެސް ބޭނުންކުރަން ފެށީ ކުއްލިއަކަށް. މިހާރު އެކަމަކު ފަސޭހަ،" އާކިފް ބުންޏެވެ.
މުޅި ދުނިޔެއަށް ވެސް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ބިރަށް ސްކޫލުތައް ބަންދުކުރީ، އާކިފާއި އޭނާ ފަދައިން މި އަހަރު އޯ ލެވެލްއަށް ކިޔަވަމުން އައި ދަރިވަރުން ބޮޑު އިމްތިހާނަށް ތައްޔާރުވަމުން އަންނަނިކޮށެވެ. އެކަމަކު މިހާރު އޯ ލެވެލް އިމްތިހާނު ވަނީ އަންނަ އަހަރުގެ މެއި/ޖޫން މަހަށް ފަސްކޮށްފަ އެވެ.
"އެ އިމްތިހާނަށް ތައްޔާރުވާން އިތުރު ވަގުތު ލިބިފައި މިވަނީ،" އާކިފް ބުންޏެވެ.
ޖަމާލުއްދީން ސްކޫލުގެ ކެޕްޓަން އާމިނަތު އައިމީ ބުނި ގޮތުގައި އަލުން ރައްޓެހިންނާ ބައްދަލުވިއަސް ކޮވިޑް-19ގެ ސަބަބުން އުޅެން ޖެހިފައިވާ ގޮތުން "އެހާ ކޮމްފަޓަބްލްއެއް ނޫނެ"ވެ. ދުރުދުރުގައި ތިބެން ޖެހުމާއި މާސްކް އަޅައިގެން އުޅުމަކީ އެހެން ކުދިންނާ މުއާމަލާތްކުރަން ކުރިމަތިވާ ހުރަހެއް ކަމަށް އޭނާ ބުންޏެވެ.
އެކަމަކު ދުވަސްތަކަކަށް ފަހު ގާތް ރައްޓެހިންނާ ދިމާވުމުން، އައިމީ ބުނި ގޮތުގައި، ލިބުނު އުފަލެކެވެ.
ސްކޫލު އަލުން ފެށުމުން، މީގެ ކުރިން ކިޔެވުން ހުއްޓާލި ހިސާބުން ފެށިގެން ކުރިއަށްގެންދެވޭތޯ މަސައްކަތްކުރަން އޭނާ ހުރީ އަޒުމް ކަނޑައަޅައިގެންނެވެ. އެކަމަކު އޯ ލެވެލް ފަސްވުމަކީ "ވިސްނަން ޖެހޭ ކަމެއް" ކަމަށް އޭނާ ދެކެ އެވެ.
"ގޭގައި ކިޔަވަން ޖެހުމުން އެސައިމަންޓުތަކަށް އެހާ ބޮޑަށް ސަމާލުކަން ނުދެވިދާނެ. ކަންފަސޭހަކޮށްލެވިދާނެ. އެކަމަކު ސްކޫލުގައި ކިޔަވަން ޖެހުމުން އެކަން ރަނގަޅުކުރެވޭނެ،" އައިމީ ބުންޏެވެ.
ތާޖުއްދީން ސްކޫލުގެ ގްރޭޑު ނުވައެއްގެ ދަރިވަރު އަދި އެ ސްކޫލްގެ ޕްރިިފެކްޓެއް ކަމަށް ވާ އައިޝަތު ރައިމާ ނާޒިމް ބުނީ ސްކޫލަށް އަންނަ ފެށުމުން ސީދާ ޓީޗަރުންނާ ދިމާވެ، ފިލާވަޅު އޮޅުންފިލުވޭނެތީ، އެއީ އޮންލައިންކޮށް ކިޔެވުމާ ތަފާތު ކަމެއް ކަމަށެވެ.
"ސްކޫލަށް އައިމަ ފަސޭހަވާނެ، ޓީޗަރުންނާ ދިމާވެ ކަންކަން އޮޅުންފިލުވުމާއި އެ ފިލާވަޅުތަކުގައި އެހެން ކުދިންގެ ހިޔާލު ލިބުމަކީ ވެސް އިތުރަށް [ފަސޭހަ] ލިބިގެންދިއުން،" ރައިމާ ބުންޏެވެ.
އެކަމަކު ވަރަށް އަވަހަށް އަދި އެހާމެ ބާރަށް ފެތުރޭ ކޮރޯނާވައިރަސް އިން ސަލާމަތްވުމަށް އަޅާފައިވާ ބައެއް ފިޔަވަޅުތަކުގެ އުނދަގޫ، ދަރިވަރުންނަށް އޮތް ކަމަށް، އޭނާ ދެކެ އެވެ. އޭގެ ތެރެއިން އެއް ކަމަކީ ކްލާހުގައި ދުރުދުރުގައި ތިބެން ޖެހުމެވެ.
"ވަރަށް އޮޑް އަސްލު ދުރުގައި ތިބޭތީ، ހީވަނީ ޓެސްޓެއް ހަދާހެން،" ރައިމާ ބުންޏެވެ.
"ތަންކޮޅެއް ދުރުގައި އިންނާތީ [އުނދަގޫތައް] ކުރިމަތިވޭ އައިޑިއާސް ޝެއާކުރުން ކަހަލަ ކަންކަމުގައި."
އެކަމަކު ބަލި ފެތުރުމުގެ ފުރުސަތު އޮތް މި ހާލަތުގައި ދަރިވަރުންނަށް އެނޫން ގޮތެއް އަދި ނެތެވެ.
ކޮވިޑް-19 ގެ ކޮމިޔުނިޓީ ސްޕްރެޑް މާލޭ ސަރަހައްދުގައި އޮތުމުން މިއަދު ސްކޫލްތައް ހުޅުވީ ހަމައެކަނި ގްރޭޑް 9-12 ގެ ދަރިވަރުންނަށެވެ. ކުރިން ކްލާހެއްގައި 30 ދަރިވަރުންނަށް ތިބެވުނަސް، ދުރުދުރުގައި މޭޒުތައް ޖެހުމުން މިހާރު ފަހަރަކު ވަދެވޭނީ 15 ދަރިވަރުންނަށެވެ. އޭގެ އިތުރުން ފަސޭހައިން އަތް ދޮވެވޭނެ ގޮތާއި ކުދިންގެ ހުން ބެލުން ފަދަ އިންތިޒާމްތައް ވެސް ވަނީ ހަމަޖައްސައިފަ އެވެ.