ކަރަންޓީން އަމުރާ ހިލާފުވެއްޖެ ނަމަ 5،000ރ. އިން ޖޫރިމަނާ ކުރަނީ

ގައިންގަޔަށް އަރާ ބަލިތަކާ ގުޅިގެން ކަރަންޓީނުކުރާ މީހުން ކަރަންޓީނު އަމުރާ ހިލާފުވެއްޖެ ނަމަ 5،000ރ. އިން ޖޫރިމަނާ ކުރެވޭ ގޮތަށް "އެކަހެރި ކުރުމުގެ މަރުކަޒުތަކާއި ކަރަންޓީނުކުރުމުގެ މަރުކަޒުތަކާ ބެހޭ ގަވާއިދު" އަށް މިއަދު އިސްލާހު ގެނެސްފި އެވެ.


އިސްލާހުކޮށް ގެޒެޓްކޮށްފައިވާ އާ ގަވައިދުގައި ބުނެފައިވަނީ ކަރަންޓީނު ކުރުމުގެ މަރުކަޒުތަކާއި އެކަހެރިކޮށް ބެހެއްޓުމުގެ މަރުކަޒުތައް ކަނޑައެޅުމުން، ނުވަތަ އެކަހެރިކޮށްފައި ބަހައްޓައިގެން ފަރުވާދިނުމަށް ހަމަޖެހިފައިވާ އުސޫލުން އެކަން ކުރަން ފެށުމުން، އެ ކަމަށް އިހުތިރާމްކޮށް އާންމު ސިއްހަތުގެ ނުރައްކާ ކޮންޓްރޯލު ކުރުމަށް ނުވަތަ ގައިން ގަޔަށް އަރާ ބަލި ކޮންޓްރޯލް ކުރުމުގެ މަސައްކަތަށް ކޮންމެ މީހަކު ވެސް އެއްބާރުލުން ދޭންވާނެ ކަމަށެވެ. އެކަމާ ހިލާފުވެއްޖެ ނަމަ އެއީ ކުށެއް ކަމަށް ގަވައިދުގައި ވަނީ ކަނޑައަޅައިފަ އެވެ.

ގަވައިދުގައި ބުނެފައިވަނީ އެކަހެރިވުމަށް އަންގައިފައިވާ މީހަކު، އޭނާއަށް އަންގައިފައިވާ އަމުރާ ހިލާފުވެއްޖެ ނަމަ، 5،000ރ. ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

މީހަކު ނުވަތަ ބަޔަކު ކަރަންޓީނުކުރުމަށް އެއްބާރުލުން ނުދިނުމާއި އެކަހެރިކޮށްގެން ފަރުވާ ދިނުމަށް ހުރަސްއަޅައިފި ނަމަ އެކަން ކުރި މީހަކު އަމުރާ ހިލާފުވާ ފުރަތަމަ ފަހަރު 2,500ރ. އިން ޖޫރިމަނާކުރެވޭނެ އެވެ. އަދި އަމުރާ ހިލާފުވާ ދެވަނަ ފަހަރު 3,500ރ. ޖޫރިމަނާކޮށް އަދި އޭގެ ފަހުން އަމުރާ ހިލާފުވާ ކޮންމެ ފަހަރަކު 5،000ރ. އިން ޖޫރިމަނާކުރާނެ އެވެ.

މިއަދުން ފެށިގެން އެ ގަވައިދަށް އަމަލު ކުރަން ފަށާފައިވާއިރު އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅައި، އެ ފިޔަވަޅުތައް ތަންފީޒު ކުރުމުގެ ކަންކަން ކުރިޔަށް ގެންދާނީ، ފުލުހުންނެވެ. އަދި ފުލުހުންގެ ހިދުމަތް ގާއިމުވެފައި ނުވާ ރަށްރަށުގައި ފިޔަވަޅުތައް އަޅަމުން ގެންދާނީ ލޯކަލް ކައުންސިލްތަކުންނެވެ.

ކޮވިޑް-19 އަށް ރާއްޖޭން ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެއާއެކު ކަރަންޓީން ފެސިލިޓީތަކަށް ގެންދާ މީހުންނާއި ގޭގައި ކަރަންޓީނުކުރާ މީހުން ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

އިއްޔެގެ ހަވީރު 6:00 އާ ހަމަ އަށް ރާއްޖޭން 7,578 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. މީގެ ތެރެއިން 4،653 އަކީ ދިވެހިންނެވެ.