ބ. އަތޮޅު ސޮނެވާފުށީ ރިސޯޓުގެ މުވައްޒަފަކު ކޮވިޑަށް ހެދި ފުރަތަމަ ޓެސްޓުން ޕޮޒިޓިވް ވެފައިވަނީ "ފޯލްސް ޕޮޒިޓިވް" އަކުން ކަމަށާއި ދެވަނަ ފަހަރަށް ހެދި ޓެސްޓުން ނެގެޓިވް ކަމަށް އެ ރިސޯޓުން ދެންމެ ބުނެފި އެވެ.

"އެޗްޕީއޭ އިން އެކަން ވަނީ އަޅުގަނޑުމެންނަށް ކަށަވަރުކޮށްދީފައި،" ރިސޯޓުން ނެރެފައިވާ ކުރު ބަޔާނެއްގައި ބުނެފައި ވެ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ އެ ރިސޯޓުގެ މުވައްޒަފު ކޮވިޑަށް ޓެސްޓް ކޮށްފައިވަނީ، ރިސޯޓުގެ މުވައްޒަފުން ރެންޑަމްކޮށް ޓެސްޓް ކުރުމުގެ ތެރޭގަ އެވެ. އަދި ޓެސްޓް ކުރުމުގެ ތެރެއިން އޭނާ ޕޮޒިޓިވް ވުމާ އެކު، އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް، އޭނާ އެކަހެރި ކޮށްފައިވާނެ ކަމަށް ވެސް ރިސޯޓުން ބުނެފައިވެ އެވެ.

ރާއްޖޭގެ އެންމެ އަގުބޮޑު ރިސޯޓުގެ ތެރޭގައި ހިމެނޭ، ސޮނެވާފުށިން ބުނި ގޮތުގައި އެ ރިސޯޓުން އަބަދު ވެސް ޓޫރިސްޓުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރި ކަމަށް އިސްކަން ދެ އެވެ. އަދި އެ ރިސޯޓަކީ ކޮވިޑަށް ރާއްޖޭގައި ޓެސްޓްކުރެވޭނެ އިންތިޒާމު ހަމަޖައްސައިދީފައިވާ ހަމައެކަނި ރިސޯޓް ވެސް މެ އެވެ.

ހަތަރު ވަރަކަށް މަހު ޓޫރިޒަމް ހުއްޓިފައި އޮތުމަށް ފަހު، ރާއްޖޭގެ ބޯޑަރު އަލުން މިއަދު ހުޅުވި އިރު، ސޮނެވާފުއްޓަށް ވެސް ވަނީ ޓޫރިސްޓުން އައިސްފަ އެވެ.