ހިންމަފުށީގައި ކަރަންޓީން ނިންމަން ހެދި ޓެސްޓުން މީހަކު ޕޮޒިޓިވް ވެއްޖެ

ކ. ހިންމަފުށީގައި ހޯމް ކަރަންޓީނަށް ދިޔަ 80 އަހަރުގެ ފިރިހެނަކު، 14 ދުވަސް ހަމަކޮށް، ކަރަންޓީން ނިންމަން ހެދި ޓެސްޓުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.


ހިންމަފުށީ ކައުންސިލުން މިއަދު ބުނީ ގެސްޓުހައުސްއެއްގައި ވަކިން ހުރި އެ މީހާއާ އެކު، އޭނާގެ ކާފަ ދަރިއަކު ވެސް މާލޭން އެ ރަށަށް ދިޔަ ކަމަށެވެ. އެކަމަކު އޭނާގެ ޓެސްޓު ނެގެޓިވް އެވެ.

އއ. ތޮއްޑު އާއި ހދ. ނޮޅިވަރަމްގައި ހޯމް ކަރަންޓީނުގައި ހުރި ބަޔަކު ވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ. ތޮއްޑޫން ޕޮޒިޓިވް ވީ ނުވަ އަހަރުގެ ކުޑަކުއްޖެކެވެ.

ނޮޅިވަރަމް އިން ޕޮޒިޓިވްވެފައި ވަނީ މިދިޔަ ހޯމަދުވަހު މާލެ އިން އެ ރަށަށް ދިޔަ އެއްބަނޑު އެއްބަފާ ތިން މީހުންގެ ތެރެއިން ދެ ފިރިހެނުންނެވެ. އޭގެ ތެރެއިން އެކެއްގެ ސާމްޕަލް ނެގީ މާލެއިންނެވެ. ނަމަވެސް އޭނާ ޕޮޒިޓިވްކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންގީ، ރަށަށް ދިޔަ ފަހުން ކަމަށް ވެ އެވެ.

އެ މީހާ ޕޮޒިޓިވް ވުމުން، އޭނާއާ އެކު ދެން ތިބި ދެ މީހުންގެ ޓެސްޓު ހެދި އެވެ. އެކަމަކު އޭގެ ތެރެއިން ޕޮޒިޓިވްވީ އެކެކެވެ.

މާލެ ސަރަހައްދުގައި އޮތް ލޮކްޑައުންއަށް ލުއިތައް ދިން ފަހުން ޕޮޒިޓިވް ވާ ދިވެހިންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެގޮތުން އިއްޔެ އެކަނި ވެސް 64 މީހަކު އެ ބައްޔަށް ޕޮޒިޓިވް ވި އެވެ. އޭގެ ތެރޭގައި 44 ދިވެހިން ހިމެނެ އެވެ.