ފާޑުކިޔުންތައް ބޮޑުވެ، ދުންފަތުގެ ޑިއުޓީ ކުޑަ ނުކުރަން އެންމެ ފަހުން ހުށަހަޅައިފި

ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީން 50 ޕަސެންޓު ކުޑަކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން ނިންމި ނިންމުން ބަދަލު ކުރަން އިމްޕޯޓް، އެކްސްޕޯޓް ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.


މި އިސްލާހު މި ހުށަހެޅީ، ދުންފަތުގެ ބާވަތްތަކުގެ ޑިއުޓީ 50 ޕަސެންޓު ކުޑަކުރަން މުޅި މަޖިލީހުގެ ކޮމިޓީން ނިންމުމުން، އެތައް ބައެއްގެ ފާޑުކިޔުމާއި ނުރުހުން މި ސަރުކާރަށާއި އެމްޑީޕީ އަށް އަމާޒުވެފައި ވަނިކޮށެވެ.

މުޅި މަޖިލީހުގެ ކޮމިޓީން މިދިޔަ އަންގާރަ ދުވަހު ފާސްކުރީ އައްޑޫ ހިތަދު އާއި ހދ. ކުޅުދުއްފުށީ ސަރަހައްދީ ބަނދަރަށް ގެންދާ އެއްޗެހީގެ ތެރެއިން، ދުންފަތް ވެސް ހިމެނޭ ގޮތަށް ވަކި ބާވަތްތަކަކުން 50 ޕަސެންޓު ޑިއުޓީ މާފު ކުރާށެވެ. އޭގެ ތެރޭގައި ދުންފަތާއި ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި ދުންފަތުގެ ބަދަލުގައި ބޭނުންކުރާ އީ-ސިނގިރޭޓް ފަދަ ބާވަތްތައް ހިމެނެ އެވެ. އެ ދެ ބަނދަރަށް އެތެރެކުރާ ދުންފަތުގެ ބާވަތްތަކުން 50 ޕަސެންޓު ޑިއުޓީ ކުޑަކުރާއިރު މި ބާވަތްތަކުން މިހާރު 200 ޕަސެންޓު ޑިއުޓީ ނަގަ އެވެ.

ކޮމިޓީގެ އެ ނިންމުމަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން، މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް އިއްޔެ ހުށަހެޅުއްވީ ޑިއުޓީ ކުޑަކުރާ ބާވަތްތަކުގެ ތެރޭގައި ދުންފަތާއި އެނާޖީ ޑްރިންކްގެ އިތުރުން ރަލުގެ ބާވަތްތައް ނުހިމެނުމަށެވެ.

ހައިތަމް، "މިހާރު" އަށް މިއަދު ވިދާޅުވީ އެ އިސްލާހު ފާސްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. ގިނަ މެމްބަރުންގެ ވިސްނުން ހުރީ ދުންފަތާއި އެނާޖީ ޑްރިންގެ އިތުރުން ރަލުގެ ބާވަތްތަކުގެ ޑިއުޓީ ކުޑަ ނުކުރަން ކަމަށް ވެސް ހައިތަމް ވިދާޅުވި އެވެ.

"މެމްބަރުންގެ ސްޓޭންޑަކީ، ނޫނީ މެޖޯރިޓީ އޮތީ އެ ބާވަތްތަކުގެ ޑިއުޓީން 50 ޕަސެންޓު ކުޑަ ކުރާ ގޮތަކަށް ނޫން. ފްލޯގައި ވެސް ވާހަކަ ދެއްކެވުނީ އެ ގޮތަށް. އެހެންވީމާ މި އިސްލާހު ފާސްވާނެ ކަމުގެ ޔަގީންކަން އެބައޮތް،" އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖީލީހުގެ އެމްޑީޕީގެ މެމްބަރު ވިދާޅުވި އެވެ.

ކޮމިޓީގެ އެ ނިންމުމަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހާ ހަމައަށް އޮތީ ހުޅުވާލައިފަ އެވެ. މަޖިލީހުގެ ތަޅުމުން އެ ބިލް ފާސް ކުރާނީ އޭގެ ފަހުންނެވެ.

ވިލިމާލެ ދާއިރާގެ އަމިއްލަ މެމްބަރު އަހުމަދު އުޝާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުގެ ތަޅުމުން ބިލް ފާސް ކުރާއިރު ދުންފަތުގެ ބާވަތްތަކުގެ ޑިއުޓީ ކުޑަ ނުކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.

އުޝާމް ކުރެއްވި ޓްވީޓް

ދުންފަތުގެ ޑިއުޓީ 50 ޕަސެންޓަށް ކުޑަކުރަން މަޖިލީހުގެ މުޅި ކޮމިޓީން ނިންމި އިރު މިހާރު ވެސް ސަރަހައްދީ ބަނދަރުތަކުން ބާލާ މުދަލުން ދޭ 30 ޕަސެންޓުގެ ލުއި ދުންފަތާއި އެނާޖީ ޑްރިންކްސް ފަދަ ބައެއް ބާވަތްތަކަށް ނުލިބެ އެވެ. އެގޮތަށް ހަމަޖައްސާފައި އޮންނަނީ ގާނޫނުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ އިޚްތިޔާރުގެ ދަށުންނެވެ. އެހެންކަމުން އެއީ ގާނޫނުގައި ނުހިމަނައި ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ދީފައި އޮންނަ ލުޔެކެވެ.

މިހާރު ހުށަހަޅާފައި އޮތީ 50 ޕަސެންޓު ލުއި، ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ދޭ ގޮތަށް ބަދަލުކުރާށެވެ.

ދުންފަތުގެ ބާވަތްތަކުގެ ޑިއުޓީ ކުޑަކޮށްފި ނަމަ އެ ތަކެތީގެ އަގު ހެޔޮވެ، ގިނަ ބަޔަކު ދުންފަތުގެ އިސްތިއުމާލު ކުރަން ފެށުމުގެ ބިރު އެބައޮތް ކަމަށް ސިއްހީ ތަޖުރިބާކާރުން ވަނީ ވިދާޅުވެފަ އެވެ. މިހާރަށް ވުރެ ވެސް ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރަން ޖެހޭ ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.

މިހާރު 200 ޕަސެންޓު ޑިއުޓީ ނަގާތީ ސިނގިރޭޓް ފޮއްޓެއްގެ އަގު 70ރ. އަށް ވަނީ އަރައިފަ އެވެ. ވަކި ސިނގިރޭޓް ވިއްކުން ރާއްޖޭގައި މިހާރު މަނާކޮށްފައި ވުމާއި ސިނގިރޭޓް ފޮއްޓެއް ލިބޭ އަގު ބޮޑު ވެފައިވުމުން އެއީ އަލަށް އެ އިސްތިއުމާލު ކުރަން ފަށާ މީހުން މަދުވާ ސަބަބެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.